ފާފަކުރުން ހުއްޓާލަންވެސް ފާފަނުކޮށް ހުންނަންވެސް އެންމެ ފަސޭހަ ގޮތް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 25ސ
ފާފަކުރުން ހުއްޓާލަންވެސް ފާފަނުކޮށް ހުންނަންވެސް އެންމެ ފަސޭހަ ގޮތް-

ބައެއް މީހުންނަށް ވިސްނެނީ ތިމާ ކޮންމެ ގޮތަކަށް އުޅުނަސް ތިމާއަށް ބޭނުންވާ ކަންކަން ﷲ ތަޢާލާ ހިންމަވައި ދެއްވަވަނީ ތިމާއަށް އުޅެވޭ ގޮތާއިމެދު ﷲ ތަޢާލާ ރުހިވޮޑިގަންނަވާތީ ކަމަށެވެ. ނަމަވެސް އެއީ އެއްވެސް ޙާލެއްގައި ރަނގަޅު ވިސްނުމެއް ނޫނެވެ.

ދުނިޔެ ނިމި ޤިޔާމަތްވުމުގެ ތާޅަފިލި އިސްރާފީލްގެފާނު ފުމެލައްވަވާނީ ދުނިޔޭގައި އެއިރު ތިބޭ އެންމެންގެމައްޗަށް ﷲ ތަޢާލާ ކޯފާވެވޮޑިގަތުމުންނެވެ. އެއެންމެންނަށް ޢަޛާބް ޙައްޤުވުމުންނެވެ. ވީމާ މިއަދު އަހަރެމެންނަށް ދުނިޔޭގައި މިތިބެވެނީ ﷲ ތަޢާލާ އަހަރެމެންނަށް ރަޙުމްކުރައްވަވާތީއެވެ.

ކިތަންމެ ދަތިޙާލުގައި އުޅެންޖެހިފައިވީނަމަވެސް ﷲ ތަޢާލާއަށް ޝުކުރުވެރިވާންޖެހެނީ އެ ސަބަބަށްޓަކައެވެ. ﷲ ތަޢާލާގެ ރަޙްމަތް އަހަރެމެންގެމައްޗަށްވާތީއެވެ. ވީމާ މީހަކު ސުވާލުކޮށްފިނަމަ އަލްޙަމްދުލިﷲ، ނުވަތަ ޝުކުރު އަލްޙަމްދުލިﷲ ނޫން ބަހެއް ނުބުނާށެވެ!

ﷲ ތަޢާލާގެ ރަޙްމަތަށް އުންމީދުކުރާ މީހާ ދެކަމެއްގައި ސާބިތުވާންޖެހޭނެއެވެ. އެއީ ތަޤްވާވެރިކަމާއި ވެވުނުވަރަކުން ޞަދަޤާތް ކުރުމުގެ އިތުރަށް ޒަކާތް ދިނުމުގައެވެ. އެއިރުން އެމީހަކީ ﷲ ތަޢާލާގެ ރަޙްމަތް ޙައްޤުވާ އަޅެއްކަމުގައި ލިޔުއްވަވާނެތެވެ. އިން ޝާ ﷲ

މީސްތަކުންނޭވެ! ތިމާއަށް ރަހްމަތް ލެއްވެވުން އެދޭމީހާ ތަޤްވާވެރިވާށެވެ! ތަޤްވާވެރިވުމަކީ ﷲ ތަޢާލާ ރުހިވޮޑިނުގަންނަވާނެ އެއްވެސް ކަމެއް ނުކުރުމެވެ. އަދި ﷲ ތަޢަލާ ދެކެ ލޯބިވުމަކީވެސް ހަމައެއީއެވެ. ﷲ ތަޢާލާގެ ކޯފާއަށް ބިރުވެތި ނުވެވޭނަމަ އެމީހެއްގެ ހިތުގައި ﷲ ތަޢާލާއަށް ލޯބިވާކަމަކަށް ނުބުނެވޭނެއެވެ. އެހެނީ އެމީހަކު ޙަޤީޤީ ލޯބިވާ އެއްވެސް މީހަކު ރުޅިއަންނާނެ އެއްވެސް ކަމެއް ހަމައެކަކުވެސް ނުކުރާނެތީއެވެ! ވީމާ ފާފަކުރުން ހުއްޓާލަން ނުވަތަ ފާފަތަކާއި ދުރުހެލިވެ ހުރުމަށް ކުރަން އޮތް އެންމެ ފައިދާހުރި ކަމަކީ ﷲ ތަޢާލާގެ ޙަޟްރަތަށް ލޯބިވުން އިތުރުކުރުމެވެ. ލޯބިވާން އޮތް ގޮތަށް ލޯބިވުމެވެ.

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން