މިއަދު މީހަކު ކަމަކަށް އެދިއްޖެނަމަ އެކަމެއް ކޮށްލައިދޭނެ ވަޤުތު އޮންނަ ކަމަކަށް ނުވެއެވެ. ޢިލްމުވެރިއަކާއި ދީނުގެ ކަމެއްގައި ސުވާލެއްކޮށްފިނަމަ ޖަވާބުދޭނެ ވަޤުތު އޮންނަ ކަމަކަށް ނުވެއެވެ.
ދެން ނިކަން މާޒީއަށް ބަލައިބަލާށެވެ. ކީރިތި ޤުރްއާނުގެ ތަފްސީރު ޤަލަމުން ލިޔުއްވި ބައެއް ބޭކަލުން އަޅުކަން ކުރައްވަމުން ދަރުސް ދެއްވަމުން އަމިއްލަފުޅު ޢާއިލާގެ ކަންކަން ބައްލަވަމުން ދުވާލަކަށް 40 ޞަފްހާ ލިޔުއްވާފައި އެބަހުއްޓެވެ.
ސުވާލަކީ އެބޭކަލުންނަސް އެހުރިހާ ކަންކަން ކުރައްވަން ވަޤުތު ލިބިވަޑައިގަތީ ކިހިނަކުން ހެއްޔެވެ؟ އަހުރެންގެ ޖަވާބަކީ އެބޭކަލުން ހުރިހާ ކަންކަން ކުރެއްވެވީވެސް ﷲ ތަޢާލާގެ ޙަޟްރަތުން ރަޙްމަތަށް އެދިވަޑައިގެންކަމަށްވުމުން އެބޭކަލުންގެ ވަޤުތުގައި ބަރަކާތް ލެއްވެވީއެވެ.
ދެން އަބޫބަކުރުގެފާނަށް ބަލާށެވެ! އެއްދުވަހަކު ވަރަށް ހެނދުނާ ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ޞަޙާބީންނާއި ސުވާލުކުރެއްވެވިއެވެ. މިވެނި އެވެނި ކަންކަން މިއަދު ކުރެއްވެވީ ކޮން ބޭކަލެއްތޯއެވެ؟ އަބޫބަކުރުގެފާނު ޖަވާބު ދެއްވެވީ އެކަލޭގެފާނު ކަމަށެވެ.
އަބޫބަކުރުގެފާނަކީ ތަނަވަސް ބޭކަލެކެވެ. ދިރިއުޅުއްވަން ބުރަފުޅުކޮށް މަސައްކަތް ކުރެއްވެވި ބޭކަލެކެވެ. އަދި ޚީއްހެއްޔެވެ؟ ދުނިޔޭގައި ތިއްބަވަނިކޮށް ސުވަރުގެ ލިބިވަޑައިގަންނަވާނެ ކަމުގެ އުފާވެރި ޚަބަރު ލިބިވަޑައިގެންނެވި 10 ބޭކަލުންގެ ތެރެއިން 6 ބޭކަލުން އިސްލާމްވެވަދައިގެންނެވީ އަބޫބަކުރުގެފާނުގެ އަތްޕުޅުގެ މައްޗަށެވެ. (އަބޫބަކުރުގެފާނުގެ މަސައްކަތްޕުޅުންނެވެ.)
އަބޫބަކުރުގެފާނު އެކަންކަމަށް ވަޤުތު ހޯއްދެވީ ކިހިނަކުން ހެއްޔެވެ؟ އަވަހާރަފުޅުވެސް ނުލައްޕަވަނީހެއްޔެވެ؟ ނޫނެކެވެ. އަވަހާރަފުޅުވެސް ލެއްޕެވިއެވެ. ހަމައެކަނި ކުރެއްވެވި ކަމަކީ ވަޤުތުގެ ބޭނުން ހެޔޮގޮތުގައި ހިއްޕެވީއެވެ.
މިހިރަ ކަންކަމަކީ މިއަދުގެ ޢިލްމުވެރިންވެސް އަދި އެހެން މީހުންވެސް ވިސްނައިލުން މުހިންމު ކަންކަމެވެ. ވަޤުތުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފަން އެނގި، ބޭނުންހިފައިގެން ނޫނީ އެއްވެސް ކަމެއް ކާމިޔާބެއް ނުކުރެވޭނެއެވެ.
- ޝައިޚް ޢާޞިމް އަލް-ޙަކީމްގެ ދަރުސަކުން