އެހެން ދީންތަކުގެ މީހުންނަށް އެމީހުންގެ ކަލާނގެ އެމީހުން ބޭނުން ކޮންމެ ވަޤުތަކު ފެންނަނީ އެއީ އެއީ އަޅުކަންކުރުން ޙައްޤު ކަލާނގެ ކަމުގައި ނުވާތީއެވެ. އެމީހުންގެ އަމިއްލަ އަތުން އުފައްދާ އެއްޗެއްސަކީ ކަލާނގެ ކަމުގައި ޤަބޫލުކުރާތީއެވެ.
އެމީހުން ޤަބޫލުކުރި ކުރުމަށް ޤިޔާމަތް ދުވަހު ޖެހޭނީ ހިތާމަކުރާށެވެ. ﷲ ތަޢާލާއަށް ޝަރީކުކުރުންމަތީގައި މަރުވި މީހަކު ނަރަކައިން ސަލާމަތް ނުކުރައްވަވާނެތީއެވެ. އެމީހުން ކިތަންމެ ގިނަ ހެޔޮކަމެއްކޮށްފައިވީނަމަވެސް ﷲ ތަޢާލާ ޤަބޫލުފުޅު ނުކުރައްވަވާނެތީއެވެ.
ދުނިޔޭގައިނ ހުރެ ކިތަންމެ ބޮޑަށް ބޭނުންވިނަމަވެސް އެއްވެސް މީހަކަށް ﷲ ތަޢާލާ ގެ ޛާތުފުޅެއްނުފެންނާނެއެވެ. މޫސާގެފާނު އެކަމަށް އެދިވަޑައިގަތުމުން ކަންކަންވީގޮތުގެ ވާހަކަ ކީރިތި ޤުރްއާނުގައިވަނީ މިފަދައިންނެވެ.
" ތިމަންރަސްކަލާނގެ ކަނޑައަޅުއްވާފައިވާ މުއްދަތަށް މޫސާގެފާނު ވަޑައިގަންނަވައި، އެކަލޭގެފާނުގެ ވެރިރަސްކަލާނގެ އެކަލޭގެފާނަށް ބަސް ވަޙީ ކުރެއްވިހިނދު، އެކަލޭގެފާނު ދެންނެވިއެވެ. އަޅުގެ ވެރިރަސްކަލާކޮ! އިބަރަސްކަލާނގެ ޛާތުފުޅަށް ތިމަންއަޅާ ބަލައިލުމަށްޓަކައި، ތިމަންއަޅާއަށް ދައްކަވައިފާނދޭވެ! އެކަލާނގެ ވަޙީ ކުރެއްވިއެވެ. ކަލޭގެފާނަކަށް ތިމަންރަސްކަލާނގެ ޛާތުފުޅު ފެނިވަޑައެއް ނުގަންނަވާނެތެވެ.
އެހެނެއްކަމަކު، ފަރުބަދަޔަށް ބައްލަވާށެވެ! ފަހެ، އެ ފަރުބަދަ، އެހުރިތާ ހަރުލައިހުރެއްޖެނަމަ، ކަލޭގެފާނަށް ތިމަންރަސްކަލާނގެ ޛާތުފުޅު ފެނިވަޑައިގެންފާނެތެވެ. ފަހެ، އެކަލޭގެފާނުގެ ވެރިރަސްކަލާނގެ ފަރުބަދަޔަށް ތަޖައްލީ ވެވޮޑިގަތްހިނދު، އެ ފަރުބަދަ ކުނޑިކުނޑިވެ ބިމާ ހަމަވެގެންވާ އެއްޗެއް ކަމުގައި ލެއްވިއެވެ. އަދި މޫސާގެފާނު، ހޭފުޅުނެތިގެން ވެއްޓިވަޑައިގެންފިއެވެ. ފަހެ، އެކަލޭގެފާނު ހޭފުޅުއެރިހިނދު ވިދާޅުވިއެވެ. އިބަރަސްކަލާނގެ ހުސްޠާހިރުވަންތަކަމާއެވެ! އިބަރަސްކަލާނގެއަށް ތިމަންއަޅާ ތައުބާ ވެއްޖައީމެވެ. އަދި އީމާންވި މީހުންކުރެ ފުރަތަމަ މީހަކީ ތިމަންއަޅާއެވެ."
(އަލްއަޢްރާފް: 143)
ސައިންސްވެރިންނާ ޑޮކްޓަރުން ބުނަނީ އިންސާނާ ދެކެން އެންމެ ބޭނުންވާ ކަންކަން ފެންނަނީ ލޮލަށް ނޫންކަމަށާއި ހިތަށް ކަމަށެވެ! އަހަރެން ބުނާނީ ﷲ ތަޢާލާ އަހަރެމެންގެ ލޮލަށް މިދުނިޔޭގައި ނުފެންނަނީ އެހެންވެގެން ކަމަށެވެ! ލޮލުން އެންމެ ބޮޑަށް ދެކެން ބޭނުންވަނީ ﷲ ތަޢާލާ ކަމުގައިވާތީ ކަމަށެވެ!
ﷲ ތަޢާލާގެ ސިފަފުޅު މިއަދު ހިތަށް ތަޞައްވަރުކުރަން މަސައްކަތްކުރިޔަސް އެއީ ޙާޞިލުކުރެވޭނެ ކަމެއް ނޫނެވެ. އެއގެ ބަދަލުގައި ﷲ ތަޢާލާގެ ކުޅަދުންވަންތަކަމާއި ދީލަތިވަންތަކަމާއި އޯގާތެރިވަންތަކަން ފަދަ ސިފަފުޅުތައް ހިތަށް ގެންނަން މަސައްކަތްކުރާށެވެ. އެކަމުގައި ކުރިއަރައި ދެވޭ މީހަކަށްވާށެވެ. ސުވަރުގެ ވަދެވި ﷲ ތަޢާލާގެ ދީދާރުފުޅު ފެންނާނެ މީހަކު ކަމުގައިވުމަށް މަސައްކަތްކުރުމަކީ އެއީއެވެ. ޙަޤީޤީ ކާމިޔާބު ހާޞިލުކުރެވޭނެ މީހުންނަކީ އެއީ އެވެ.
އެކަން ޙާޞިލުކުރަން ކުރަން އޮތް އެންމެ މުހިންމު ކަމަކީ ހިތުގައި އީމާންކަން ވަރުގަދަކުރުމެވެ. ހިތުގައި އީމާންކަން ވަރުގަދަކުރާ މީހުންދެކެ ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވާ މިންވަރު ނިކަންދެކިބަލާށެވެ! ފުރިހަމަ ގޮތުގައި ﷲ ތަޢާލާއަށް އީމާންވި މީހުންނާއިމެދު ޤިޔާމަތްދުވަހު ﷲ ތައާލާ ފަޚުރުވެރިވެވޮޑިގެން ބަސްފުޅު ވަޙީކުރައްވަވާނެތެވެ. އެކަން އިޢުލާނުކުރައްވަވާނެތެވެ. އެއީ އެމީހުންގެ ލޮލަށް ﷲ ތަޢާލާ ފެނުމަކާއި ނުލައި ﷲ ތަޢާލާއަށް އީމާންވީތީއެވެ. ޝަރީކުނުކުރީތީއެވެ.
މީސްތަކުންނޭވެ! އިންސާނަކަށް ލިބޭނެ އެންމެ މަތިވެރި ޝަރަފަކީވެސް އެންމެ މަތިވެރި ދަރަޖައަކީވެސް އެންމެ ބޮޑު އުފަލަކީވެސް އެމީހަކާއިމެދު ﷲ ތަޢާލާ ފަޚުރުވެރިވެ ވޮޑިގަންނަވާ އަޅަކު ކަމުގައިވުމެވެ. އީމާންކަން ވަރުގަދަކޮށް އެފަދަ މީހަކު ކަމުގައި ވެވޭތޯ ގަދައަޅައި މަސައްކަތްކުރާށެވެ! ކާމިޔާބުކުރެވޭނެއެވެ! އިން ޝާ ﷲ
--އިސްލާމީ ތިލަފަތުގެ ދަރުސަކުން