އެސްފީނާއަކީ ވަޤުތުންވެސް ޖެހޭ އެއްޗެއް! ސަމާލުކަން ދީގެން ތިބޭތި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 59ސ
އެސްފީނާއަކީ ވަޤުތުންވެސް ޖެހޭ އެއްޗެއް! ސަމާލުކަން ދީގެން ތިބޭތި!

ބައެއް މީހުންނަށް ވިސްނިފައި އޮންނަނީ އެސްފީނާއަކީ އެސްފީނާލާތާ ވަރަށް ގިނަ ދުވަހުން އެއްޗެއް ކަމަށެވެ. އެއީ ބައެއް ފަހަރު އެކަމުގެ އަސަރުތައް މާފަހުން ނުވަތަ ވަރަށް ގިނަ ދުވަހުންވެސް ފެންނާތީއެވެ.  

އެސްފީނާއަކީ ވަޤުތުންވެސް ޖެހޭ އެއްޗެކެވެ. ވީމާ އެކަމަށް ސަމާލުކަންދޭންވާނެއެވެ. މީހަކަށް ތައްރީފްގެ ބަހެއް ބުނި ނަމަވެސް މާޝާﷲ ބުނަންވާނެއެވެ. އޭނާއަށްޓަކައި ހެޔޮދުޢާކުރަންވާނެއެވެ. ސަބަބަކީ ޤަޞްދަކާއި ނުލެވޭ ހިތަށް ގެނެވޭ ކަމަކުންވެސް އެސްފީނާ ޖެހުމުގެ ނުރައްކާ އޮތުމުންނެވެ.  

ތިރީގައި އެވަނީ އެފަދަ ޙާދދިސާއެއްގެ ވާހަކައެވެ. މީހަކު އޭނާގެ ރީތިކަމަށް ތަޢްރީފްކުރިތާ ކުޑަހިނދުކޮޅެއްގެ ތެރޭގަ އެސްފީނާ ޖެހުނު އަންހެނެއްގެ ވާހަކައެވެ.   

އެސްފީނާ ޢާއިބެހޭ ގޮތުން ދެކެވޭ ބައެއް ވާހަކަތައް ޤަބޫލުކުރަން ކޮންމެވެސް ބައަކަށް އުނދަގޫވެދާނެއެވެ. މިކިޔައިދޭ ވާހަކައަކީ އަހަރެންގެ އަމިއްލަ ލޮލުން ދެކެފައިވާ ކަމެއްގެ ވާހަކައެވެ.  

އެއީ އަންހެނެކެވެ. ތަނަކީވެސް މިސްކިތެވެ. އޭނާ އަޅައިގެންހުރި ބުރުގާ ދޫ އެއްޗަކަށްވުމުން ކަރުން ބައެއް ފެންނަން ހުއްޓެވެ. އެތަން ފެނިފައި އަންހެނަކު އޭނާގެ ރީތިކަމަށް ތަޢްރީފްކުރިއެވެ. އޭނާ އެކަމަށް ސަމާލުކަމެއް ނުދެއެވެ.  

ގެއަށް ގޮސް ބެލިއިރު ކަރުދޮށުގައި ކަޅު އެއްޗެއް ހުއްޓެވެ. އޭނާ އަވަސް އަވަހަށް އަމިއްލައަށް ރުޤްޔާކުރިއެވެ. އެއެއްޗެއް ފިލައިގެންވެސް ދިއައެވެ. (އެއީ އޭނާއަކީ ތަޤްވާވެރިއަކަށްވެފައި ޛިކުރުތައް ކިޔައިގެން ހުންނަ އަންހެނަކަށްވާތީ ކަމަށްވެސްވެދާނެއެވެ.)  

މިއީ އަހުރެމެން ޙައިރާންވާންވީ ކަމެއް ނޫނެވެ. އަހުރެމެންގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި-ވަސައްލަމައަށް ކުޑަކުއްޖެއްގެ ގައިން އެފަދަ ފާހަގައެއް ފެނިވަޑައިގަތުމުން އެކުއްޖާއަށް އެހުރީ އެސްފީނާ ޖެހިފައިކަމަށް ޙަދީޘްކުރައްވައި އަދި ރުޤްޔާކުރަން ޙަދީޘްކުރެއްވެވިއެވެ.  

ދެކަމެއް ފާހަގަކޮށްލާނަމެވެ. އެއްކަމަކީ ވީހައި ބޮޑަށް ފޮރުވި، އިސްލާމްދީނުގައިވާ މަގުން ހެދުންއަޅައި ނިވާވެގެން ތިބެންވީ މިފަދަ ކަންކަން މަދުވެރިވާތީއެވެ. އަންހެނުން އަންހެނުންނަށްވެސް ހަށިގަނޑު ނުދައްކަންވީ މިހެންވެގެންނެވެ.  

ދެވަނަ ކަމަކީ އެސްފީނާ ޖެހުމުން ކޮންމެ މީހަކަށް ވަޤުތުން މިފަދަ ޢަލާމާތެއް ނުފެނިދާނެއެވެ. އެކަން ނުއެނގި ކިތަންމެ ދުވަހެއްވަންދެންވެސް ހުރެދާނެއެވެ. ވީމާ އަބަދުވެސް ތިބެންވާނީ ރައްކައުތެރިކަމުގެ ފިޔަވަޅުތައް އަޅައިގެންނެވެ.

 

- އުސްތާޛާ ދުންޔާ ޝުއަޢިބްގެ ދަރުސަކުން

މިއަދު އޮންލައިން