މަންމަ ހުރެމެ މަންމަގެ ދައުރު ބައްޕަ އަދާކުރަން ފެށުމުންނާއި ބައްޕަ ހުރެމެ ބައްޕަގެ ދައުރު އަދާކުރަން މަންމަ ފެށުމުން ދަރިންނަށް ލިބޭ ބޮޑު ދެރަ އެނގޭތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 36ސ
މަންމަ ހުރެމެ މަންމަގެ ދައުރު ބައްޕަ އަދާކުރަން ފެށުމުންނާއި ބައްޕަ ހުރެމެ ބައްޕަގެ ދައުރު އަދާކުރަން މަންމަ ފެށުމުން ދަރިންނަށް ލިބޭ ބޮޑު ދެރަ އެނގޭތަ؟

ފުރަތަމަ މިކިޔައިދެނީ ހަނދުކާތައާއި އިރުކޭތައިގެ ވާހަކައެވެ. ކޭތަ ހިފުމަށްބަލާއިރު ހިފާނީ ފަހަރަކު ކޭތައެކެވެ. ދުވާލު ހިފާނީ އިރުކޭތައެވެ. ރޭގަނޑު ހިފާނީ ހަނދުކޭތައެވެ. ދެކޭތަ އެއްފަހަރަކާ ނުހިފާނެއެވެ. އެހެން މިބުނަނީ ރޭގަނޑު އިރު ނުހުންނާނެތީއެވެ. އަދި ދުވާލު ހަނދު ހުއްޓަސް އިރުގެ އަލީގެ ސަބަބުން ހަނދުނުފެންނާނެތީއެވެ. ކޭތަ ހިފުމުންވެސް ތަރިތައް ގެއްލިގެންދެއެވެ.  

ގޭގައި ކޭތަހިފާގޮތް އެނގޭހެއްޔެވެ؟ އެއީ މަންމަ ހުރެމެ މަންމަގެ ދައުރު ބައްޕަ އަދާކުރަން ފެށުމާއި ބައްޕަ ހުރެމެ ބައްޕަގެ ދައުރު އަދާކުރަން މަންމަ ފެށުމެވެ. މިޙާލަތުގައި ދަރިންނަށް މަގުއޮޅި އެކުދިންގެ ވިސްނުން ވިއްސިވިހާލިވެގެންދާތީއެވެ. 

މިއީ ވަރަށް ނުރައްކައުތެރިކަން ބޮޑު ކަމެކެވެ. އެހެނީ މަންމަ އާއި ބައްޕައަށް ﷲ ތަޢާލާ ޙަވާލުކުރައްވަވާފައިވަނީ ތަފާތު 2 މަސްއޫލިއްޔަތެކެވެ. ދަރިން ހެޔޮގޮތުގައި ތަރުބިއްޔަތުކުރެވޭނީ ދެމީހުންވެސް ދެމީހުންގެ މަސްއޫލިއްޔަތު އަދާކުރުމުންނެވެ.  

ހަމައެއާއިއެކު ދަރިންގެ ސަމާލުކަމާއި ލޯބި ހޯދަން މަންމަ އާއި ބައްޕަކުރާ މަސައްކަތުގައި ދަރިންގެ ގާތުގައި އެކަކު އަނެކަކު ކުށްވެރިކޮށް ވާހަކަދެއްކުމަކީވެސް އެކަމުގެ ނޭދެވޭ އަސަރު ދަރިންނަށް ވަރަށް ބޮޑަށް ކުރާކަމެކެވެ. އެހެންކަމުން ދެން އެހެން ގޮތެއް ނެތި މަޖުބޫރުވެގެން ނޫނީ ބައްޕަވެސް އަދި މަންމަވެސް ދަރިންގެ ގާތުގައި އަނެއްގެ ނުބައިވާހަކަ ދައްކައިގެން ނުވާނެއެވެ. ދެމަފިރިން ވަކިވެގެން ތިބި ނަމަވެސްމެއެވެ. ނަމަވެސް އެއްވެސް ކަމެއްގައި ދޮގުބުނެގެންވެސް ނުވާނެއެވެ.  

މިސާލަކަށް ބުނާނަމަ ޢާންމުކޮށް ދަރިފުޅުގެ ޚަރަދުތައް ބަލަހައްޓައިދެމުން އަންނަ ބައްޕައަށް ކަމެއް ދިމާވެގެން މަހެއްގައި ފައިސާލިބުން ލަސްވެލިނަމަވެސް ބައްޕަކުށްވެރިކޮށް ދަރިފުޅުގާތުގައި ވާހަކަ ނުދައްކާށެވެ. ބައްޕައަށް ލިބުނީމައި ގެނެސްދޭނެކަން ވިސްނައިދޭށެވެ.  

ނަމަވެސް ދަރިފުޅަށް އެއްގޮތަކަށްވެސް ޚަރަދުނުކުރާނަމަ، ޚާއްޞަކޮށް އެކަމުގެ ސަބަބުން ދަތިޙާލުގައި އުޅެންޖެހޭނަމަ ބައްޕަ ޚަރަދު ކުރާކަމަށް ބުނެ ދަރިފުޅަށްވެސް އޮޅުވައިނުލާށެވެ. ހަޤީޤަތް ސާފުކޮށްދޭށެވެ. ފައިދާ ބޮޑުވާނީ އެއިރުންނެވެ.

 

- އަލަފް / މިއަދުނޫހަށް

މިއަދު އޮންލައިން