ދަރިންނާއިމެދު މައިންބަފައިންވެސް އަދި މައިންބަފައިންނާއިމެދު ދަރިންވެސް މިމައްސަލަތަކަށް ވިސްނަން އެބަޖެހޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 3ސ
ދަރިންނާއިމެދު މައިންބަފައިންވެސް އަދި މައިންބަފައިންނާއިމެދު ދަރިންވެސް މިމައްސަލަތަކަށް ވިސްނަން އެބަޖެހޭ!

ފިނި މޫސުމަށް ތައްޔާރުވާން ގޭގެ އޭސީތައް މަރާމާތކުރަމުއެވެ. ފިނިމޫސުމަށް ތައްޔާރުވާން ގޭގެ ހީޓަރުތައް މަރާމާތުކުރަމުއެވެ. މިކަމުން އެނގެނީ ދިރިއުޅުމުގެ ހުރިހާ މަރުޙަލާތަކަށްވެސް ތައްޔާރުވާންޖެހޭނެކަމެވެ. އަދި ކައްވަޅުގައި ހޭދަކުރަންޖެހޭނެ ދުވަސްތަކަށާއި މަޙްޝަރު ދުވަހަށް ވަކިން ބޮޑަށް ތައްޔާރުވާންޖެހޭނެ ކަމެވެ.  

އެހެންވެ މައިންބަފައިންވެސް އަދި ދަރިންވެސް ވިސްނަންޖެހޭނެ ބައެއް ކަންކަން ފާހަގަކޮށްލާނަމެވެ. 

ޚިޔާލަށް ގެންނާށެވެ! ދަރިން ކުޑައިރު ކުރެވޭ ކަންކަމާއި ގުޅިގެން ރުޅިއައިސް އެކުދިންނަށް ހަޑިހުތުރުބަހުރުވައިން އެއްޗެތި ގޮވައި ތަޅައި ޖިސްމާނީ އަނިޔާތައްވެސް ކުރަނީއެވެ. އެކުދިން ބޮޑެތިވެ މައިންބަފައިންނާއި ވަކިން ދިރިއުޅެނީއެވެ.  

މައިންބަފައިން މުސްކުޅިވީއެވެ. ބަލިކަށިވީއެވެ. ދަރިންގެ އެހީތެރިކަމަށް ބޭނުންވީއެވެ. މިސްކިތަށްގޮސް ނަމާދުކުރަންފެށީއެވެ. ދުޢާކުރަންފެށީއެވެ. ދަރިންގެ ލޯތްބަށް އެދިގެންވެސް ދުޢާކުރަން ފެށީއެވެ.  

ދީނުގައި އޮތީ މައިންބަފައިން ކޮންމެ ގޮތަކަށް ކަންކަން ކޮށްފައިވީނަމަވެސް އެމީހުންނަށް މާފުކޮށް ހެޔޮކޮށް ހިތުމަށެވެ. އެއީ ދަރިންގެ މައްޗަށް ވާޖިބު ކަމެކެވެ. ނަމަވެސް ވިސްނާލަން ޖެހޭނެކަމަކީ ހުރިހާ ކުދިންނަކީ ދީނުކުގެ ޙުކުމްތަކަށް އެއްވަރަކަށް ޢަމަލުކުރާނެ ބައެއް ނޫންކަމެވެ. ވީމާ މައިންބަފައިންނަށް މާފުކުރުމުގައިވެސް ފަސްޖެހޭނެ ދަރިން ތިބޭނެ ކަމެވެ.  

މައިންބަފައިންނަށް ބުނެލަން ބޭނުންވަނީ މުސްކުޅިވެ ބަލިކަށިވާނެކަން އެންމެކުރިންވެސް ވިސްނަންވާނެއެވެ. ދަރިން އިޞްލާޙްކުރަން ކަންކަން ކުރަންވާނީ އެކުދިންނަށް ފައިދާހުރި ގޮތުގައެވެ. ބުނަންވާނީ ހެޔޮ ބަސްތަކެވެ. އޯގާތެރިކަމާއިއެކުގައެވެ. އަދަބުދޭންޖެހޭނީވެސް އެކުދިންނަށް އަނިޔާނުވާ ގޮތަށެވެ. އެއިރުން ކުދިން ބޮޑެތިވުމުން މައިންބަފައިން އަދަބުދިނީތީ އުފާކޮށް ޝުކުރުވެރިވެސްވާނެއެވެ.  

ދަރިންނަށް ބުނެލަން އޮތީ މައިންބަފައިން ކޮންމެ ގޮތަކަށް ކަންކަން ކޮށްފައިވީނަމަވެސް އެކަން ހަނދާނުގައި ނުބަހައްޓާށެވެ! އެހީތެރިކަން ނުލިބިގެން ދެރަވެ ކަރުނައަޅަން ނުޖައްސުވާށެވެ. އެކަމުން ތިއަކުދިންނަށް ޤިޔާމަތް ދުވަހު ލިބެން އޮތް ގިނަގުނަ ޘަވާބު ދޫކޮށްނުލާށެވެ!  

މިކަންކަމަކީ މައިންބަފައިންވެސް އަދި ދަރިންވެސް ވިސްނައިލުން މުހިންމު ކަންކަމެވެ. އިސްލާމް ދީނަށް ޢަމަލުކުރުމަކީ ކޮންމެ ކަމެއްގައިވެސް ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ޢަމަލުކުރުމެވެ. 

އެންމެ ހެޔޮލަފާ ދަރިއަކަށްވާން ގަދައަޅައި މަސައްކަތްކުރާށެވެ! އެފަދަ ދަރިއަކަށްވެވޭނީ ﷲ ތަޢާލާ އަންގަވާފައިވާ މަގުން މައިންބަފައިންނަށް ހެޔޮކޮށްހިތައި ޚިދުމަތްކޮށްގެންނެވެ. އެކަންކުރަންވީ މައިންބަފައިންނަށްޓަކައެއްވެސް ނޫނެވެ. ތިމާގެ އާޚިރަތަށްޓަކައެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން