ކުރަން ލިބުނު މަސައްކަތަށް ނުބަލައި އިޚްލާޞްތެރިވާ މީހަކަށް އެމީހާ ބޭނުންވާ މަސައްކަތްވެސް ކުރަން ލިބުމަކީ ގާތްކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 57ސ
ކުރަން ލިބުނު މަސައްކަތަށް ނުބަލައި އިޚްލާޞްތެރިވާ މީހަކަށް އެމީހާ ބޭނުންވާ މަސައްކަތްވެސް ކުރަން ލިބުމަކީ ގާތްކަމެއް!

ދުނިޔޭގައި އަހުރެމެން ލެއްވެވީ ﷲ ތަޢާލާއެވެ. އަހުރެމެން ކުރަންވީ މަސައްކަތް މިންވަރުކުރައްވަވަނީވެސް ހަމަ ﷲ ތަޢާލާއެވެ. ވީމާ އެމީހަކަށް ކުރަން ލިބުނު ކޮންމެ (ހަލާލް) މަސައްކަތެއްގައިވެސް ތެދުވެރިވާށެވެ! 

އެމީހަކަށް ކުރަން ލިބުނީ ކޮންމެ މަސައްކަތެއް ނަމަވެސް އެމަސައްކަތެއްގައި އިޚްލާޞްތެރިވެ ތެދުވެރިވުމުން އެމީހާ އެދޭ މަސައްކަތް އެކަމުގެ ވަޤުތު ޖެހުމުން ﷲ ތަޢާލާ ރުހިވޮޑިގަންނަވާނަމަ މިންވަރުކުރައްވަވާނެ ކަމުގެ ޔަޤީންކަމުގައި ހުރެ މަސައްކަތްކުރަމުން ގެންދާށެވެ! 

މުހިންމީ ވަކި މަސައްކަތެއް ނޫނެވެ. ޙަލާލް ކޮންމެ މަސައްކަތަކީވެސް ހަމަ ކުރަން އެންމެ ރަނގަޅު މަސައްކަތެކެވެ. ޢިބްރަތް ޙާޞިލުކުރާށެވެ! މީސްތަކުންގެ ތެރެއިން ﷲ ތަޢާލާ އެންމެ މާތް ކުރެއްވެވީ ރަސޫލްބޭކަލުންނެވެ. ބަކަރިހުއިހެއްޕުމުގެ މަސައްކަތް އެބޭކަލުން ނުކުރައްވަވާ ހެއްޔެވެ؟ 

އަދި އެންމެހައި މީސްތަކުންގެ ތެރެއިން އެންމެ މާތް ކުރެއްވެވި އަހުރެމެން މުސްލިމުންގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހިވަސައްލަމަ އެ މަސައްކަތް ނުކުރައްވަވަނީ ހެއްޔެވެ؟ ފުރަތަމަވެސް އެންމެ ޝަރަފުވެރި މަސައްކަތްތައް މިންވަރު ނުކުރެއްވެވީ ކީއްވެގެން ހެއްޔެވެ؟ 

މިވާހަކަތައް ދައްކަން މިޖެހެނީ ސަބަބެއް ނެތިއެއް ނޫނެވެ. ދުނިޔޭގެ ގިނަ ޤައުމުތަކަށް ބަލާއިރުވެސް ވަޒީފާގެ ބާޒާރުގައި މުސްލިމުންނަށް އޮތީ ރަނގަޅު ދަރަޖައެއްކަމަށް ބުނެވޭކަށް ނެތެވެ. ގިނަ ޤައުމުތަކުގައި ޙާލަތު އޮތީ ލަދުގަންނަންޖެހޭނެ ފަދަ ގޮތަކަށެވެ. ބައްދަލުވާ މީހުންގެ ކިބައިން ލިބޭ އެއް ޝަކުވާއަކީ ވަޒީފާގައި ޘާބިތުވެ ނުތިބުމާއި އަދި ތެދުވެރިނުވުމުގެ ޝަކުވާއެވެ. މިއީ އިޞްލާޙްކުރަންޖެހިފައިވާ ކަމެކެވެ.

 

ކޮންމެ މީހެއްގެ ވަޒީފާއެއް އަދާކުރަން ލިބުނަސް އެމަސައްކަތް ތިބާއާއި ޙަވާލުކުރައްވަވަނީ ﷲ ތަޢާލާކަން ޤަބޫލުކުރަންވާނެއެވެ. ވީމާ ފުރަތަމަ ކަމަކަށްވެސް ތެދުވެރިވާންވާނެއެވެ. އަދި ވަޒީފާގެ އެއްބަސްވުމަށް ޢަމަލުކުރަންވާނެއެވެ. ރަނގަޅު ގޮތުގައި ވަޒީފާއަދާކުރުމަކީ އަޅުކަމަކަށްވާފަދައިން ނުބައި ގޮތުގައި ކަންކަން ކުރީމާ ފާފައަކަށްވެގެންދާނެކަން ޤަބޫލުކުރަންވާނެއެވެ!

 

އަދި އެއްވާހަކަ ބުނެލާނަމެވެ. މުޅި ދުނިޔެއަށް ބެލިނަމަވެސް ގިނަ ބައަކު މިއުޅެނީ ވަޒީފާ ނުލިބިގެންނެވެ. ވަޒިފާއެއް ދެއްވެވިކަމަށްޓަކައި ޝުކުރުވެރިވުމުގެ ގޮތުންވެސް ވަޒީފާގެ އެންމެހައި ކަންކަމަށް ސަމާލުކަންދޭށެވެ! އެއިރުން އެމީހާ ކުރަން ބޭނުންވާ މަސައްކަތް ކުރަން ފުރުޞަތުލިބުމަކީވެސް ވަރަށް ގާތުގައި އޮތް ކަމެކެވެ.

 

--އިސްލާމީ ތިލަފަތުގެ ދަރުސަކުން 

މިއަދު އޮންލައިން