އިއްޔެއަށްވުރެ މިއަދު ކާމިޔާބުކުރަން ބޭނުން މީހުން އެކަން ތިމާ ބޭނުންވާކަން ޢަމަލުތަކުން ދައްކަން ޢަމަލުކުރަން އޮތް ގޮތް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 27ސ
އިއްޔެއަށްވުރެ މިއަދު ކާމިޔާބުކުރަން ބޭނުން މީހުން އެކަން ތިމާ ބޭނުންވާކަން ޢަމަލުތަކުން ދައްކަން ޢަމަލުކުރަން އޮތް ގޮތް-

ކޮންމެ މީހަކަށްވެސް ދުނިޔޭގައި ހުރެވެނީ ﷲ ތަޢާލާގެ ރަހްމަތްފުޅުން އެމީހަކަށް ނިޢުމަތްތައް ދެއްވަވާތީއެވެ. އެހެންކަމާއިއެކުގައިވެސް ނިޢުމަތްތައް އިތުރުކުރައްވަވާ ބައަކުވެސް ވެއެވެ. މަސައްކަތްކުރަންވީ ނިޢްމަތް އިތުރުކޮށްދެއްވަވަން ﷲ ތަޢާލާ އިޚްތިޔާރުކުރައްވަވާ އަޅަކު ކަމުގައިވުމަށެވެ.  

އެކަން އެދިގެން ކުރަން އޮތް ފުރަތަމަ ކަމަކީ ފަތިސްވުމުގެ ކުރިން ހޭލުމެވެ. ފުރަތަމަ ކަމަކަށް ނިދަމުން އެކަމަށް ނިޔަތްގަނެ ގަށި ނުވަތަ ފޯނު ސޯނާކުރާނީއެވެ. ނިޔަތް ގަތުން ފުރިހަމަވާނީ އެކަމަށް ކުރަން އޮތް މަސައްކަތްކުރުމުންނެވެ. އިއްޔެއަށްވުރެ މިއަދު ކާމިޔާބުކުރަން ބޭނުން މީހުން އެކަން ތިމާ ބޭނުންވާކަން ޢަމަލުތަކުން ދައްކަންޖެހޭނެއެވެ.  

އެންމެ ރަނގަޅު ކަމަކީ ރޭއަޅުކަމުން ދުވަސްފެށުމެވެ. ރޭއަޅުކަންކުރަން ނުހޭލެވި ފަތިސްނަމާދަށް ހޭލެވުނަސް ހޭލެވުމުން ކުރަން އޮތް ފުރަތަމަ ކަމަކީ ފަތިސްވަޤުތުޖެހުމާއިއެކު އަވަހަށް ފަތިސްނަމާދުގެ އިހުސުންނަތުގެ 2 ރަކްއަތް ކުރުމެވެ. އެ 2 ރަކްއަތަކީ ދުނިޔެއާއި ދުނިޔޭގައި ވާހައި އެއްޗަކަށްވުރެ ﷲ ތަޢާލާގެ ޙަޟްރަތުގައި ލޮބުވެތިކަން ބޮޑު 2 ރަކްއަތް ކަމުގައިވާތީއެވެ. 

ދެން އޮތީ (ފިރިހެނުން) ޖަމާޢަތުގައި ފަތިސްނަމާދުކުރުމެވެ. ފަތިސްނަމާދަށްފަހު ޛިކުރުކޮށްލައި ޤުރްއާނުން މިންވަރެއް ކިޔަވާލައި ދުވަހުގެ މަސައްކަތަށް ފެށުމެވެ. މީސްތަކުންނޭވެ! އިން ޝާ ﷲ އެއިރުން އެދުވަހަކު ﷲ ތަޢާލާގެ ރަހްމަތް އިތުރުކުރައްވަވަން އިޚްތިޔާރުކުރައްވަވާ އަޅުންގެ ތެރޭގައި ހިމެނިގެންދާނެއެވެ. 

މީސްތަކުންނޭވެ! އަހުރެމެންނަށް މިއަދުމިކުރެވޭ ކަމަކީ އިމެއް ނެތި ﷲ ތަޢާލާގެ ރަހްމަތަށް އެދެވެނީއެވެ. އެކަމަކު އެކަމަށް އެދެން ކުރަން ތިމާއަށް ޖެހޭ ކަންކަމެއް ނުކުރެވެއެވެ. ކަންނެތްވެ ނިދަނީއެވެ. އެއީއަކީ ﷲ ތަޢާލާގެ ޙަޟްރަތުން ރަހްމަތަށް އެދޭމީހާ ޢަމަލުކުރަން އޮތްގޮތެއް ނޫނެވެ. ފުރަތަމަކަމަކަށް އޮތީ ތިމާއަދާކުރަންޖެހޭ ވާޖިބު އަދާކުރުމެވެ!

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން