ޒަމާން ކުށްވެރިނުކުރާށެވެ! ޒަމާނަށް ބަލައިފިނަމަ އަހުރެމެން މިތިބީ އެންމެ ފަސޭހައިން އެންމެ ގިނަ ޘަވާބު ހޯދަން އެންމެ ބޮޑަށް މަގުފަހިވެފައި އޮތް ޒަމާނުގައެވެ. ހެޔޮ ޢަމަލުތައް ކުރަން އެޒަމާނެކޭ މިޒަމާނެކޭ އެއްވެސް ތަފާތެއް ނެތެވެ. ހެޔޮ ބަހެއް އެތައް މިލިއަން މީހުންނަށް ފަތުރައިލުމަކީ އެންމެ ފަސޭހައިން ކުރެވެން އޮތް ކަންތަކެވެ. ދީނުގައި ޘާބިތުވުމުން 50 ޞަޙާބީންގެ ދަރަޖަ ލިބިގަނެވެން އެބައޮތެވެ. އެކަމަކުވެސް އެކަންކަމަށް އެބަ ސަމާލުކަން ދެވޭހެއްޔެވެ؟
ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ﷲ ތަޢާލާ ވަނީ ޤިޔާމަތް ދުވަހުގެ އެންމެ މަތިވެރި ދަރަޖައާއި ސުވަރުގޭގެ އެންމެ މަތިވެރި ދަރަޖަ ދެއްވަވާނެކަން ބަޔާން ކުރައްވަވައި އަންގަވައިފައެވެ. އެހެންކަމާއިއެކުވެސް ރޭގަނޑު ކީރިތި ކުރައްވަވާ ސަބަބާއި ބެހޭ ގޮތުން ޞަޙާބީން ސުވާލު ދެންނެވިއެވެ. ޤިޔާމަތް ދުވަހު ސީދާ ސުވަރުގެ ވަޑައިގެންނެވޭނެއިރު ކީރިތިފުޅު ކުރައްވަވަނީ ކީއްވެގެންތޯއެވެ؟
ވިސްނާށެވެ! ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ކީރިތި ކުރެއްވެވީ އެއްވެސް އަމިއްލަ ކަމަކަށް ބޭނުންފުޅުވެގެނެއް ނޫނެވެ. އަހުރެމެންނަށްޓަކައެވެ. އުންމަތުގެ މީހުންނަށްޓަކައެވެ. އަހުރެމެން މިއަދު ވެއްޓިފައި މިވާ ޙާލަތަށް ވެއްޓޭނެތީއެވެ. މިއަދު ކުރިމަތިވެފައިވާ މުޞީބާތްތައް ކުރިމަތިވާނެތީއެވެ.
މިއަދު ކޮންމެ މުސްލިމަކުވެސް ގަދައަޅައި މަސައްކަތްކުރަންވީ ދީނުގައި އެމީހަކު ޘާބިތުވެ ހުރުމަށެވެ. ވަށައިގެން މިފެންނަ ކަންކަމާއި އެންމެ ގާތް އެކުވެރިންނަށް ބަލައިގެންވެސް ސަލާމަތްކަމެއް ނުލިބިދާނެއެވެ. އެމީހަކަށް ވީވަރަކުން ޤުރްއާން އުނގެނޭށެވެ. ޙަދީޘްފުޅުތަކާއި ސުންނަތް ދަސްކުރަން މަސައްކަތްކުރާށެވެ.
ހަމައެއާއިއެކު ޤުރްއާނާއި ސުންނަތަށް ޢަމަލުކުރަން ގަދައަޅައި މަސައްކަތްކުރާށެވެ. ދުނިޔެ ދޫކޮށްފައިދާއިރު ވީހާ ގިނަ ހެޔޮ ޢަމަލުތައް ހިފައިގެންދާން ގަދައަޅައި މަސައްކަތްކުރާށެވެ. ތިމާއަށްޓަކައި ކައްވަޅަކީ ސުވަރުގޭގެ ބަގީޗާއަކަށް ހަދަން ގަދައަޅައި މަސައްކަތްކުރާށެވެ. އިން ޝާ ﷲ އެއިރުން އެމީހަކު ޤިޔާމަތް ދުވަހު ވާނީ ސުވަރުގޭގައެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން