އަޅުގަނޑު މެންދަމި ހޭލެވުމުން ފުރަތަމަ އަޅުކަންކުރަނީ ގޭގައެވެ. މިސްކިތަށް ދާން ނުކުންނަނީ 3.30 ހައިއިރުއެވެ. އެރޭ ނުކުންނަން ވެގެން ތަޅުހުޅުވަން އުޅެއުޅެ ނުހުޅުވުނެވެ. ހީވަނީ ތަޅު ހަލާކުވެފައި ހުރިހެންނެވެ.
ވީދެރައިން ދެއަތް އުފުލައި ﷲ ތަޢާލާއަށް ދުޢާކުރީމެވެ. ދުޢާކޮށްފައި ތަޅުހުޅުވަން ހިފައިލިތަނާ ތަޅު އެނބިރިގެންފައި ހުޅުވިއްޖެއެވެ.
އަދިވެސް އެއްކަމެއް ފާހަގަކޮށްލާނަމެވެ. އެދޮރުގެ ތަޅަކީ ވަރަށް އަވަސް އަވަހަށް ހަލާކުވެގެން ބަދަލުކުރަންޖެހޭ ތަޅެކެވެ. އެޙާދިސާގެ ފަހުން މިހާރު ކިތަންމެ ދުވަހެކެވެ. ތަޅަށް މައްސަލައެއް ނުޖެހެއެވެ. ބަދަލުކުރާކަށް ނުޖެހެއެވެ.
މިއީ އެއީ ކާކުކަން މިއަދުނޫހަށް ވަރަށް ރަނގަޅަށް އެނގޭ މީހަކު އިއްޔެ ޢަޞްރުން ފައި ހުރެގެން ދެއްކި ވާހަކައެއްގެ ތެރޭގައި ކިޔައިދިން ވާހަކައެވެ. އޭނާއަކީ ތަޤްވާވެރިކަމުގައި އެންމެ ކުރީގައި ހުރި މީހެއްކަން އޭނާގެ ޢަމަލުތަކުން ސާބިތުވާ މީހެކެވެ. ވީމާ މިވާހަކައަށް އެއްވެސް ޝައްކެއް ނުކުރަމެވެ.