ދައްކަން މިއުޅެނީ ވަރަށް ކުޑަކުޑަ ކަމެއް ކޮށްލައިގެން ކޮންމެ ދުވަހަކުވެސް ވަރަށް ގިނަ ޘަވާބުތައް ފުނިފުންޏަށް ހޯދެން އޮތް ކަމެއްގެ ވާހަކައެވެ. ކުރަން އެއްވެސް ކަމެއް އަމަލުން ކުރާކަށްވެސް ނުޖެހެއެވެ. ހިތަށް އަރުވައިލުމުން ކުރެވެން އޮތްކަމެއްގެ ވާހަކައެވެ. އެކަމަކު ފަށަމުން ނަޞީހަތުގެ ކުޑަކުޑަ ބަހެއް ބުނެލާނަމެވެ.
ގިނަބައަކު ކޮންމެ ރެއަކުވެސް ނިދަނީ މާދަމާ ވަރަށް ގިނަ ހެޔޮޢަމަލުތައްކޮށް ޘަވާބު ލިބިގަތުމަށް އުންމީދުކުރަމުންނެވެ. އެކަމަކު ހޭލެވޭއިރަކު އެކަން ހަނދާނަކުގައި ހުންނަ ކަމަކަށްވެސް ޤަބޫލެއް ނުކުރެވެއެވެ. އެއީ ހެޔޮ ޢަމަލުކުރުމުގެ ބަދަލުގައި ފާފަތައްކުރާތަން ފެންނާތީއެވެ. އެގޮތަށް ކަންތައް ކުރީމާ ސުވަރުގެ ވަދެވޭނެ ގޮތެއް އަހުރެންނަކަށް ނުވެސް ވިސްނެއެވެ.
ޢާޚިރަތް ކާމިޔާބުކޮށް ސުވަރުގެ ލިބުމަށް އެދޭމީހާ ހެޔޮ އަމަލެއް ކުރަން ލިބޭ އެންމެ ފުރުޞަތެއްވެސް ދޫކޮށްނުލާށެވެ! އެ ޢަމަލުކުރާށެވެ! އެއިރުން ތިބާ މަރުވާނީ ހިނިތުންވަމުންނެވެ. ހިނިތުންވެހުރެއެވެ.
އަހަރެމެން ކޮންމެ މީހަކީވެސް ކޮންމެ ދުވަހަކުވެސް އެތައް ބައިވަރު މީހުންނާއި ބައްދަލުވާ މީހެކެވެ. ވީހާ ގިނަ މީހުންނާއި ބައްދަލުވުމަކީ އުފާކުރަންޖެހޭ ކަމެކެވެ. އެއީ އެކަމުގެ ސަބަބުން ތިމާއަށް އެތައް ބައިވަރު ޘަވާބުތަކެއް ޙާޞިލުކުރުމުގެ ފުރުޞަތު އޮތުމުންނެވެ.
އެއީ ކުރަންވެސް ވަރަށް ފަސޭހަކަމެކެވެ. ހަމައެކަނި ކޮށްލަންވީ ކަމަކީ އެމީހާއަށް ނުއަންގައި އެމީހާއަށްޓަކައި ހެޔޮ ދުޢާއެއް ކޮށްލަންވީއެވެ. "ޔާ ﷲ! އޭނާގެ ފާފަ ފުއްސަވައި ހެޔޮ ރަޙްމަތް މިންވަރުކުރައްވަވާނދޭވެ! އާމީން" ހިތަށް އަރުވައިލިނަމަވެސް އެއޮތީ ދުޢާކުރެވިފައެވެ. ކޮންމެހެން އޭނާގެ ނަންވެސް އެނގޭކަށް ނުޖެހެއެވެ. ތިބާ ދުޢާކުރީ ކާކަށްކަން ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ.
އަދި ކީއްހެއްޔެވެ؟ އޭނާއަށް ނުއަންގައި އޭނާއަށް ދުޢާކުރުމުން ތިބާ އާއިއެކުގައިވާ މަލާއިކަތާ ހަމައެފަދައިން ތިބާއަށްޓަކައި ހަމަ އެފަދައިން ދުޢާކުރައްވަވާނެތެވެ.
މިހައި ފަސޭހައިން މިހައި ގިނަ ޘަވާބު ކޮންމެ ދުވަހަކު ހޯދެން އޮއްވައި ގިނަ މީހުން ޘަވާބު ހޯދުމުގެ ބަދަލުގައި ދަނީ އިތުރަށް ފާފަވެރިވަމުންނެވެ. އެއީ އޭނާ އާއިމެދު ނުބައި ވާހަކަތައް ދައްކާތީއެވެ. ނިކަން ވިސްނައިލަބަލާށެވެ! ރަނގަޅު މީހަކާއިމެދު ނުބައި ވާހަކައެއް ދެއްކިއްޖެނަމަ އެކުރެވެނީ ކިހައި ބޮޑު ފާފައެއް ކަމާއިމެދުގައެވެ. ނުބައި މީހެއް ނަމަވެސް އޭނާގެ ޒާތީ ކަންކަމާއިބެހި ވާހަކަ ދައްކަން ހުއްދަނުވާތީއެވެ. އެއީ ޣީބަބުނުން ކަމުގައިވެގެންދާތީއެވެ.
--މުފްތީ މެންކުގެ ދަރުސަކުން