ކޮންމެ ދުވަހަކު އެންމެ 7 މިނިޓް މިގޮތަށް ޛިކުރުކުރާ މީހަކަށް ޢަޖައިބުވާވަރަށް ގިނަ ހެޔޮ ގޮތްތައް މެދުވެރިވާނެ! އިން ޝާ ﷲ: ޝައިޚް މުޙައްމަދު ބާޖައުރު

ކިޔުމަށް ހޭދަވާނީ 5މ
ކޮންމެ ދުވަހަކު އެންމެ 7 މިނިޓް މިގޮތަށް ޛިކުރުކުރާ މީހަކަށް ޢަޖައިބުވާވަރަށް ގިނަ ހެޔޮ ގޮތްތައް މެދުވެރިވާނެ! އިން ޝާ ﷲ: ޝައިޚް މުޙައްމަދު ބާޖައުރު

ޢާއިޝަތު ރަފާޙް ޢަލީ 

 

އަޅުގަނޑުގެ ލޮބުވެތި އަދި ޢިއްޒަތްތެރި އަޚުންނާއި އުޚްތުންނޭވެ! އަޅުގަނޑުމެންނަކީ އަޑުއަހައި އެއަށް ޢަމަލުކުރާ މީހުންގެ ތެރެއިން ކަމުގައި ﷲ ލައްވާށިއެވެ. 

ދުވާލަކު އެންމެ ހަތް މިނެޓު ﷲ ސުބްޙާނަހޫ ވަތަޢާލާ ހަނދުމަކުރުމަށް ހޭދަކުރުމަކީ ކިހާ މަތިވެރި ކަމެއްތޯއެވެ! މި ކުޑަކުޑަ ވަގުތުކޮޅު ﷲ އަށް ޛިކުރު ކުރުމަށް ހޭދަކުރުމުން، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ގިނަގުނަ ދަރުމަ ލިބޭނެއެވެ. އަދި އަޅުގަނޑުމެން ދެމިތިބޭނީ ﷲ ހަނދުމަކުރުމުގައެވެ. 

ފުރަތަމަ މިނެޓުގައި، ދުވާލަކު އެއްފަހަރު ސޫރަތުލް އިޚްލާޞް ތިން ފަހަރު ކިޔެވުމަށް އަމާޒު ހިފަމާ ހިނގާށެވެ. ރަސޫލުﷲ ޙަދީޘްކުރައްވާފައިވާ ގޮތުގައި، މިއީ ޤުރުއާނުގެ ތިންބައިކުޅަ އެއްބައި ކިޔެވުމާ އެއްވަރު ކަމެކެވެ. ޢިލްމުވެރިން މި ޙަދީޘްފުޅު ތަފްސީރުކުރައްވާފައިވާ ގޮތުގައި، މިއީ ދަރުމައިގެ ގޮތުން އެއްވަރުވުމެވެ. 

ދެވަނަ މިނެޓުގައި، ރޭގަނޑު ސޫރަތުލް ބަޤަރާގެ ފަހު ދެ އާޔަތް ކިޔެވުމަށް އަމާޒު ހިފަމާ ހިނގާށެވެ. ރަސޫލުﷲ ޙަދީޘްކުރައްވާފައިވާ ގޮތުގައި، މި ދެ އާޔަތް ރޭގަނޑު ކިޔަވާ މީހާއަށް އެ ދެ އާޔަތް ފުދޭނެއެވެ. ޢިލްމުވެރިން މި ޙަދީޘްފުޅު ތަފްސީރުކުރައްވާފައިވާ ގޮތުގައި، މީގެ މާނައިގެ ތެރޭގައި ތަހައްޖުދު ނަމާދު ކުރުމުން ފުދުމާއި، ނުބައި ކަންކަމުން ރައްކާތެރިވުމާއި، ޝައިޠާނުންގެ ކިބައިން ސަލާމަތްވުން ހިމެނެއެވެ. 

ތިންވަނަ މިނެޓުގައި، "سبحان الله، والحمد لله، ولا إله إلا الله، والله أكبر، ولا حول ولا قوة إلا بالله" މި ޛިކުރު ތަކުރާރުކޮށް ކިޔުމަށް އަމާޒު ހިފަމާ ހިނގާށެވެ. 

ރަސޫލުﷲ ޙަދީޘްކުރައްވާފައިވާ ގޮތުގައި، މިއީ ﷲ ޢައްޒަ ވަޖައްލަ އެންމެ ލޯބިވެވޮޑިގަންނަވާ ހަތަރު ބަސްކޮޅެވެ. އަދި މި ކަލިމަތައް ކިޔުމަކީ މުޅި ދުނިޔެއާއި އޭގައިވާ ހުރިހާ އެއްޗަކަށްވުރެ ހެޔޮ ކަމެކެވެ. މި ހަތަރު ބަސް ކިޔުމުން، ހުރިހާ ފާފަތަކެއް ފޮހެވިގެންދެއެވެ. އެހެންކަމުން މިކަމުގެ ސަވާބު ވަރަށް ބޮޑެވެ. އެންމެ މިނެޓެއް ހޭދަކޮށްލައިގެން، މި ބަސްތައް އެތައް ފަހަރަކު ތިބާއަށް ކިޔޭނެއެވެ. 

ހަތަރުވަނަ މިނެޓުގައި، އެއް މިނެޓް ހޭދަކޮށްލައިގެން ގިނަގިނައިން އިސްތިޣްފާރު ކުރާށެވެ. "أستغفر الله" އަސްތަޣްފިރުﷲ، އަސްތަޣްފިރުﷲ، އަސްތަޣްފިރުﷲ. އަދި ގިނަގިނައިން އިސްތިޣްފާރު ކުރާއިރު، އޭގެ މާނަ ވިސްނައިގެން ކުރާށެވެ. ހަމައެކަނި އަވަސް އަވަހަށް އަސްތަޣްފިރުﷲ ކިޔުމެއް ނޫނެވެ. އެއްވެސް މާނައެއް ނުވިސްނައި، ހިތުން ނުކުމެގެން ނޫން ގޮތަކަށް ނޫނެވެ. ރަސޫލުﷲ އަޅުގަނޑުމެންނަށް އަންގަވާފައިވަނީ، އެކަމުން ކޮންމެ ހިތާމައަކުން ސަލާމަތްވެވޭނެ ކަމަށެވެ. އެކަމުން އުމުރު ދިގުވާނެ ކަމަށެވެ. އެކަމުން ދުވަހުގެ ތެރޭގައި ބަރަކާތް ލިބޭނެއެވެ. އަދި އެކަމުން މުދާ އިތުރުވާނެ ކަމަށާއި، ދަރިން އިތުރުވާނެ ކަމަށެވެ. އެހެންވީމާ، ގިނަގިނައިން އިސްތިޣްފާރު ކުރާށެވެ.

ފަސްވަނަ މިނެޓުގައި، "اللهم صّلِ وسَلّمْ على نَبِيْنَا مُحَمد" މިފަދައިން ޛިކުރު ކުރާށެވެ. ރަސޫލުﷲ އަޅުގަނޑުމެންނަށް އަންގަވާފައިވަނީ، އަޅުގަނޑު އެއްފަހަރު މި ޞަލަވާތް ކިޔާ ކޮންމެ ފަހަރަކު، ﷲ މަލާއިކަތުންގެ ކުރިމަތީގައި އަޅުގަނޑުގެ ނަން 10 ފަހަރު ޛިކުރު ކުރައްވާނެ ކަމަށެވެ. އަދި އަޅުގަނޑު ރަސޫލުﷲ އަށް ޞަލަވާތް ކިޔާ މިންވަރު އިތުރުވާވަރަކަށް، އަޅުގަނޑަށް އެންމެ ބޭނުންވާ ވަގުތު ޤިޔާމަތް ދުވަހު އެކަލޭގެފާނުގެ ޝަފާޢަތް ލިބުމުގެ ފުރުޞަތު ބޮޑުވެގެންދާނެއެވެ. 

ހަވަނަ މިނެޓުގައި، ފަތިސް ނަމާދަށްފަހު، "لا إلهَ إلاَّ اللَّه وحْدهُ لاَ شَرِيكَ لهُ، لَهُ المُلْكُ، ولَهُ الحمْدُ، وَهُو عَلَى كُلِّ شَيءٍ قَدِيرٌ" މި ޛިކުރު 10 ފަހަރު ކިޔާށެވެ. ރަސޫލުﷲ ޙަދީޘްފުޅު ކުރައްވަވާފައިވަނީ މިގޮތަށް ކިޔުމުން 10 ހެޔޮ ޢަމަލު ލިޔެވޭނެ ކަމަށާއި، 10 ފާފަ ފޮހެވިގެންދާނެ ކަމަށާއި، 10 ދަރަޖަ މަތިވެރިވެގެންދާނެ ކަމަށާއި، އަދި އެ ދުވަހު ހުރިހާ ބާވަތެއްގެ ގެއްލުމަކުން ރައްކާތެރިކުރެވޭނެ ކަމަށެވެ. އޭނާ ޝައިޠާނާގެ ކިބައިން ރައްކާތެރިކުރެވޭނެއެވެ. 

ހަތްވަނަ މިނެޓުގައި، އެހެން މީހުންނާ ހެޔޮ އެއްޗެއް ހިއްސާކުރާށެވެ. އެހެންނަމަވެސް، ވަރަށް މުހިންމު ކަމަކީ އެއީ ޞައްޙަ އެއްޗެއް ކަމުގައި ވާންޖެހެއެވެ. ތިބާ ހިއްސާކުރާ ޙަދީޘަކީ 100% ޞައްޙަ އެއްޗެއް ކަމުގައި ވާންޖެހެއެވެ. ރަސޫލުﷲ ޙަދީޘްކުރެއްވިއެވެ. ތިބާ ފޮނުވާލި އެ ޙަދީޘުގައިވާ ގޮތަށް ނުވަތަ ތިބާ ފޮނުވާލި އެ ކްލިޕްގައިވާ ގޮތަށް ޢަމަލުކުރާ ކޮންމެ މީހަކަށް ލިބޭ އަޖުރު ފަދައިން ތިބާއަށްވެސް އަޖުރު ލިބޭނެއެވެ.

މި ހަތް މިނެޓުގެ ޛިކުރުތަކަށް ޢަމަލުކުރުމުން، ﷲގެ އިޒުނަފުޅާއެކު، އެ ޢަމަލުތައް ހިތުގެ އިޚްލާޞްތެރިކަމާއެކު ކުރެވޭނަމަ، ގިނަގުނަ ޙަސަނާތްތައް ލިބޭނެއެވެ. އަދި މި ކުޑަކުޑަ ވަގުތުކޮޅު އަށް ޛިކުރު ކުރުމަށް ހޭދަކުރުމުން، އަޅުގަނޑުމެން ދެމިތިބޭނީ ﷲ ހަނދުމަކުރުމުގައެވެ. މިއީ އަޅުގަނޑުމެންގެ ދުނިޔެއާއި އާޚިރަތް ދެ ދުނިޔެއަށްވެސް ވަރަށް ބޮޑު ފައިދާއެއް ލިބިގެންދާނެ ކަމެކެވެ. 

އަޅުގަނޑުމެން އެންމެންނަށް މި ހެޔޮ ޢަމަލުތައް ކުރުމުގެ ތައުފީޤު ދެއްވާށިއެވެ. އަދި އޭގެ ސަބަބުން އަޅުގަނޑުމެންގެ ދުނިޔެއާއި އާޚިރަތް ބާއްޖަވެރި ކުރައްވާށިއެވެ. އާމީން.

 

- ޝައިޚް މުޙައްމަދު ބާޖައުރުގެ ދަރުސަކުން 

މިއަދު އޮންލައިން