ފަށަމުންވެސް ބުނެލާނަމެވެ. ބިރެއްނެތި ހަމަލޮލުންނާއި ސޯޝަލް މީޑިއާއިން އަޢުރަ ބެލޭނަމަ މިލިޔުން ވިދާޅުވެލައްވާށެވެ! އަދި ނުބެލޭ މީހުންނަށްވެސް މިލިޔުމުން ވަރަށް ބޮޑު ފިލާވަޅެއް ލިބިލައްވާނެއެވެ. އިން ޝާ ﷲ
އެއީ ތަޢާލަބާ (ރޢ) އެވެ. ޢުމުރުފުޅަކީ އެންމެ 13 އަހަރެވެ. ބައެއް ރިވާޔަތްތަކުގައި 13 އަހަރާއި 16 އަހަރާއި ދެމެދުކަމަށް ވެސް ބުނެވެއެވެ. އެ ކުއްޖާ އަކީ ރަސޫލް ޞައްލަﷲ ޢަލައިހި-ވަސައްލަމަގެ ސިޓީފުޅު އުފުއްލަވައި ދެއްވައި އުޅުއްވި ޞަހާބީއެކެވެ.
އެއް ދުވަހަކު އޭނާ އާއި ސިޓީފުޅެއް ޙަވާލުކުރެއްވެވިއެވެ. ސިޓީފުޅު ހިހިއްޕަވައިގެން ހިންގަވަނިކޮށް ވައިގަދަވިއެވެ. އެޒަމާނަކީ ގޭގޭގައި، ގިފިލިތަކުގައި ދޮރު ހުންނަ ޒަމާނެއް ނޫނެވެ. އޮންނާނީ އެލުވާލާފައި އޮންނަ ފޮތިގަނޑެއް ފަދަ އެއްޗެކެވެ. ފޮތިގަނޑެއް ވަޔާއި ހިއްލިލިތަނުން ޠަޢާލަބާއަށް ފެނިވަޑައިގަތީ ހެދުން ބާލައިގެން ފެންވަރަން އިން އަންހެނެކެވެ.
ފެނިވަޑައިގަތުމާއިއެކު އެއީ ކުރެއްވެވުނު ބޮޑު ފާފައެއް ކަމަށް ބައްލަވައި ގަތް ބިރުފުޅުން މަދީނާވެސް ދޫކުރައްވައި ރަށްބޭރަށް ވަޑައިގެން ފަރުބަދަމަތީގައި އުޅުއްވަން ފެށްޓެވިއެވެ. ހައަކަދުވަސްވީއިރުވެސް ތަޢާލަބާގެ ޚަބަރެއް ލިބިވަޑައިނުގަތުމުން އޭނާ ކޮބައިތޯ ޞަހާބީންނާއި ސުވާލުކުރައްވައިގެންވެސް އެނގިވަޑައިނުގަތުމުން އޭނާ ހޯއްދަވައި ދެއްވެވުމަށް ޢުމަރުގެފާނާއި ސަލްމާނުލްފާރިސީގެ އަރިއަހުން އެދިވަޑައިގެންނެވިއެވެ.
އެދެބޭކަލުން ވަޑައިގެން ރަށްބޭރު ބައްލަވަމުން ގެންދަވަނިކޮށް ބައްދަލުވެވަޑައިގެންނެވި ބަކަރި ހުއި ހައްޕާ ކުއްޖަކާއި ބައްދަލުވެވަޑައިގެން އެ އުމުރުގެ ކުއްޖަކު ދުށިންތޯ ސުވާލުކުރެއްވެވުމުން އޭނާ ދެންނެވިއެވެ.
"ތިއަ ބުނަނީ ކޮންމެ ރެއަކު އިރުއޮއްސޭވަގުތު ރޮމުން ރޮމުން ފަރުބަދުމަތިން ފައިބައި ކިރުތަށްޓަށް ކަރުނައަޅަމުން ކިރާ ކަރުނަބޯ ކުއްޖާގެ ވާހަކަ ކަމަށްވެދާނެ." ކަމަށެވެ. އަދި މަޑުކޮށްލައިފިއްޔާ އެކުއްޖާ އާއި ބައްދަލުވެދާނެ ކަމަށެވެ.
އެދެބޭކަލުން ނިންމެވީ އެކުއްޖާ ދެކެވަޑައގަތުމަށްޓަކައި މަޑުކުރެއްވެވުމަށެވެ. މަޑުކުރައްވައިގެން ތިއްބަވަނިކޮށް ވަޑައިގަތީ ތަޢާލަބާއެވެ. ތަޢާލަބާ ގާތު ރަސޫލް ﷺ އޭނާ އެބަހޯޢްދަވާ ކަމަށާއި މަދީނާއަށް ވަޑައިގަންނަވަންވީކަމަށް ދެންނެވުމުން ފުރަތަމަ ކުރެއްވީ 2 ސުވާލެކެވެ. "ތިމަންނާ އާއި ބެހޭ ގޮތުން ﷲ ތަޢާލާ އާޔަތެއް ބާވައިލެއްވެވީތޯ އާއި ނަރަކަވަންތަ އަޅެއްކަމަށް ނިންމެވީތޯއެވެ؟ ދެން ވިދާޅުވީ އޭނާގެ ނަފްސަކީ ނަޖިސް ނަފްސެއް ކަމަށާއި ރަސޫލް ﷺ ގެ ކުރިފުޅި މައްޗަށް ވަޑައިގަންނަވަން ބޭނުންފުޅު ނުވާ ކަމަށެވެ.
ޢުމަރުގެފާނު އެނބުރި މަދީނާއަށް ވަޑައިގަތީ ތަޢާލަބާ ގޮވައިގެންނެވެ. ވަޑައިގެން ތަޢާލަބާ އޭނާގެ ގޭގައި ބަހައްޓަވާފައި ވަޑައިގެން ރަސޫލް ﷺ އަށް އެވާހަކަ ދެންނެވުމުން ތަޢާލަބާ ގެންނެވީއެއް ނޫނެވެ. އެގެއަށް ވަޑައިގަތީއެވެ.
ރަސޫލް ﷺ ފެނވަޑައިގަތުމުންވެސް ތަޢާލަބާ ދެންނެވީ ހަމަ ޢުމަރުގެފާނަށްވެސް ދެންނެވި ވާހަކަފުޅުތަކެވެ. އެފަދަ އާޔަތެއް ބާވައިލައްވަވާފައިނުވާކަމަށާއި ނަރަކައަށް ދާން ނުޖެހޭނެ ކަމަށް ވިދާޅުވެ ރަސޫލް ގެ އުނގުފުޅުގައި ބޯއަޅުއްވައި އޮށޯންނަވަން ޙަދީޘްފުޅު ކުރެއްވެވުމުން ވެސް ދެންނެވީ އޭނާގެ ބޮލަކީ ނަޖިސް ބޮލެއް ކަމަށެވެ. އެފަދަ ކަމަކަށް ކުފޫ ހަމަނުވާކަމަށެވެ.
ރަސޫލް ﷺ ތަކުރާރުކުރައްވައި ޙަދީޘްފުޅުކުރެއްވެވުމުން ޠަޢާލަބާ ރަސޫލް ﷺ ގެ ފައިންޕުޅުގައި ބޯ ބާއްވަވައިގެން އޮށޯވެވަޑައިގަތުމުން ޙަދީޘްފުޅު ކުރެއްވެވިއެވެ. "ޠަޢާލަބާއަށް ހަމަޖެހުން ލިބޭނީ ކޮންކަމަކުން ހެއްޔެވެ؟ ބޭނުންވަނީ ކޮންކަމެއް ހެއްޔެވެ؟" ޖަވާބުގައި ﷲ ތަޢާލާ އޭނާގެ ފާފަ ފުއްސަވައި ދެއްވެވުމަށް ކަމަށް ދެންނެވުމުން ހަދީޘްފުޅުކުރެއްވެވިއެވެ. "ﷲ ފާފަފުއްސަވައި ދެއްވަވައިފިއެވެ."
އެވަގުތު ޠަޢާލަބާގެ ހަށިގަނޑު ތުރުތުރުއަޅަންފެށުމުން ވަނީ ކިހިނަކުންތޯ ސުވާލުކުރެއްވެވުމުން އޭނާ ދެންނެވިއެވެ. "ހީވަނީ ހިނިތަކެއް ހަށިގަނޑުތެރޭގައި ޙަރަކާތްތެރިވާހެންނެވެ. ދެން ޙަދީޘްފުޅު ކުރެއްވެވިއެވެ. "ޠަޢާލަބާއެވެ. ޝަހާދަތް ކިޔާށެވެ. ތިއަ މަރުވަނީއެވެ." ކުޑަ އިރުކޮޅެއްގެ ތެރޭގައި އެގޮތަށް އޮންނަވައި ތަޢާލަބާ އަވަހާރަވެއްޖެއެވެ.
ޠަޢާލަބާގެ ޖަނާޒާއަށްފަހު މީސްތަކުން ރަސޫލް ﷺ ކުރިއަށް ވަޑައިގަތުމަށް ބޮޑު ޖާގަ އަރުވާފައިވަނިކޮށްވެސް ރަސޫލް ﷺ ދެފައިންޕުޅުގެ ބޮޑުވާއިނގިލިފުޅު ވިއްދަވައިގެން ހިންގަވާތީ ޢުމަރުގެފާނު ސުވާލުކުރެއްވެވުން ޙަދީޘްފުޅު ކުރެއްވެވިއެވެ. "ޠަޢާލަބާގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް ފައިބާވަޑައިގެންނެވި މަލާއިކަތުންގެ ޢަދަދު ގިނަކަމުން ފައިންޕުޅު އަޅުއްވަވާނެ ޖާގަ ބެތީއެވެ."
ދެން ނިކަން ހިތަށް ގެނެސްބަލާށެވެ! ޠަޢާލަބާ ﷲ ތަޢާލާގެ ޢަޛާބަށް އެހައި ބޮޑަށް ބިރުފުޅުގަތީ ޤަޞްދަކާއި ނުލައި ފެނިވަޑައިގެންނެވި ކަމަކުންނެވެ. މިއަދު ކުޑަކުދިންވެސް ބޮޑެތި މީހުންނަށްވެސް ސޯޝަލް މީޑިއާ އާއި އެހެންވެސް ގޮތް ގޮތްގޮތުން ބަރަހަނާ މަންޒަރުތައް ބަލަމުން މިގެންދަނީ އެއްވެސް ބިރެއް ނެތިއެވެ.
ބރުގަތުމުގެ ފައިދާ ނިކަން ދެކި ބަލާށެވެ! އަވަހާރައެވީ ރަސޫލް ﷺ ގެ އުނގުފުޅުގައެވެ. ފަސްދާނުލެވިގެން އެދިއައީ ސުވަރުގެ ޔަޤީން ޙާލުގައެވެ. އެތައް ޙާސް މަލާއިކަތުން ޖަނާޒާގައި ބައިވެރިވެވަޑައިގެންނެވިއެވެ. ޢިބްރަތަކަށް ނުފުދޭ ހެއްޔެވެ؟
- އިސްލާމީ ތިލަފަތުގެ ދަރުސަކުން