"އަޅުގަނޑުގެ އެކުވެރިއެކެވެ. ތަނަވަސްކަން ހުރީމައިތާއެވެ. އަތުގައި ދެލައްކަ ރުފިޔާގެ ކާރެއް އޮއްވައި ތިން ލައްކަ ރުފިޔާގެ ކާރެއް ގަނެލައިފިއެވެ. އެކަމަކު ދެމަފިރިން ޙައްޖަށް ދިއުމުގެ ވިސްނުމެއްވެސް ނެތެވެ. ކިޔޫ މިހާ ބޮޑުއިރުވެސް އަދިވެސް ފައިސާއެއް ނުދައްކައެވެ. އެއެކުވެރިޔާ ސުވަރުގެދާން އެއުޅެނީ ގަންނަ ކާރުގައި ދުއްވަމުންކަމަށް ހީވާ ކަހަލައެވެ."
ކިޔުންތެރިޔާ ފާހަކަކޮށްފައި އެވަނީ ހިމަ ކޮންމެ މުސްލިމަކުވެސް ވިސްނައިލުން މުހިންމު ކަމެކެވެ. އެދެނީ ތިރީގައިވާ ލިޔުން ވިދާޅުވެލައްވައި ޢިބްރަތް ޙާޞިލުކުރެއްވުމެވެ.
ކޮންމެ މުސްލިމަކުވެސް ބުނާނީ ސުވަރުގެ ވަންނަން ބޭނުންވާ ކަމަށެވެ. އެކަމަކު ސުވަރުގެ ވަންނަން ކުރަންޖެހޭ ކަންކަން ކުރުމުގެ ވާހަކަ ދައްކައިފިނަމަ ދައްކާނީ ބަހަނާއެކެވެ. މިވަނީ ކިހިނެއް ހެއްޔެވެ؟
ބޮލުގައި އިސްތަށްޓެއް އިންދައިލަން އެތައް ހާސް މޭލަކަށް އެބަ ދަތުރުކުރެއެވެ! އެތައް ހާސް ޑޮލަރެއް އެބަ ޚަރަދުކުރެއެވެ. ނަމަވެސް އެންމެ ކުޑަމިނުން ޙައްޖު ނުވަތަ ޢުމްރާއެއްވެލުންވެސް ވެފައި މިއޮންނަނީ ވަރަށް ބޮޑު ކަމަކަށެވެ. އެކަމަށް ވގުތުކޮޅެއް ހޭދަކުރުމާއި ފައިސާކޮޅެއް ޚަރަދުކުރުން ވެފައި މިއޮންނަނީ ވަރަށް ބޮޑު ކަމަކަށެވެ! އަދި ކީއްހެއްޔެވެ؟ ހައިހޫނުކަމުގައި ހުރި މިސްކީނަކަށް އެއްޗެއް ދިއްކޮށްލުމާއި ނަމާދުކުރުންވެސް ވެފައި މިއޮންނަނީ ވަރަށް ބޮޑު ކަމަކަށެވެ!
އެކަން އެނގިގެންދަނީ މީސްތަކުން ކުރާ ސުވާލުތަކުންނެވެ. ގިނަބައަކު ސުވާލުކުރަނީ ދަތަށް މިވެނިގޮތެއް ހެދުން ހުއްދަތޯއެވެ؟ މޫނު ރީތިކުރަން މިވެނިކަމެއް ކުރުން ހުއްދަތޯއެވެ؟ އޭނާފެ ފުރާނައަށް ބޭނުންވާ ޒީނަތްތެރިކަމުގެމަތިން ހަނދާންހުރެ ސުވާލުވެސް ކުރަނީ މަދު މީހެކެވެ.
ދެން ނިކަން ބުނެބަލާށެވެ! މަރުވުމުން އެމީހަކަށްވާނީ ކިހިނަކުންހެއްޔެވެ؟ ޔަޤީންކުރާށެވެ! ހަށިގނޑު ކިތަންމެ ބޮޑަށް ޒީނަތްތެރިކުރި ނަމަވެސް އެއީ ސުވަރުގެ ވައްދަވާނެ ސަބަބެއް ނޫނެވެ! އަދި ދުނިޔޭގައި ކިތަންމެ ތަނަވަސް ދިރިއުޅުމެއް އުޅުމަކީވެސް ﷲ ތަޢާލާގެ މަގުގައި އަދާކުރަންޖެހޭ ވާޖިބުތައް އަދާނުކުރާނަމަ ސުވަރުގެ ވައްދަވާނެ ސަބަބެއް ނޫނެވެ. ސުވަރުގެ ވަނުމަށް އެދޭމީހާއަށް އޮތީ އޭނާގެ ފުރާނަ ޒީނަތްތެރިކުރުމެވެ.
--ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން