އަހުރެމެން ކޮންމެ މީހަކަށްވެސް ﷲ ތަޢާލާ ސުވަރުގެއިން ވަނީ ދަރަޖައެއް ކަނޑައަޅުއްވަވައިފައެވެ. އެއްވެސް މީހަކު ބާކީ ކުރައްވަވާފައެއް ނުވެއެވެ.
އެކަން އެނގިގެންދަނީ މަރުވެ ވަޅުލެވުމުން ކަންކަން ވެގެންދާ ގޮތުންނެވެ. ކޮންމެ މީހަކަށްވެސް އެމީހަކު ﷲ ތަޢާލާއަށް އީމާންވެ ހެޔޮ ޢަމަލުކުރިނަމަ ސުވަރުގެއިން ދެއްވަވާނެ ދަރަޖަ ދައްކަވަތެވެ. ނަރަކައަށް ވަންނަން ޖެހޭނެ މީހުންނަށްވެސް ދައްކަވަތެވެ. ވީމާ އެނގިގެން މިދަނީ ދުނިޔެއަށް ފޮނުއްވަވާ ކޮންމެ މީހަކަށްވެސް ސުވަރުގޭގައި މަޤާމެއް ކަނޑައަޅުއްވަވާފައިވާކަމެވެ.
އަހުރެމެންނަށް މިއޮތީ އެމަޤާމް ހޯދަން މަސައްކަތްކުރުމެވެ. ހިތާމައަކީ އަހުރެމެންގެ ތެރެއިން ވަރަށް މަދު މީހަކަށް ނޫނީ މަސައްކަތް ނުކުރެވޭކަމެވެ.
ޤަބޫލުކުރާށެވެ! އެހެންވެސް ކަމެއް ނުކޮށް ރެއާއި ދުވާލު އެކުގައި ﷲ ތަޢާލާއަށް އަޅުކަންކުރިނަމަވެސް އަހުރެމެންނަސް ﷲ ތަޢާލާ ދެއްވަވާ ނިޢްމަތްތަކާއި ގާތްކުރާ މިންވަރަކަށްވެސް ދަރަނި އަދައެއް ނުކުރެވޭނެއެވެ. އެހެންވެ ﷲ ތަޢާލާ އެކަމުގައިވެސް ވަނީ ވަރަށް ދީލަތިވަންތަކަމާއިއެކު ގޮތްތަކެއް ކަނޑައަޅުއްވަވައިފައެވެ.
އިންސާނުންނަކީ ދިރިއުލެން މަސައްކަތްކުރަންޖެހޭނެ ބައެއްކަން ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. އަދި ދިރިއުޅުމަށްޓަކައި އެހެން ކަންކަން ކުރަންޖެހޭނެ ބައެއްކަންވެސް ދެނެވޮޑިގެންވެއެވެ. އެހެންވެ ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ދުނިޔޭގައި އުޅެން ކުރާ ކޮންމެ ކަމަކީވެސް އަޅުކަމެއް ކަމުގައި ﷲ ތަޢާލާ ވަނީ ލައްވަވައިފައެވެ.
މީސްތަކުންނޭވެ! ސުވަރުގެއިން އަހުރެމެންނަށް ދެއްވަވަން އޮތް މަތިވެރި ދަރަޖަ ލިބިގަންނަން އައުހިތްވަރަކާއިއެކު މަސައްކަތް ކުރަން ފަށަމާ ހިނގާށެވެ. އެކަމަށް މަސައްކަތްކުރުމަށްޓަކައި ދިރިއުޅެން ކުރަންޖެހޭ ކަންކަން ނުކޮށް ދޫކޮށްލުމެއް ނެތްކަން މިބަޔާންކުރީއެވެ. އަހުރެމެންނަށް ކުރަންޖެހޭ ކަމަކީ ކުރާ ކަމަކީވެސް ﷲ ތަޢާލާ ރުހިވޮޑިގަންނަވާ، ހުއްދަ ކުރެއްވެވި ކަމަކަށް ހެދުމެވެ. ވީހާގިނައިން ﷲ ތަޢާލާ ހަނދުމަކޮށް ވީހާގިނައިން އަޅުކަންކުރުމެވެ.
މިކަންކަމުގައި ޘާބިތުވެވިއްޖެ ނަމަ ކޮންމެ މީހަކަށްވެސް އެމީހަކަށް ސުވަރުގެއިން ﷲ ތަޢާލާ ކަނޑައަޅުއްވަވާފައިވާ ދަރަޖަ ލިބިގެންދާނެއެވެ. އަދި ހިތްވަރުކޮށްފިނަމަ އެންމެ މަތީ ދަރަޖައަށްވެސް ވާޞިލްވެވޭނެއެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން