ތިމާއަށް އަމިއްލައަށް ގޮތް ނިންމަން އުނދަގުވާ ކޮންމެކަމަކަށްވެސް އޮތީ އިސްތިޚާރާ ކުރުމެވެ. އެހެންވެ ގިނަ ބައަކު އިސްތިޚާރާ ކުރެއެވެ. ނަމަވެސް އެންމެ މުހިންމު ކަންތަކަށް ސަމާލުކަމެއް ނުދެއެވެ. އެއީ ދުޢާކުރަން އޮތް ގޮތަށް ދުޢާކުރުމެވެ.
ގިނަ މީހުން ދުޢާކުރަން ކުރާ ކަމަކީ ފަތްޗަކަށް ދުޢާ އަމުނައިލުމެވެ. އެއީ ދުޢާކުރަން އޮތް ގޮތެއް ނޫނެވެ. އިސްތީޚާރާ ދުޢާއަކީ ދުޢާކުރުމުގެ ކުރިން ދުޢާގެ މާނަ ހިތަށް ގެނެވޭވަރަށް ކިޔައި މާނަ އެނގެން ޖެހޭނެ ދުޢާއެކެވެ. އެއިރުން ތިމާއަށް ﷲ ތަޢާލާގެ ޙަޟްރަތުގައި މިދަންނަވަނީ ކީކޭކަން އެނގޭނެއެވެ.
ބުނަންހެއްޔެވެ؟ ކަމަކަށް ކިތަންމެ ބޮޑަށް ބޭނުންވެގެން ރޮއި ކަރުނައަޅަމުން ދުޢާކުރިނަމަވެސް ﷲ ތަޢާލާގެ ޙަޟްރަތުގައި ދަންނަވާށެވެ. "ޔާ ﷲ! މިއަޅާ ކިތަންމެ ގިނަ ކަރުނަތަކެއް އަޅައި ރޮއި އާދޭސް ދަންނަވަމުން ދުޢާކުރިނަމަވެސް އެކަން މިއަޅާއަށް ހިންމަވައި ދެއްވެވުމަށް މިއެދެނީ އެކަން ހިންމަވައި ދެއްވެވުމުން މިއަޅާއަށް ފައިދާކުރާނެ ނަމައެވެ. އެކަން ދެނެވޮޑިގެންވަނީ ހަމައެކަނި އިނބަ ﷲ އެވެ. މިއަޅާއަކަށް ނުއެނގެއެވެ. އެކަމަކީ މިއަޅާއަށް ފައިދާނުކުރާނެ ކަމަކަށްވާނެނަމަ މިއަޅާއަށް ހިންމަވައި ނުދެއްވަވާނދޭވެ! އާމީން
ސަމާލުކަންދޭންވީ އަނެއް ކަމަކީ އިސްތިޚާރާ ކުރީމާ ޢަމަލުކުރަންވީ ގޮތް ހުވަފެނުގައި ނުފެނިދާނެ ކަމެވެ. އެއީ ކޮންމެހެން ހުވަފެނެއް ފެންނަން ޖެހޭ ކަމެއް ނޫނެވެ. އެކަމުގައި ޢަމަލުކުރަން އޮތް އެންމެ ރަނގަޅު ގޮތް ވިސްނުމަށް އަންގަވައި ދެއްވެވިޔަސް އެއޮތީ އެނގިފައެވެ. ފުވަފެނެއް ފެނިވެސްދާނެއެވެ. ނުފެނިވެސްދާނެއެވެ.
- މުފްތީ މެންކުގެ ދަރުސަކުން