އެހެން މީހަކަށް ޞަދަޤާތްކުރަން އޮތީވެސް އަނބިދަރިންނަށާ ޢާއިލާއަށް ޚަރަދުކުރުމަށްފަހުގައެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 35ސ
އެހެން މީހަކަށް ޞަދަޤާތްކުރަން އޮތީވެސް އަނބިދަރިންނަށާ ޢާއިލާއަށް ޚަރަދުކުރުމަށްފަހުގައެވެ!

ޞަދަޤާތް ކުރުމުގައިވެސް އޮތީ ގާތުން ދުރަށް ކަންކަން ކޮށްދިނުމެވެ. މާނައަކީ ފުރަތަމަ ކަމަކަށް އަނބިދަރިންނާއި ޢާއިލާއަށް ހެޔޮކޮށް ކަންކަން ކޮށްދީ އެމީހުންގެ އެންމެ ކުޑަމިނުން އަސާސީ ބޭނުންތައް ފުއްދައިދޭށެވެ. ފުދުންތެރިކަން ހުރިވަރަކުން އިތުރަށްވެސް ކަންކަން ކޮށްދޭށެވެ.

އެހެނަސް ބައެއް މީހުން އެމީހުންގެ އަނބިދަރިންނާއި ޢާއިލާގެ މީހުން، އެމީހުންގެ އަސާސީ ބޭނުންތައް ވެސް ނުފުދޭފަދަ ނިކަމެތި ޙާލުގައި ބައިތިއްބާފައި ގޮސް ދުރު މީހުންނަށް ޞަދަޤާތް ކުރެއެވެ. ޞަދަޤާތް ކުރުމަކީ ކިތަންމެހައިވެސް ރަނގަޅު ޢަމަލެކެވެ. ނަރަކައިން ސަލާމަތްވުމަށްވެސް ކުރަން އޮތް ކަމެކެވެ. އެކަމަކު އެކަމުގެ ފައިދާކުރާނީ ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ކަންކަންކުރީމައެވެ.

ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބުންވަނީ ކޮންމެ ކަމެއްވެސް އެކަލާނގެ އަންގަވާފައިވާ ގޮތަށް ކުރުމުންނެވެ. ވީމާ ފުރަތަމަ ކަމަކަށް ކިތަންމެ ކުޑަކުޑަ ތަނަވަސްކަމެއް ދެއްވެވި ނަމަވެސް ދެއްވެވި މިންވަރުން ޢާއިލާއަށް ހޭދަކުރާށެވެ! އަނބިދަރިންނަށް ހޭދަކުރާށެވެ!

ވީމާ އަނބިދަރިންނާއި މައިން ބަފައިންނަށް ޚަރަދުކޮށް ބެލެހެއްޓުމަކީ ޖެހިފައިވާ ތަކުލީފެއް ކަމުގައި ނުދެކޭށެވެ! އެކަން ކުރުމަކީ އުފަލެއް ކަމުގައި ދެކޭށެވެ! ﷲ ތަޢާލާ ދެއްވެވި ވަރަށް މަތިވެރި ނިޢްމަތެއް ކަމުގައި މެނުވީ ނުދެކޭށެވެ. އެހެނީ ފުރިހަމަ ގޮތުގައި އެ ވާޖިބު އަދާކޮށްފި މީހަކަށް ސުވަރުގެ ލިބުމުގެ ފުރުޞަތު ބޮޑުކަމުންނެވެ.!

އަނބިދަރިންނާއި މައިންބަފައިންނަކީވެސް ﷲ ތަޢާލާގެ މިލްކެކެވެ. ތިމާ އާއި ހަވާލުކުރެވެނީ ހަމައެކަނި ބެލެހެއްޓުމަށެވެ. ބަލަހައްޓަން ޙަވާލުކުރައްވަވަނީ އުޖޫރައެއްގެ ގޮތުން އެންމެ ބޮޑު އަގު ދެއްވަވާ ގޮތަށެވެ. ނުވަތަ އެކަމަށް ފުރުޞަތު ދެއްވެވުމާއިއެކުގައެވެ. ލިބިގަތުމަކީ އެމީހެއްގެ އަމިއްލަ ކަމެކެވެ. އޮތީ އެމީހަކަށް އެކަމުން ފައިދާ ހޯދަން ކެރުނު ވަރެކެވެ.

އަނބިދަރިންނާއި މައިންބަފައިންނަކީ ތިބާއާއި ﷲ ތަޢާލާ ޙަވާލު ކުރައްވަވާ އެންމެ ބޮޑު އެއް އަމާނާތެވެ! އެހެންކަމުން އަނބިދަރިންނާއި މައިން ބަފައިން ބަލަހައްޓަން ﷲ ތަޢާލާ އަންގަވާފައިވާ ގޮތުގައި އެކަން ކޮށްފިނަމަ ބަދަލެއްގެ ގޮތުން މުސްލިމުންނަށް ސުވަރުގެ އެބަ ދެއްވަވައެވެ. ސުވަރުގޭގެ މަތީ ދަރަޖަތަކާއި ނިޢްމަތް އެބަ ދެއްވަވައެވެ.

ބައެއް މީހުންނަށް ހީކުރެވިފައި އޮންނަނީ ކައިވެންޏަކީ ކުޅޭ ކުޅިވަރެއް ކަމަށެވެ. ބޮޑު މަޖާ ގަނޑެއް ކަމަށެވެ! ﷲ ގަންދީ ބުނަމެވެ. ކައިވެންޏަކީ ވާންޖެހޭ ޤްރްބާނީއެކެވެ. އެ ޤްރްބާނީ ވެއްޖެ ނަމަ އެކަމަށްޓަކައި ﷲ ތަޢާލާ ގިނަގުނަ ސަވާބު ދެއްވަވާނެތެވެ! ޤްރްބާނީ އަކާއި ނުލައި އެހައި މަތިވެރި އެއްވެސް ނިޢްމަތެއް ލިބުމެއް ނެތެވެ.

މައިން ބަފައިންނަށާއި އަނބިދަރިންނަށް ކުރާ ޚަރަދަކީ އަތުން ގެއްލިގެންދާ ފައިސާތަކެއް ކަމަށެވެ. އެއީ ހަމަ ވަރަށް ގޯސް ވިސްނުމެކެވެ. އަނބިދަރިންނަށާއި މައިންބަފައިންނަށް ކުރާ ހޭދައަކީ ޢާޚިރަތަށްޓަކައި ޖަމާކުރެވޭ އެއްޗެކެވެ. ވީމާ އެއީ އެންމެ އަގު ބޮޑު އިންވެސްޓްމަންޓެވެ. އެންމެ ފައިދާކުރާނެ އިންވެސްޓްމަންޓެވެ.

ބައެއް މީހުންނަށް ޤަބޫލުކުރެވިފައި އޮންނަނީ އަނބިދަރިންނާއި މައިން ބަފައިން ބަލަހައްޓަން ކުރާ މަސައްކަތަކީ އުފުލަން ޖެހިފައިވާ ބުރައެއް ކަމަށެވެ. އެއްގޮތަކަށްވެސް އެގޮތަށް އެކަން ނުދެކޭށެވެ! އެއީ މިންވަރުކުރައްވަވާ އެންމެ ބޮޑު އެއް ނިޢްމަތެވެ!

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން