މިރޭ ބުނެލައިޑޭން މިއުޅެނީ ގިނަ ބައަކަށް ވަރަށް ބޮޑަށް އޮޅިފައި އޮންނަ ކަމެއްގެ ވާހަކައެވެ. އެކަން އޮޅެނީ ފާފަކުރެވޭ މީހުންނަށެވެ. އެމީހުންނަށް ވިސްނެނީ އެއީ އެމީހުންގެ ބަލިކަށިކަމުން މެދުވެރިވާ ކަމެއް ކަމަށެވެ. ނަމަވެސް އެއީ ވަރަށް ބޮޑު އޮޅުމެކެވެ.
ޝައިޠޯނާ އެންމެ ބޮޑަށް އަވަލާނީ ބަލިކަށިމީހުންގެ ގައަކު ނޫނެވެ. ވަރުގަދަ މީހުންގެ ގައިގައެވެ. އެމީހުންގެ ކިބައިގައި ގަދައަޅައިގެން މަސައްކަތްކޮށް ސުވަރުގެ ޙާޞިލުކުރުމުގެ ޤާބިލުކަން ބޮޑަށް ހުންނަ މީހުންގެ ގައިގައެވެ. ވީމާ ފާފަކުރެވޭނަމަ އެއީ ތިމާއަކީ ބަލިކަށިމީހަކަށްވުމުން މެދުވެރިވާ ކަމެއް ކަމަށް އެއްގޮތަކަށްވެސް ނުދެކޭށެވެ.
ޙަޤީޤަތުގައި އެފަދަ މީހުން ވިސްނަންވީ އެމީހުންގެ ހުރި ކުޅަދާނަކަމެވެ. ކުޅަދާނަކަމުގެ ބޭނުންހިފަންވީ ޝައިޠޯނާ ފަހަތަށް ޖައްސުވައި ތިމާ ކުރިއަރައި ސުވަރުގޭގެ އެންމެ މަތީ ދަރަޖަތައް ލިބިގަތުމަށެވެ.
އެއްވެސް މީހެއްގެ ނަފުސުގެ ބާރުގަދަކަމުން ފާފައެއް ނުކުރެވޭނެނަމަ ނުވަތަ ފާފައެއް ނުކޮށް ހުރެވޭނެ ނަމަ ﷲ ތަޢާލާ، އެކަލާނގެ އަތްޕުޅުން އުފެއްދެވި އިންސާނާ، އާދަމްގެފާނަށް ހުންނެވުނީހެވެ. އެކަމަކު އެކަން އެހެންނަކުން ނުވި ނޫންހެއްޔެވެ؟ އެކަމަށް ރަނގަޅަށް ވިސްނައިލުމަށްފަހު އަހުރެމެންވެސް ޢަމަލުކުރަން އޮތީ އާދަމްގެފާނު ޢަމަލުފުޅުކުރެއްވެވި ގޮތަށެވެ. އެއީ ފާފަކުރެވުނަސް ނަފްސުގެ މައްޗަށް އަވަހަށް ބާރުފޯރުވައި ތައުބާވުމެވެ. އެއިރުން އެދުވަހު އިބިލީސް ނިކަމެތިވެ ބާކީވެގެންދިއަ ގޮތަށް މިއަދުވެސް ނިކަމެތިވެގެންދާނެއެވެ. އާދަމްގެފާނުގެ ތައުބާ ޤަބޫލުފުޅުކުރެއްވެވި ފަދައިން އަހުރެމެންގެ ތައުބާވެސް ޤަބޫލުފުޅު ކުރައްވަވައި ސުވަރުގެ ވައްދަވާނެތެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން