ޢާއިޝަތު ރަފާޙް ޢަލީ
އިންސާނުންނަށް ކުރަން އެންމެ އުނދަގޫކަމަކަށްވެފައި އޮންނަނީ ތިމާގެ ނަފްސް އެދޭ ކަންކަން ނުކޮށް ހުރުމެވެ. ޙައްޤު ގޮތުގައި ޘާބިތުވެ ހުރުމެވެ.
ޝަހުވާތުގެ މާނައަކީ ނަފްސުގެ އެދުންތަކެވެ. ﷲ ތަޢާލާ ކީރިތި ޤުރްއާނުގެ ނިސާ ސޫރަތުގެ 27 ވަަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.
وَيُرِيدُ الَّذِينَ يَتَّبِعُونَ الشَّهَوَاتِ أَن تَمِيلُوا مَيْلًا عَظِيمًا ﴿٢٧﴾
މާނައީ: "އަދި، އަމިއްލަ އެދުންތަކަށް تبع ވާ މީހުން އެދެނީ (حق ގެ މަގު ފިޔަވައި باطل ގެ މަގަށް) ބޮޑުވެގެންވާ ލެނބުމަކުން ތިޔަބައިމީހުން ލެނބިގަތުމަށެވެ. (27)"
· ޢިއްފަތްތެރިކަން:
ޢިލްމުވެރިން ބަހުގައި ޢިއްފަތްތެރިކަން މާނަކުރައްވަނީ ޙަރާމް އަދި ދުނިޔެވީ ޝައުޤުވެރިކަމުން ދުރުވެ ދުރަށް ދިއުމުގެ ގޮތުގައެވެ ޢިއްފަތްތެރިކަން މާނަކުރެއްވީ އިންސާނާ އޭނާގެ އެދުންތަކަށް އަރައިގަނެ، ނަފްސުގެ އެދުންތަކާއި އެކަން ކޮންޓްރޯލް ކުރުމުގެ ޙާލަތެއް ކަމުގައެވެ.
ﷲ ތަޢާލާ ނާޒިޢާތު ސޫރަތުގެ 40 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.
وَأَمَّا مَنْ خَافَ مَقَامَ رَبِّهِ وَنَهَى النَّفْسَ عَنِ الْهَوَىٰ ﴿٤٠﴾
މާނައީ: އަދި އެމީހާގެ ވެރިރަސްކަލާނގެ حضرة ގައި ހުންނަންޖެހޭ ހުރުމަށް ބިރުވެތިވެ، އެމީހެއްގެ نفس އަމިއްލަ އެދުންތަކުން ދުރުކޮށްފިމީހާ ދަންނާށެވެ! (40)
· ބެލުންތައް ތިރިކުރުން:
މާތްالله އާއި އެކަލާނގެ ރަސޫލާ، ޙަރާމް ބެލުންތަކުން އިންސާނުންގެ ބެލުންތައް ތިރިކުރުމަށް އަންގަވާފައިވެއެވެ. އެހެނީ ޙަރާމް ކަންކަމަށް ބެލުމަކީ ނުބައިކަންކަން ފެށުމުގެ އަސްލަކަށް ވާތީއެވެ.ﷲ ތަޢާލާ ނޫރު ސޫރަތުގެ 30 އަދި 31 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.
قُل لِّلْمُؤْمِنِينَ يَغُضُّوا مِنْ أَبْصَارِهِمْ وَيَحْفَظُوا فُرُوجَهُمْ ۚ ذَٰلِكَ أَزْكَىٰ لَهُمْ ۗ إِنَّ اللَّهَ خَبِيرٌ بِمَا يَصْنَعُونَ ﴿٣٠﴾ وَقُل لِّلْمُؤْمِنَاتِ يَغْضُضْنَ مِنْ أَبْصَارِهِنَّ وَيَحْفَظْنَ فُرُوجَهُنَّ މާނައީ:
"مؤمن ފިރިހެނުންނަށް، އެއުރެންގެ ބެލުންތައް ތިރިކުރުމަށާއި، އެއުރެންގެ فرج ތައް ރައްކާތެރިކުރުމަށް ކަލޭގެފާނު ވިދާޅުވާށެވެ! އެގޮތް އެއުރެންނަށްޓަކައި، طاهر ކަން ބޮޑެވެ. ހަމަކަށަވަރުން، اللَّه އީ، އެއުރެން ކުރާކަންތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. (30) އަދި مؤمن އަންހެނުންނަށް އެކަނބަލުންގެ ބެލުންތައް ތިރިކުރުމަށާއި، އެކަނބަލުންގެ فرج ތައް ރައްކާތެރިކުރުމަށް ކަލޭގެފާނު ވިދާޅުވާށެވެ!"
· ނަފްސާއި ޖިހާދުކުރުން:
ނަފްސު އޭގެ ޠަބީޢަތުގައި އުފާވެރިކަމާއި ނަފްސުގެ އެދުންތަކާއި ދިމާއަށް ދެއެވެ. ނަމަވެސް ޞާލިޙް ތަޤްވާވެރި އަޅެއް ނަމަ އަމިއްލަ ނަފްސާއި ޖިހާދުކޮށް އެދުންތަކާއި ޝަހްވާތްތަކާއި ދުރުހެލިވުމަށްޓަކައި ނަފްސާއި ކުރިމަތިލައެވެ.
· ކެތްތެރިކަމާއި ނަމާދުން ވާގިހޯދުން:
މާތް ﷲ ސުބްޙާނަހޫ ވަތަޢާލާ އެކަލާނގެ ވަފާތެރި އަޅުންނަށް ކެތްތެރިކަމާއި ދުޢާއިން އެހީތެރިކަން ހޯދުމަށް އަމުރުކުރެއްވިއެވެ. ކެތްތެރިކަމަކީ އިންސާނާގެ އަމިއްލަ ނަފްސާއި، އެދުންތައް ކޮންޓްރޯލް ކުރުމަށް އެހީތެރިވެދޭ ކަމެކެވެ. ﷲ ތަޢާލާ ބަޤަރާ ސޫރަތުގެ 45 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.
وَاسْتَعِينُوا بِالصَّبْرِ وَالصَّلَاةِ ۚ وَإِنَّهَا لَكَبِيرَةٌ إِلَّا عَلَى الْخَاشِعِينَ ﴿٤٥﴾
މާނައީ: "އަދި ކެތްތެރިކަމާއި ނަމާދުން ތިޔަބައިމީހުން ވާގިހޯދާށެވެ! ބިރުވެތިވެ މަޑުމައިތިރިވާ މީހުންނަށް މެނުވީ، ހަމަކަށަވަރުން، އެއީ ވަރަށް ބޮޑުކަމެކެވެ. (އެބަހީ: ދަތި އުނދަގޫ ކަމެކެވެ.) (45)"
· ގިނަގިނައިން ތައުބާވުމާއި އިސްތިޣްފާރުކުރުން:
ހެޔޮ ޢަމަލުތައް ކުރުން ގިނަކުރުމާއި ތައުބާވުމާއި، އިސްތިޣްފާރުކުރުމަކީ ނުބައި އެދުންތަކާއި ޙަރާމް ކަންކަމުން މީހަކު ދުރުކޮށްދޭ ސަބަބުތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ. މި ޢަމަލުތަކުގެ ސަބަބުން މުސްލިމް އަޅާއަށް ﷲ ތަޢާލާގެ ލޯބި ލިބިގެންދެއެވެ. ﷲ ތަޢާލާ ނިސާ ސޫރަތުގެ 110 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.
وَمَن يَعْمَلْ سُوءًا أَوْ يَظْلِمْ نَفْسَهُ ثُمَّ يَسْتَغْفِرِ اللَّهَ يَجِدِ اللَّهَ غَفُورًا رَّحِيمًا ﴿١١٠﴾
މާނައީ: "ނުބައިކަމެއްކޮށް، ނުވަތަ، އެމީހެއްގެ އަމިއްލަ نفس އަށް އަނިޔާވެރިވެ، ދެން (އެއަށްފަހު) ފާފަފުއްސެވުން އެދި اللَّه ގެ حضرة އަށް ދަންނަވާމީހާ (ދަންނާށެވެ!) اللَّه އީ، ގިނަގިނައިން ފާފަފުއްސަވާ رحيم ވަންތަ ކަލަކު ކަމުގައި އޭނާ ދެކޭނެއެވެ. (110)"
· ﷲ ތަޢާލާއަށް ދުޢާ ކުރުމުގައި ދެމިހުރުން:
ދުޢާއަކީ ޢިއްފަތްތެރިކަން ލިބުމުގެ އެއް ސަބަބެވެ. އެއީ އިންސާނާ އެދުންތަކާއި ފާފަތަކާ ދުރުކޮށްދޭ އެއް ސަބަބެވެ.
ޔޫސުފްގެފާނަށް ނުބައި ފާޙިޝް ޢަމަލަކަށް ދަޢުވަތު ލިބިވަޑައިގަތްހިނދު ދުޢާކުރެއްވިއެވެ. އެވާހަކަ ބަޔާންކޮށްދެއްވަމުން ﷲ ތަޢާލާ ޔޫސުފް ސޫރަތުގެ 33 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.
قَالَ رَبِّ السِّجْنُ أَحَبُّ إِلَيَّ مِمَّا يَدْعُونَنِي إِلَيْهِ ۖ وَإِلَّا تَصْرِفْ عَنِّي كَيْدَهُنَّ أَصْبُ إِلَيْهِنَّ وَأَكُن مِّنَ الْجَاهِلِينَ ﴿٣٣﴾
މާނައީ: "އެކަލޭގެފާނު ވިދާޅުވިއެވެ. އަޅުގެ ވެރިރަސްކަލާކޮ! ތިމަންއަޅާ ކުރުމަށް އެއުރެން އެ އެދޭކަންތަކަށްވުރެ، ޖަލުގައި ހައްޔަރުވުންވެސް، ތިމަންއަޅާއަށް ލޮބުވެތިކަން މާބޮޑެވެ. އަދި އިބަރަސްކަލާނގެ އެއުރެންގެ މަކަރުވެރިކަން ތިމަން އަޅާގެ ކިބައިން ދުރުނުކުރެއްވިނަމަ، ތިމަންއަޅާ އެއުރެންނަށް ލެނބިގެން ހިނގައިދާނެތެވެ. އަދި جاهل ންގެ ތެރެއިން ތިމަންއަޅާ ވެދާނެތެވެ. (33)"