ބައިވެރިޔާ އާއިމެދު ނުރުހެވޭއިރަށް އޭނާ މަރުވުމަށް އެދުމަކީ ކުރެވޭ ބޮޑުފާފައެއް! އެންމެ ބޮޑު ޢަދާވާތްތެރިޔާ މަރުވުމަށް އެދުންވެސް ހުއްދައެއް ނޫން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 48ސ
ބައިވެރިޔާ އާއިމެދު ނުރުހެވޭއިރަށް އޭނާ މަރުވުމަށް އެދުމަކީ ކުރެވޭ ބޮޑުފާފައެއް! އެންމެ ބޮޑު ޢަދާވާތްތެރިޔާ މަރުވުމަށް އެދުންވެސް ހުއްދައެއް ނޫން!

ކިތަންމެ ރުޅިއައިނަމަވެސް އަދި އުފާވިނަމަވެސް އަދި ތިމާގެ އެންމެ ބޮޑު ޢަދާވާތްތެރިޔާ އާއިމެދުގައިވެސް، މުސްލިމުން ކޮންމެ ކަމެއްގައިވެސް އަދި ކޮންމެ ޙާލަތެއްގައިވެސް ޢަމަލުކުރަންވާނީ ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށެވެ.

މީހަކު ދެކެ ކިތަންމެ ރުޅި އައި ނަމަވެސް، އެމީހާގެ ސަބަބުން ކިތަންމެ ބޮޑު ގެއްލުމެއް ލިބުނު ނަމަވެސް އެއްވެސް މީހަކު މަރުވުމަށް އެދުމަކީ އިސްލާމް ދީން ހުއްދަކުރާ ކަމެއް ނޫނެވެ! އަދި އެއީ ކުރެވޭ ވަރަށް ބޮޑު ފާފައެކެވެ. އެހެންކަމާއިއެކުވެސް ދިމާވާ ކުދިކުދި ކަންކަމާއި ގުޅިގެންވެސް ފިރިމީހާ އަވަހަށް މަރުވާން އެދޭ އަނބިންނާއި އަނބިމީހާ އަވަހަށް މަރުވާން އެދޭ ފިރިންވެސް ބައިވަރެވެ. މިއީ ކުރެވޭ ވަރަށް ބޮޑު ފާފައެކެވެ.

އަނބިމީހާ މަރުވެއްޖެ ނަމަ އަވަހަށް ކައިވެނި ކުރަން 3، 4 އަންހެނުން ކިޔޫގައި އަބަދުވެސް އެބަ ބައިތިއްބަމުއެވެ. ބައެއް ފިރިހެނުން އެ ކިޔޫގައި އޭނާގެ އެންމެ ހަގު ފަހަރި ވެސް ބަހައްޓައިގެން އަނބިމީހާއަށްވުރެ ގިނަ ޚަރަދުތައްވެސް އެބަ ކުރެއެވެ. އަނބިމީހާޢަށްވުރެ ގިނަ ވަގުތުވެސް ފަހަރި ކޮއްކޮއަށް އެބަ ދެއެވެ. އަދި މާގިނައިން އުފާވެރި ހިނިތުންވުންވެސް އެބަ ދައްކައެވެ. ހަމަ މިފަދަ އަނބިންވެސް ތިބެއެވެ.

މިފަދަ ފިރިންނަށް ބުނެލަން އޮތީ އަޅެ އަވާމެންދުރަށް ހެއްލިގެން އެ ފައިސާތައް ބޭކާރު ޚަރަދުތައް ނުކޮށް އެ ފައިޞާ ޞަދަޤާތް ކުރާ ނަމަ އާޚިރަތުގެ އެކައުންޓަށް ދާނީ ޖަމާވަމުން ނޫންހެއްޔެވެ؟ ފަހަރިންވެސް ހިމެނޭ ގޮތުން ދެފަރާތުގެ ޢާއިލާއަށް ހޭދަކުރުމަކީ މަތިވެރި ޞަދަޤާތެވެ! ނަމަވެސް މިހާލަތުގައި އެކަން ޞަދަޤާތަކަށް ނުވަނީ ނިޔަތް ތަފާތުވުމުންނެވެ! ހޭދަކުރާ މަޤްޞަދުގެ ގޮތުންނެވެ! އަމިއްލަ އެދުމެއް ޙާޞިލުކުރުމުގެ ނިޔަތް އޮތުމުންނެވެ!

އަނބިންނަށް ބުނެލަން އޮތީ މާބޮޑަށް ލޯބިވެގެން ތިއައުޅޭ މީހަކާއި ކައިވެނިކުރެވުމުން އޭނާވާނީ މިހާރުހުރި ފިރިމީހާއަށްވުރެ އެތައް ގުނައެއް ނުބައި މާބޮޑު އަނިޔާވެރިއަކަށް ނޫންކަން އެނގެނީ ކިހިނަކުން ހެއްޔެވެ؟

މިފަދަ އަނބިންނަށްވެސް އަދި ފިރިންނަށްވެސް އޮތް އަހަރެންގެ ސުވާލަކީ ކުރިން މަރުވާނީ ކާކުކަން އެނގެނީ ކިހިނަކުން ހެއްޔެވެ؟ އެވާހަކަ ބުނީ ކިހައި ހިސާބަކުން ފޭބި ކާކު ހެއްޔެވެ؟ މިފަދަ ކަންކަމަށް ތަންކޮޅެއް ބޮޑަށް ހޭލުންތެރިވން އަދިވެސް ނުވަނީ ހެއްޔެވެ؟

--މައުލޫމާތު: މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން