ބައިވެރިޔާގެ ޢަމަލުތައް ހުންނަ ގޮތުން އޭނާއާއިއެކުގައި އުޅެގެން ޤިޔާމަތް ދުވަހު ސަލާމަތް ނުވެވިދާނެ ކަމުގެ ބިރު އެބައޮތް ކަމަށާއި އަދި އޭނާއަކީ ސުވަރުގެދާން ބޭނުންވާ މީހެއްކަން އޭނާގެ ޢަމަލުތަކަކުން ނުފެންނަކަމަށް އެބަ ބުނެއެވެ. ޙައްލަކީ ކޮބައިތޯވެސް ސުވާލުކުރެއެވެ.
މިއީ ވަރަށް މުހިންމު ސުވާލެކެވެ. ފިރިމީހާކަމަށްވީނަމަވެސް އަދި އަނބިމިހާކަމަށްވީނަމަވެސް އެންމެ މުހިންމު ސުވާލެވެ. އެހެންކަމުން މިގެނެސްދެނީ ޖަވާބު ލިބިލައްވާނެ ލިޔުމެކެވެ. އިން ޝާ ﷲ
ދެމީހަކު ގުޅި ކައިވެންޏަކާއި ހަމައަށް ދެވޭއިރު ވަރަށް ގިނަ ކަންތައްތަކަކަށް މަޝްވަރާކުރެވެއެވެ. ދިރިއުޅެނެ ގަނަކާއި އާމްދަނީ ހޯދާނެ ގޮތާއި ކައިވެނީގެ ޙަފްލާ ބާއްވާނެ ސައިޒާއި ފެންވަރާއި ދައުވަތުދޭނެ މީހުންގެ އަދަދާއި ހަނީމޫނަށް ދާނެ ތަނަކާއި ކައިވެނީގެ ހަފްލާގައި ލާނެ ހެދުމުގެ އިތުރުން އެހެން މީހުން ހެދުން ލާންޖެހޭނެ ކުލަފަދަ އެތައް ކަމަކަށް އެބަ މަޝްވަރާކުރެއެވެ.
ނަމަވެސް ކޮންމެހެން މަޝްވަރާކުރަން ޖެހޭނެ ކަންތައް އޮންނަނީ މަޝްވަރާނުކޮށް ދޫކޮށްލެވިފައެވެ. އަނެކާގެ ކިބައިގައި ތަޤްވާވެރިކަންހުރި މިންވަރާއި ކައިވެންޏަށްފަހު ތަޤްވާވެރިކަން އިތުރުކުރަން މަސައްކަތްކުރާނެ މިންވަރެވެ. ދީނުގެ ކަންކަމަށް ޢަމަލުކުރާނެ މިންވަރެވެ.
މީސްތަކުންނޭވެ! މިބުނި ކަންކަމަށް ކައިވެނީގެ ކުރިން ވަރަށް ބޮޑަށް މަޝްވަރާކުރަންވާނެއެވެ. އަދި އެކުގައި ދިރިއުޅެމުންދާއިރު ދިމާވާ މައްސަލަތައް ޙައްލުކުރަންވާނީ އިސްލާމް ދީނުގައި އޮންނަމަގުންނެވެ. ދީނުގައި ބަޔާންވެގެންވާ ގޮތަށެވެ.
ކައިވެނިކުރާއިރު ހެޔޮލަފާ ޞާލިޣް، ތަޤްވާވެރި އަދި އަޚްލާޤް އެންމެ ރަނގަޅު މީހުންނަށް ބަލައި އިސްކަންދީގެން ކައިވެނިކުރަން ޙަދީޘްފުޅުކުރައްވަވާފައިއެވަނީ މިބުނި މަގުން ދެމަފިރިންގެ ޢަމަލުތައް ބަހައްޓަންޖެހޭނެތީއެވެ.
މިއީ ދެމަފިރިންނަށްވެސް ބުނާ ބަހެކެވެ. ކައިވެނިކުރުމުން ދީނުގެ އެއްބައި ފިރިހަމަވީއެވެ. ކައިވެނިކުރުމަށްފަހު ދެން އޮތްބައި ފުރިހަމަކުރަން ކުރާ މަސައްކަތް އިތުރު ނުކުރެވޭނަމަ އެކައިވެނިން ލިބޭނެ އެއްވެސް ޙަޤީޤީ ފައިދާއެއް ނެތެވެ. ވީމާ ދެމަފިރިން އެކުގައި ﷲ ތަޢާލާ އާއި ކުއްތަންވުމަށް މަސައްކަތް ނުކުރެވޭނަމަ އަދި އެމަސައްކަތް ދުވަހުން އިތުރުނުކުރެވޭނަމަ އަވަހަށް ވަކިވެ އެހެން މަގެއް އިޚްތިޔާރުކުރާށެވެ! އެހެނީ ޒަވާޖީ ޙަޔާތުގެވެސް އެންމެ މުހިންމު މަޤްޞަދަށްވާންޖެހޭނީ ދެމަފިރިން އެކުގައި އަތުގައި ހިފާލައިގެން ސުވަރުގެ ވަނުން ކަމުގައިވާތީއެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން