ރަސޫލް ޞޢޥ ގެ މައްޗަށް ޞަލަވާތް ކިޔަވަންޖެހޭ ޢަދަދާއި ގާތަކަށްވެސް އެބަ ކިޔެވޭތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 14ސ
ރަސޫލް ޞޢޥ ގެ މައްޗަށް ޞަލަވާތް ކިޔަވަންޖެހޭ ޢަދަދާއި ގާތަކަށްވެސް އެބަ ކިޔެވޭތަ؟

އަހުރެމެން ކޮންމެހެން ކުރަން ޖެހޭ ކަންކަމުގެ ތެރެއިން އެންމެ ބޮޑަށް އިހްމާލްވެވެމުން އަންނަ އެއްކަމަކީ ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މައްޗަށް ޞަލަވާތް ކިޔެވުމެވެ. އެހެންކަމުން މިކަމާއިމެދު ވިސްނާލައި އިޞްލާޙްކުރަން އެބަ ޖެހެއެވެ. 

ޖާހިލުކަންމަތީގައި މަގުފުރެދިފައި މީސްތަކުން ތިއްބައި އަހަރެމެންނަށް އިސްލާމް ދީނުގެ ހިދާޔަތުލިބި ސުވަރުގެ ވަނުމަށް މަގުފަހިވެފައި މިވަނީ ﷲ ތަޢާލާގެ ދީލަތިވަންތަކަމުންނެވެ. އެކަމަށް މެދުވެރިކުރެއްވެވީ އަހުރެމެންގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމައެވެ.  

އެކަމުގެ ސަބަބުން އަހުރެމެން ހުރިހާ މުސްލިމުން މިވަނީ ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ވަރަށް ބޮޑަށް ދަރަނިވެރިވެފައެވެ. އެކަން ބަޔާންކުރައްވައި އިބްން އަލް-ޤައްޔިމް ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. "އަހުރެމެން ކޮންމެ މީހަކު ލާ ކޮންމެ ނޭވާއަކަށް 1 ފަހަރު ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެ މައްޗަށް ޞަލަވާތް ކިޔެވިނަމަވެސް އަހަރެމެންނަށް ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް އަދާކުރަންޖެހިފައިވާ ދަރަނި އަދާނުކުރެވޭނެއެވެ."  

ނިކަން ވިސްނައިލަބަލާށެވެ!  

"ހަމަކަށަވަރުން، ﷲއާއި، އެކަލާނގެ މަލާއިކަތުން ނަބިއްޔާގެ މައްޗަށް ޞަލަވާތް ލައްވަތެވެ. އޭ އީމާން ވެއްޖެ މީސްކަތުންނޭވެ! ތިޔަބައިމީހުން އެކަލޭގެފާނުގެ މައްޗަށް ޞަލަވާތް ލެއްވުން އެދި ދުޢާ ކުރާށެވެ! އަދި އެކަލޭގެފާނުގެ މައްޗަށް ސަލާމް ލެއްވުންއެދި ތިޔަބައިމީހުން ގިނަގިނައިން ދުޢާ ކުރާށެވެ!"

(އަލް އަޙްޒާބް: 56)  

ލޮބުވެތި ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ އަކީވެސް ﷲ ތަޢާލާ އުފެއްދެވި މަޚްލޫޤެކެވެ. މިއާޔަތުގައި އެވަނީ " ﷲއާއި، އެކަލާނގެ މަލާއިކަތުން ނަބިއްޔާގެ މައްޗަށް ޞަލަވާތް ލައްވަތެވެ." ދެން އެއޮތީ " އޭ އީމާން ވެއްޖެ މީސްކަތުންނޭވެ! ތިޔަބައިމީހުން އެކަލޭގެފާނުގެ މައްޗަށް ޞަލަވާތް ލެއްވުން އެދި ދުޢާ ކުރާށެވެ! އަދި އެކަލޭގެފާނުގެ މައްޗަށް ސަލާމް ލެއްވުންއެދި ތިޔަބައިމީހުން ގިނަގިނައިން ދުޢާ ކުރާށެވެ!" 

ކޮންމެ ހުކުރު ޚުޠުބާއެއްގައިވެސް މިއާޔަތް ހަނދާންކޮށްދެވެއެވެ. ޚުޠުބާ ފުރިހަމަވާނީ އެއިރުންނެވެ. ސުވާލަކީ އަހުރެމެންނަށް މިކަން ކުރެވެނީ ކިހައި މިންވަރަކަށް ހެއްޔެވެ؟  

ދުޢާކުރާއިރުވެސް ފަށަމުންވެސް ނިންމަމުންވެސް އޮތީ ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މައްޗަށް ޞަލަވާތް ކިޔެވުމެވެ. އެއީ ކުރަންޖެހޭ ކަމެކެވެ. ވީމާ ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މައްޗަށް ޞަލަވާތް ކިޔެވުމަކީ ހަމައެކަނި ދުޢާކުރާއިއރު ކުރާ ކަމަކަސް ހަދާފައި ނިންމައިނުލާށެވެ. ކޮންމެ ދުވަހަކުވެސް އެމީހަކަށްވީވަރަކުން ޞަލަވާތް ކިޔަވާށެވެ!  

ކޮންމެ ހުކުރު ދުވަހަކުވެސް ކިތަންމެ ކުރު ޞަލަވާތެއް ނަމަވެސް މަދުވެގެން 1000 ފަހަރު ކިޔަވަން މަސައްކަތްކުރާށެވެ!

 

- އިމާމް ޢުމަރު ސުލައިމާންގެ ދަރުސަކުން

 

 

މިއަދު އޮންލައިން