ތިމާކުރާ ޢަމަލުތަކުގެ ތެރެއިން އެންމެ ބޮޑަށް ސަމާލުކަންދީގެން، އެންމެ ލޯބިން، ފަރުވާތެރިކަމާއިއެކު ކުރަން އޮތްކަމަކީ ނަމާދުކުރުމެވެ. އެހެންކަމުން ނަމާދު އެންމެ ފުރިހަމަގޮތުގައި ކުރަން މަސައްކަތްކުރަންޖެހެއެވެ. ނަމާދު އެންމެ ފުރިހަމަ ގޮތުގައި ކުރެވުނު ކަމަށްވާނީ ނަމާދަށްފަހު ކިޔަންހުރި ޛިކުރުތައްވެސް ކިޔުމުންނެވެ.
ﷲ ތަޢާލާ ވަޙީކުރައްވަވާފައިވަނީ ނަމާދު ޤާއިމްކުރާށެވެ! އެބަސްފުޅުގެ މާނައަކީ މިސްކިތަށް އަރައި ގުދުވެފަ، ތެދުވެފަ ސަލާމްދީފަ ފައިބައިގެން ދިއުމެއް ނޫނެވެ. އެބަސްފުޅުގެ މާނަ މާބޮޑެވެ!
ފުރަތަމަވެސް ވިސްނައިލާށެވެ! ﷲ ތަޢާލާ ވަޙީކުރައްވަވާފައިވަނީ ގުދުވެފަ ތެދުވެފަ އިށީނދެފަ ސަލާމްދީފަ ފައިބައިގެން ދިއުމަކަށް ނޫނެވެ. ނަމާދު ޤާއިމުކުރުމަށެވެ. ނަމާދުކުރިކަމަށްވާނީ ﷲ ތަޢާލާ އެކަންކުރަން އަންގަވާފައިވާ ގޮތަށް ކުރުމުންނެވެ.
އެންމެ ބޮޑަށް މަސައްކަތްކުރަންވީ އެއް ނަމާދަށްވުރެ އަނެއް ނަމާދުކުރެވޭ ފެންވަރު ރަނގަޅުކުރުމަށެވެ. ފުރަތަމަވެސް ވިސްނާށެވެ. ތިމާ ހުއްޓި މިހުރީ ﷲ ތަޢާލާގެ ޙަޟްރަތުގައެވެ. ވީމާ ކިޔަމަންތެރިކަން ހުރިހާ ގޮތަކުންވެސް ދައްކަން ޖެހޭނެއެވެ. ނަމާދު ވީހާ ފުރިހަމައަށް ކުރަންޖެހޭނެއެވެ.
އަދި މިގޮތަށްވެސް ވިސްނާށެވެ. ނަމާދަކީ ތިމާ ދުނިޔޭގައި ހުރެ ﷲ ތަޢާލާ އާއި ބައްދަލުކުރާ ބައްދަލުކުރުމެކެވެ. އެބައްދަލުވުން ފުރިހަމަކޮށްފި މީހަކަށް ޤިޔާމަތް ދުވަހު ﷲ ތަޢާލާ އާއި ބައްދަލުކުރަންޖެހޭ ބައްދަލުކުރުމުގައި އެމީހަކަށް ﷲ ތަޢާލާ މަރުޙަބާ ވިދާޅުވާނެތެވެ. އެމީހަކު ވާހުށީ ކާމިޔާބުލިބިގެންވާ މީހުންގެ ތެރެއިންނެވެ. އިން ޝާ ﷲ
އެއްވެސް ޝައްކެއް ނެތް ގޮތުގައި ޤިޔާމަތް ދުވަހުގެ ކާމިޔާބީ ގުޅިފައިވަނީ ނަމާދާއިއެވެ. އެއީ ފުރަތަމަ ސުވާލެވެ. އެސުވާލުގެ ޖަވާބު ގުޅިފައިވަނީ ސުވަރުގެ ލިބުމާއިއެވެ. ވީމާ ކޮންމެ ގޮތަކުން ނަމަވެސް ، ކިތަންމެ ބޮޑަށް މަސައްކަތްކޮށްގެން ނަމަވެސް މަސައްކަތްކުރަންވީ ﷲ ތަޢާލާ ޤަބޫލުފުޅު ކުރައްވަވާނެ ފެންވަރުގައި ނަމާދުކުރެވޭތޯއެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން