ދުނިޔޭގައި މިއޮންނަނީ 2 ފުރުޞަތެކެވެ. އެއީ ކުރާ ކަންކަމަށް ދުނިޔެއިން ބަދަލު ލިބުމާއި އާޚިރަތް ދުވަހު ބަދަލު ލިބުމެވެ. ޢާޚިރަތް ދުވަހު ބަދަލު ނުވަތަ ޘަވާބު ލިބޭނީ އެކަމެއް ކުރީ ހަމައެކަނި ﷲ ތަޢާލާގެ ޙަޟްރަތުން ޘަވާބަށް އެދިގެންނަމައެވެ.
މިވާހަކަ ދައްކަން މިޖެހެނީ ބައެއް މީހުންނަށް ބުނެވޭ ބަހެއްގެ ސަބަބުންނެވެ. "ތިމަންނާ މިވެނި އެވެނި ބައަކަށް މިވެނި އެވެނިހައި ހެޔޮކޮށް ކަންކަންކޮށްދިނީމެވެ. އެކަމަކު އެމީހުން އެކަމެއް ނުދަނެއެވެ." މިފަދަ ބަސްތައް ބުނެވޭތީއެވެ.
ބުނަން ހެއްޔެވެ؟ މިފަދަ ވިސްނުމެއް އަންނަނަމަ އެއޮތީ ކަންކަން ވަރަށް ބޮޑަށް ގޯސްވެފައެވެ. ވީމާ ފުރަތަމަ ކަމަކަށް އަމިއްލަ ނަފްސާއި ސުވާލުކޮށްލާށެވެ! ތިމާ މިކަންތައް އެމީހަކަށް މިކޮށްދެނީ ކީއްކުރަން؟ ކީއްވެގެން ހެއްޔެވެ؟
ޖަވާބަކީ އެކަން މިކޮށްދެނީ ﷲ ތަޢަލާގެ ޙަޟްރަތުން ރަޙްމަތަށް އެދިގެން ﷲ ތަޢާލާއަށްޓަކައި ކަމުގައިވާނަމަ ކުރިން ބުނި މައްސަލަ ހިތުގައި އުފެދޭކަށް ނުޖެހޭނެއެވެ. އެ މައްސަލަ އެއުފެދެނީ އެކަމެއް ނުވަތަ ކަންކަން ކޮށްދިން އިރު އެމީހެއްގެ ކިބައިން ބަދަލަކަށް އުންމީދުކުރެވިފައި އޮތުމުންނެވެ. އެހެންކަމަށްވާނަމަ އެކަމަށް ﷲ ތަޢަލާގެ ޙަމްރަތުން ޘަވާބެއް ނެތެވެ.
މިކަން ފާހަގަކޮށްލަން މިޖެހުނީ މިފަދަ ވިސްނުންތައް ޢާއިލާގެ މީހުންނާއިމެދުގައިވެސް ގެންގުޅެވޭތީއެވެ. ޢާއިލާގެ މީހަކަށް ނަމަވެސް އެއްވެސް ކަމެއް ކޮށްދޭންވާނީ އެމީހުންގެ ކިބައިން އެއްވެސް ބަދަލަކަށް އެދިގެނެއް ނޫނެވެ. ﷲ ތަޢާލާގެ ޙަޟްރަތުން ޘަވާބަށް އެދިގެންނެވެ.
ﷲ ތަޢާލާގެ ހަޟްރަތުން ޘަވާބަށް އެދިގެން ހަމަ އެއްވެސް މީހަކަށް ކަމެއްކޮށްދީފައި އެމީހެއްގެ ކިބައިން އެއްވެސް މިންވަރެއްގެ ބަދަލަކަށް އެދުމެއް ނެތެވެ. ބަދަލަސް އެދެވޭނަމަ ކުރިން ބުނިފަދައިން އެކަންކޮސްދިނީ ﷲ ތަޢާލާއަށްޓަކައި ކަމަކަށް ނުވާނެއެވެ. ވީމާ އެކުވެރިންނަށްވެސް އަދި ދުރުމީހުންނަށް ނަމަވެސް ކަންކަން ކޮށްދޭއިރު ވިސްނަންވާނީ މިބުނި މަގުންނެވެ.
އަބަދުވެސް ހަނޑާނުގައި ބަހައްޓަން އެންމެ މުހިންމު ކަމަކީ މީސްތަކުންނަށް އެހީތެރިވުމުގައި އެއްވެސް މީހަކު ދެމިހުންނަހައި ހިނދަކު އެމީހަކަށް އެހީތެރިވެވޮޑިގެންނެވުމުގައި ﷲ ތަޢާލާ ވޮޑިގެންވާކަމެވެ. އެއަސްވުރެ ބޮޑުފައިދާއެއް ނެތެއް ނޫންހެއްޔެވެ؟
- އިސްލާމީ ތިލަފަތުގެ ދަރުސަކުން