ދުޢާކުރަންވާނީ ވިސްނައިގެން! ޢިޖާބަކުރެއްވެވީތީ ހިތާމަކުރަންޖެހޭ ކަންކަންވެސް މަދެއް ނޫން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 27ސ
ދުޢާކުރަންވާނީ ވިސްނައިގެން! ޢިޖާބަކުރެއްވެވީތީ ހިތާމަކުރަންޖެހޭ ކަންކަންވެސް މަދެއް ނޫން!

ގިނަ ބައަކަށް މިއަދު މިވަނީ ވަރަށް ނުބައި ބަލިމަޑުކަމެއް ޖެހިފައެވެ. އެއީ ﷲ ތަޢާލާ އޭނާއަށް ނިޢުމަތް ދެއްވެވުމުން އެނިޢުމަތުގެ މަތީގައި ހުރެ އެހެން (އިތުރު) ނިޢުމަތަކަށް އެދުމުގެ ނުބައި ބައްޔަވެ. ދެން ވާގޮތް އެނގޭހެއްޔެވެ؟  

އޭނާ އެދޭ ނިޢުމަތް ނުދެއްވަވައި ﷲ ތަޢާލާ މަޑުކުރައްވަވަނީއެވެ. އެކަމަކުވެސް އޭނާ ހަމަ ކެނޑިނޭޅި ދުޢާކުރަމުން ގެންދަނީއެވެ. އެންމެފަހުން އޭނާ އެވަރަށް އެކަމަކަށް އެދިގެން ދުޢާކުރާތީ ﷲ ތަޢާލާ، އޭނާ އެދެމުން އައި ނިޢުމަތް މިންވަރުކުރައްވަވައިފާނެތެވެ.  

އޭނާއަށް ވިސްނެނީ އެހިސާބުންނެވެ. ލިބިމިގަނެވުނީ ބޮޑު މުޞީބާތެއް ކަމެވެ. ކުރިން ހުރެވުނީ މާބޮޑު ރަޙްމަތެއްގައިކަމެވެ.  

މިކަމުގެ ވާހަކަ ވަރަށް ގިނައިން އެބަ ދެކެވެއެވެ. އެއީ ދުޢާކުރުމުން ޢިޖާބަކުރެއްވެވުން ލަސްވެގެން ކަންބޮޑުވެ ޝަކުވާކުރާ މީހުން ގިނަވާތީއެވެ.  

ރަނގަޅަށް ވިސްނާށެވެ! އަހަރެމެންނަށް އެކަމަކުން އެންމެ ފައިދާކުރާނެ ކަންކަމާއި ގެއްލުން ލިބޭނެ ކަންކަންވެސް އެންމެ މޮޅަށް ދެމެވޮޑިގެންވަނީ ހަމަ ﷲ ތަޢާލާއެވެ. އަދި އެކަމެއްގެ ބޭނުން އެންމެ ބޮޑަށް ޖެހޭނެ ވަޤުތާއި އެކަމެއް ދެއްވެވުމުން އެންމެ ބޮޑަށް ފައިދާކުރާނެ ވަޤުތުވެސް ދެނެވޮޑިގެންވަނީ ހަމަ ﷲ ތަޢާލާއެވެ.  

ވަޒީފާ އާއި ތަނަވަސްކަމާއި މުދަލާއި އަނބިންނާއި ފިރިންނާއި ދަރިން ދެއްވެވުމުގައިވެސް އަހުރެމެންނަށް އެންމެ ފައިދާކުރާނެ ގޮތް ދެނެވޮޑިގެންވަނީ ﷲ ތަޢާލާއެވެ. އެންމެ ބޮޑަށް ފައިދާކުރާނީ ކޮން މިންވަރަކަށް ދެއްވެވުމުންކަންވެސް ދެނެވޮޑިގެންވަނީ ހަމަ ﷲ ތަޢާލާއެވެ.  

ވީމާ އެއްވެސް ކަމަކަށް އެދިގެން ދުޢާކުރުމަށްފަހު ކެތްތެރިވާށެވެ! ޢިޖާބަކުރެއްވެވުން ލަސްވެގެން ތެޅިނުފޮޅޭށެވެ! ކުރިންވެސް ބުނި ފަދައިން މީހަކު ތަކުރާރުކޮށް އެދޭތީ އޭނާ އެދުނު ކަންކަން ހިންމަވައިދެއްވެވުމުން ހިންމަވައި ދެއްވެވީތީ ކަރުނައަޅަންޖެހޭ މީހުންވެސް މަދެއް ނޫނެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން  

މިއަދު އޮންލައިން