ނިދުމުން ފުރާނަ ހަށިގަނޑުން ނުކުމެގެންގޮސްއުޅޭއިރު މަރުވެފައިވާ ހެޔޮލަފާ މީހުންގެ ފުރާނައާ ބަދަލުވެ ހެޔޮ ނަޞީޙަތް ލިބުމަކީ ފުރުޞަތު އޮތް ކަމެކެވެ. ހުވަފެނުގައި ހެޔޮލަފާ މީހުން ފެނި ހެޔޮ ނަޞީޙަތް ލިބޭ ސަބަބަކީ އެއީ ކަމަށް ބެލެވެއެވެ.
މިކަމަކީ ބައެއް ކިޔުންތެރިން ސުވާލުކުރައްވާ ކަމަކަށްވާތީ އެދެނީ ތިރީގައިވާ ލިޔުން ވިދާޅުވެލެއްވުމެވެ.
މަރުވެފައިވާ ހެޔޮލަފާ މީހުން ހުވަފެނުގައި ފެނުމަކީ ޢާންމުކަމެކެވެ. ވީމާ އެއީ ކަންބޮޑުވާންޖެހޭ ކަމެއް ނޫނެވެ. އެގޮތަށް ފެންނަ ސަބަބާއިމެދު ޢިލްމްވެރިން އެކިގޮތަށް ދެކެވަޑައިގަންނަވައެވެ. އެތަނުން އަހަރެން ޤަބޫލުކުރާ ގޮތްވެސް ބުނެފާނަމެވެ.
މީހާ ނިދުމުން އޭނާގެ ފުރާނަ ހަށިގަނޑުން ނުކުމެގެންދެއެވެ. ދަނީ ކޮންތަނަކަށްކަން އެނގޭނެ ގޮތެއް ނެތެވެ. އަހަރެން ޤަބޫލުކުރާ ގޮތުގައި އެގޮތަށް ފުރާނަ ހަށިގަނޑުން ނުކުމެގެން ގޮސް އުޅުމުގެ ތެރޭގައި މަރުވެފައިވާ މާތް މީހުންގެ ފުރާނައާއި ބައްދަލުވަނީއެވެ. އަދި ބައްދަލުވުމުން ކޮންމެވެސް ވާހަކައެއް ބުނަނީއެވެ.
އެގޮތުން ބުނާ ވާހަކަތަކުގެތެރޭގައި މަރުވެފައިވާ މީހާ އެންމެ ބޮޑަށް ކަންބޮޑުވާ ކަމެއްގެ ވާހަކަވެސް ބުނެފާނެއެވެ. އަދި ނަޞޭޙަތެއްވެސް ދީފާނެއެވެ.
އެގޮތުން އެއްކަމެއް ފާހަގަކޮށްލާނަމެވެ. ޙައްޖަށް ދިއަ މީހަކު ޙައްޖުގައި މަރުވިއެވެ. އެއަށްފަހު އޭނާގެ ތިބި ހުރިހާ ދަރިންނަށް އެއްރޭ ހުވަފެނެއް ފެނުނެވެ. އެހުވަފެނުގައި ހުރިހާ ދަރިންގެ ކިބައިންވެސް އެދުނީ އެންމެ ކަމަކަށެވެ. އެއީ މިވެނި މީހެއްގެ ގާތަށް ގޮސް ބައްޕަގެފަރާތުން މާފަށް އެދުމަށެވެ. ހުރިހާ ދަރިންވެސް އެކަންކުރިއެވެ.
ހަމައެއާއިއެކު ދަރަނިވެރިއަކު އޭނާގެ ދަރަނި އަދާކޮށްދިނުމަށްވެސް އެދިފާނެއެވެ. އެދިއްޖެނަމަ އެއީ ޝައްކު ބަހެއް ނޫންކަން ޔަޤީންކުރުމަށްފަހު އެދަރަނި އދާކޮށްދޭށެވެ. އޭނާ އެގޮތަށް އެއެދުނީ އެދަރަނީގެ ސަބަބުން އޭނނާއަށް ލިބެންޖެހޭ ޙައްޤުތަކެއް ހިފެހެއްޓިފައިވާތީކަމަށް ވެދާނއެވެ.
މިކަން މިހެން މެދުވެރިވެދާނެކަން ޔަޤީންކުރެވެނީ ޢުޘްމާނެގެފާނަށް ފެނިވަޑައިގެންނެވި ހުވަފެންފުޅުންނެވެ.
އެހުވަފެންފުޅުގައި ރަސޫލް ﷺ އާއި އަބޫބަކުރުގެފާނާއި ޢުމަރުގެފާނު ފެނިވަޑައިގެންނެވިއެވެ. އަދި ރަސޫލް ޢުޘްމާންގެފާނަށް ހިތްވަރުފުޅު ދެއްވަވައި ޙަދިޘްކުރެއްވެވިއެވެ. "މިއަދު ކަލޭގެފާނު ރޯދަވީއްލަވާނީ އަހަރެމެންނާއިއެކުގައެވެ." މާނައަކީ ރަސޫލް އާއި އަބޫބަކުރުގެފާނާއި ޢުމަރުގެފާނާއިއެކުގައެވެ.
ހުވަފެންފުޅު ފެނިވަޑައިގަތުމުން އުފާފުޅުކުރައްވަވައި އެދުވަހުގެ ކޮންމެވަގުތަކުވެސް އަވަހާރަފުޅު ވެދާނެކަމަށް ބައްލައގެން އެކަމަށް ތައްޔާރުވެވަޑައިގެންނެވިއެއެވެ. އަދި ކަންތައްވީވެސް ހަމައެފަދައިންނެވެ. ޢުޘްމާންގެފާނު އަވަހާރަވީ ހަމައެދުވަހުއެވެ. ރޯދައަށް ހުންނަނިކޮށެވެ.
- ބިލާލް އައްސަދުގެ ދަރުސަކުން
ހަމައެއާއިއެކު ތިމާއަށް މައިންބަފައިން ނުވަތަ އެނޫންވެސް މީހަކު ހުވަފެނުގައި ނުފެނުމުން އެއީ ތިބާގެ ކިބައިގައި ތަޤްވާވެރިކަން ނެތުމުން ކަމަށް ނުދެކޭށެވެ! ހުރިހާ ޞަޙާބީންނަކަށް ހުވަފެންފުޅުގައި ރަސޫލް ﷺ ފެނިވަދައެއް ނުގަންނަވައެވެ.
- ބިލާލް އައްސަދުގެ ދަރުސަކުން