ދުނިޔޭގަ ﷲ ޢަޛާބުން ސަލާމަތްކަން ލިބިގެންވާ މީހަކަށްވެވިގެން ހުރެވޭނެ ގޮތް- އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 43ސ
ދުނިޔޭގަ ﷲ ޢަޛާބުން ސަލާމަތްކަން ލިބިގެންވާ މީހަކަށްވެވިގެން ހުރެވޭނެ ގޮތް- އިން ޝާ ﷲ

މިއަދު މީސްތަކުންނަށް ޖެހިފައިވާ އެންމެ ބޮޑު އެއް މުޞީބާތަކީ އެހެން މީހުންނަށް އިނގިލި ދިއްކުރުމުގެ ނުބައި ބައްޔެވެ. އެވެނި މިވެނި މީހަކު މިވެނި އެވެނި ފާފައެއް ކުރާކަމަށް ބުނާއިރު އެފަދަ ނުވަތަ އެއަށްވުރެ ބޮޑެތި ފާފަތައް އެމީހަކު އެބަކުރެއެވެ. އެހެން މީހުންނަށް އިނގިލި ދިއްކުރަނީ ފާފަކުރަމުންނެވެ.

ޢަޛާބް ޙައްޤުވުމުން މެނުވީ އެއްވެސް މީހަކަށް ﷲ ތަޢާލާ އެއްވެސް ޢަޛާބެއް ނުދެއްވަވާނެތެވެ. ހަމަ އެއާއިއެކު ﷲ ތަޢާލާ ވަހީކުރައްވަވާފައިވަނީ ތިމަން ﷲ އީ އެމީހަކަށް ޢަޛާބް ޙައްޤު ނަމަވެސް ޢަޛާބް ނުދެއްވަވައި ދޫކޮށްލައްވަވާ ރަސްކަލާނގެކަމަށެވެ. އެއީ އެކަލާނގެ ދީލަތިވަންތަކަން ބޮޑުކަމުންނެވެ.

ނަމަވެސް ޢަޛާބް ޙައްޤު މީހަކަށް ޢަޛާބް ނުދެއްވަވައި ދޫކޮށްލައްވަވާނީ އެމީހަކު އެކަމަށް އެދިދެންނެވުމުންނެވެ. ތައުބާވެ ފާފަފުއްސަވައި ދެއްވެވުމަށް އެދި ދެންނެވުމުންނެވެ. ވީމާ ދެކަމެއްގައި ސާބިތުވާން އެބަޖެހެއެވެ. އެއީ ކޮންމެ ދުވަހަކުވެސް ފާފަ ފުއްސަވައިދެއްވެވުން އެދި ދެންނެވުމާއި ހެޔޮލަފާ މީހުންނާއިއެކުގައިވުމެވެ.

އެކަން އެނގިގެންދާ ސަބަބުވެސް ބުނެފާނަމެވެ. އިންސާނުންގެތެރެއިން ﷲ ތަޢާލާ އެންމެ މާތް ކުރެއްވެވީވެސް އެންމެ މަތިވެރިކުރެއްވެވީވެސް އެންމެބޮޑަށް ލޯބިވެވޮޑިގަންނަވާ އިންސާނަކީވެސް ރަސޫލް ﷺ އެވެ. މައްކާގެ މުޝްރިކުން ރަސޫލް ﷺ އަށް މުޞީބާތްތައް ކުރިމަތިކުރުވަމުން ގެންދެވުމަކީ ﷲ ތަޢާލާ އެންމެ ބޮޑަށް ކޯފާވެވޮޑިގަންނަވާނެ ކަންތަކެވެ. އެހެންކަމާއިއެކުގައިވެސް ވަހީ ކުރެއްވެވީ އެމީހުންގެތެރޭގައި ރަސޫލް ﷺ ހުނަންވަނިކޮށް މުޝްރިކުންނަށް ޢަޛާބެއް ނުފޮނުއްވަވާނެ ކަމަށެވެ.

ވީމާ އަބަދުވެސް އުޅެންވާނީ ތިމާއަށްވުރެ ހެޔޮލަފާ ތަޤްވާވެރިންނާއިއެކުގައެވެ. ތިބާއަށް ގިނަގިނައިން ﷲ ތަޢާލާގެމަތިން ހަނދުމަކޮށްދޭ މީހުންނާއިއެކުގައިވުމެވެ. އެއިރުން ތިބާގެ މައްޗަށް ޢަޛާބެއް ނުފޮނުއްވަވާނެތެވެ. ހެޔޮލަފާ މީހުންނާއިއެކުގައި އުޅުމަކީ އެމީހުން ކުރާ ޢަމަލުތައް ކުރުންމަތީގައި ސާބިތުވެ ހުރުމެވެ. އެމީހުން ފަދައިން ތަޤްވާވެރިއަކަށްވުމެވެ.

ބިރުވެތިވާށެވެ! ނުބައި މީހުންނާއިއެކުގައިވާނަމަ ކޮންމެވަގުތަކުވެސް ތިބާއަށް ﷲ ތަޢާލާގެ ޢަޛާބް ލިބިގެންހިނގައިދާނެއެވެ! ހަނދާންކުރާށެވެ! ތިމާއަށް އެއްވެސް ބާވަތެއްގެ މުޞީބާތެއް ކުރިމަތިވާން އުޅޭކަމާއިމެދު ޝައްކުވިނަމަވެސް ތައުބާވުން ގިނަކުރާށެވެ! ތައުބާވެގެން ހުރި އަޅަކަށް ﷲ ތަޢާލާ ޢަޛާބެއް ނުފޮނުއްވަވާނެތެވެ.

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން