ޙަޤީޤީ އުފާވެރިކަން މިދުނިޔެއަކުން ނުލިބޭނެކަން ޤަބޫލުނުކުރާނަމަ އެމީހަކަށް އަބަދުވެސް ހުންނަން ޖެހޭނީ ކަންބޮޑުވެގެން! އުފަލުގަ ހުރެވޭނީ ވިސްނުން މިގޮތަށް ބަދަލުކޮށްގެން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 18ސ
ޙަޤީޤީ އުފާވެރިކަން މިދުނިޔެއަކުން ނުލިބޭނެކަން ޤަބޫލުނުކުރާނަމަ އެމީހަކަށް އަބަދުވެސް ހުންނަން ޖެހޭނީ ކަންބޮޑުވެގެން! އުފަލުގަ ހުރެވޭނީ ވިސްނުން މިގޮތަށް ބަދަލުކޮށްގެން!

މީސްތަކުން މިއަދު ބޭނުންވެގެން މިއުޅޭ އުފާވެރިކަމުގެ އެއްވެސް ވާހަކައެއް ޤުރްއާނުން ފެންނަން އެބައޮތް ހެއްޔެވެ؟ އަހުރެންނަށް ފެންނަނީ އީމާންވެ ހެޔޮ ޢަމަލުތައް ކުރާ މީހުންނަށް މިދުނިޔޭގައި ރަނގަޅު ދިރިއުޅުމެއް ދެއްވަވާނެ ކަމަށް އޮތް ތަނެވެ. އަދި އެމީހުންނަށް އެކަމުގެ ހެޔޮ ބަދަލު އާޚިރަތް ދުވަހުން ދެއްވަވާނެ ކަމަށް އޮއްވައެވެ. 

ވީމާ މިދުނިޔޭގައި ކިތަންމެ ދަތިޙާލުގައި އުޅެވުނަސް ފުދުނީއެވެ. ކިތަންމެ އާދައިގެ ފެންވަރެއްގައި ބޭނުންތައް ފުދިގެން އުޅެވިއްޖެނަމަ އެދެވުނީ ވަރަށް މަތީ ދަރަޖައަށެވެ. ތަނަވަސްކަން ލިބި ހުރިހާ ބޭނުންތަކެއް ފުދިގެން އުޅެވިއްޖެނަމަ އެދުވުނީ ދުނިޔޭގައި ދެވޭނެ އެންމެ މަތީ ދަރަޖައަށެވެ. 

މީސްތަކުންނޭވެ! މިއަދަކީ އީމާންވެ ހެޔޮ ޢަމަލުތައް ކުރުމުގެ ދުވަހެވެ. އުފާވެރިކަން ލިބުން އޮތީ އެކަމަށް ޤިޔާމަތް ދުވަހުން ﷲ ދެއްވަވާ ޖަޒާއިންނެވެ. ސުވަރުގޭގެ މަތިވެރި ނިޢުމަތް ދެއްވެވުމުންނެވެ. ވީމާ ތިއަ ބޭނުންވެގެންއުޅޭ އުފާވެރިކަން މިދުނިޔެއިން ލިބިގަތުމަށް ނުވެސް ވިސްނާށެވެ. 

ދެން އޮތީ ހިތްދަތިކަމާއި ތަކްލީފް އުފުލަންޖެހުމެވެ. އެކަންކަމަކީ ދުނިޔޭގައި ކުރިމަތިވާނެ ކަންކަމެވެ. އެކަން ޤަބޫލުކުރަންވާނެއެވެ. އެކަންކަމާއިއެކުވެސް ކިރިޔާ ފުދިގެން ދުނިޔޭގައި އުޅެވުނަސް އެއީ އުފަލުގައި އުޅެވުންކަމަށް ޤަބޫލުކުރާށެވެ. 

ދުނިޔޭއިން އުފާވެރިކަން ހޯދަން ވިސްނާ މީހާ އަބަދުވެސް އުޅެންޖެހޭނީ ހާސްވުމާއި ކަންބޮޑުވުމުގައެވެ. ބޭނުންވާ އުފާވެރިކަން ނުލިބިގެން އެކަމުގެ ފިކުރުބޮޑުވުމުގައެވެ. ކުރިމަތިވާނީ ތަފާތު ޞިއްޙީ މައްސަލަތަކެވެ. ވީމާ އުފާވެރިކަން ބޭނުންވާ މީހާ، ސުވަރުގެ ލިބުމަށް ކުރާ މަސައްކަތް އިތުރުކުރާށެވެ!

 

- ޝައިޚް ޢަލީ ހައްމުދާގެ ދަރުސަކުން

މިއަދު އޮންލައިން