ޢާއިޝަތު ރަފާޙް ޢަލީ
ކޮންމެ ކަމަކުންވެސް ފައިދާކުރާނީ ބުއްދީގެ ބޭނުންކުރީމައެވެ. ވީމާ ފުރަތަމަ ކަމަކަށްވެސް ކުރަން އޮތްކަމަކީ ތިމާއާއި ކީރިތި ޤުރްއާނާއި ދެމެދުގައި އޮންނަ ގުޅުން ވަރުގަދަކުރުމެވެ. އެކަން ކުރެވޭނީ ތަފްސީރާއި ޢިލްމްވެރިންގެ ޞައްޙަ ބަސްފުޅުތަކުންނެވެ.
މުޖުތަމަޢުގެ ގިނަ މީހުން ލަވައާއި މިއުޒިކް އަޑުއަހާ އުޅެއެވެ. ގިނަ ޒުވާނުން ލަވަތަކުން ދުރުހެލިވާން ބޭނުންވި ނަމަވެސް އެކަން ކުރަން އެކަށީގެންވާ ގޮތަކީ ކޮބައިކަމެއް ނޭނގެއެވެ. ބައެއް މީހުންނަށް އެއީ ޙަރާމް ކަމެއްކަން އެނގޭކަމަކަށްވެސް ނުވެއެވެ.
ﷲ ތަޢާލާ ކީރިތި ޤުރްއާނުގައި އަދި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘްތަކުގައި ލަވައާއި މިއުޒިކް ޙަރާމް ކަމުގެ ވާހަކަ ބަޔާން ކޮށްދެއްވާފައިވެއެވެ. އެގޮތުން ލުޤްމާން ސޫރަތުގެ 6 ވަނަ އާޔަތުގައި ވެއެވެ.
”وَمِنَ النَّاسِ مَنْ يَشْتَرِي لَهْوَ الْحَدِيثِ لِيُضِلَّ عَنْ سَبِيلِ اللَّهِ بِغَيْرِ عِلْمٍ وَيَتَّخِذَهَا هُزُوًا أُولَئِكَ لَهُمْ عَذَابٌ مُهِينٌ“
މާނައީ: "ނުދަނެތިބެ، اللَّه ގެ މަގުން (މީސްތަކުން) އެއްކިބާކޮށް، އަދި މަލާމާތުގެ ގޮތުގައި ބޭނުންކުރުމަށްޓަކައި ފައިދާއެއްނެތް ވާހަކަ ގަންނަ މީހުންވެސް، މީސްތަކުންގެ ތެރެއިން ވެއެވެ. އިހާނެތިކަންދެނިވި عذاب އެއުރެންނަށްހުށްޓެވެ. (6)"
މިއާޔަތުގައި ބަޔާންކުރައްވަވާފައިއެވާ لَهْوَ الْحَدِيثِގެ މާނައަކީ މިއުޒިކާއި ﷲ ހަނދުމަ ނައްތާލާ ކުޅިވަރާއި މަޖަލާއި ލަވަ ކަމުގައި އަޞްޙާބު ބޭކަލުން ކުރެ އިބުނު މަސްޢޫދު ތިންފަހަރު ތަކުރާރުކުރައްވަވައި ހުވާކުރައްވާފައި ވިދާޅުވެފައި ވެއެވެ.
ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްފުޅު ކުރައްވާފައިވެއެވެ.
ليكونن من أمتي أقوام يستحلون الحر والحرير والخمر والمعازف (رواه البخاري في صحيحه معلقاً بصيغة الجزم)
މާނައީ: "ތިމަންކަލޭގެފާނުގެ އުއްމަތުގެތެރެއިން ބަޔަކުމީހުން އަންނާނެއެވެ. އެމީހުން ޒިނޭއާއި، ފަށުވިފޭރާމާއި (ފިރިހެނުންނަށް)، ރަލާއި، އަދި މިއުޒިކު ސާމާނު ހުއްދަކުރާނެއެވެ".))
الدرر السنية - الموسوعة الحديثية - نتائج البحث (dorar.net)
ލަވަތަކުން ދުރުހެލިވާން ބޭނުންވާ މުސްލިމަކަށް އަންނަނިވި ގޮތްތައް ބޭނުންކުރެވިދާނެއެވެ. އެގޮތުން:
· ﷲ ސުބްޙާނަހޫ ވަތަޢާލާ ރުހިވޮޑިގަންނަވާ ފަދަ ހެޔޮ ޢަމަލުތަކާއި، ބަސްތައް ބުނުމާއި، ﷲ ތަޢާލާ ރުހިވޮޑިނުގަންނަވާ އަދި ޙަރާމް ކަންކަމުން ދުރުހެލިވުމެވެ. އެގޮތުން ﷲ ތަޢާލާގެ ކޯފާ ލިބޭފަދަ ޙަރާމް ލަވަތަކާއި، ދުރުހެލިވުމެވެ. އެއިރުން ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބި އެކަލާނގެ ކޯފާއިން ދުރުހެލިވެގެންދާނެއެވެ.
· ކީރިތި ޤުރުއާން ކިޔެވުމުގައި މަޝްޣޫލުވުން:
އެގޮތުން ލަވައާއި މިއުޒިކުން ދުރުހެލިވުމަށްޓަކައި ކީރިތި ޤުރްއާން ކިޔެވުން ގިނަކުރުމާއި، އެފޮތް ހިތުދަސްކުރަން މަސައްކަތް ކުރުމާއި، ދިރާސާކުރުމާއި، ތަދައްބުރު ކުރުމާއި ފިކުރުކުރުމާއި ވިސްނުމެވެ.
· މުސްލިމުން ދުނިޔޭގެ ޙަޔާތުގައި އެމީހުންނަށް ފައިދާކުރަނިވި ޢިލްމެއް ހޯދުމަށް މަސައްކަތް ކުރުން:
އެގޮތުން އޭނާއާއި އޭނާގެ އާއިލާއާއި، އޭނާގެ މުޖުތަމަޢާއި، ޤައުމަށް ފައިދާހުރި، ބޭނުންތެރި ޢިލްމުތަކެއްގައި މަޝްޣޫލުވުމެވެ. ﷲ ތަޢާލާ އެކަލާނގެ ފޮތުގައި ބާވައިލެއްވި ފުރަތަމަ އާޔަތުގައި ކިޔެވުމާއި ޢިލްމު ހޯދުމަށް ގޮވާލައްވާފައިވެއެވެ.
އެގޮތުން ﷲ ތަޢާލާ ޢަލަޤް ސޫރަތުގެ 1 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. اقْرَأْ بِاسْمِ رَبِّكَ الَّذِي خَلَقَ ﴿١﴾ މާނައީ: " ކަލޭގެފާނުގެ ވެރިރަސްކަލާނގެ اسم ފުޅުން ކަލޭގެފާނު ކިޔަވައި ވިދާޅުވާށެވެ! އެކަލާނގެއީ) ހުރިހާ ތަކެއްޗެއް (ހެއްދެވި ރަސްކަލާނގެއެވެ. (1)"
· މާތްالله އަށް ޛިކުރު ކުރުމުގައި މަޝްޣޫލުވުން: ﷲ ތަޢާލާއަށް ޛިކުރު ކުރުމުގެ ސަބަބުން މުއުމިނުންގެ ހިތަށް ހަމަޖެހުމާއި އުފާވެރިކަން ލިބިގެންދެއެވެ.
އެގޮތުން ﷲ ތަޢާލާ ރަޢްދު ސޫރަތުގެ 28 ވަަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.
الَّذِينَ آمَنُوا وَتَطْمَئِنُّ قُلُوبُهُم بِذِكْرِ اللَّهِ ۗ أَلَا بِذِكْرِ اللَّهِ تَطْمَئِنُّ الْقُلُوبُ ﴿٢٨﴾
މާނައީ: " އެއުރެންނީ، إيمان ވި މީހުންނެވެ. އަދި اللَّه ހަނދުމަކުރުމުން، އެއުރެންގެ ހިތްތައް ހަމަޖެހޭ މީހުންނެވެ. ހިތްތައް ހަމަޖެހެނީ، اللَّه ހަނދުމަކުރުމުން ނޫންހެއްޔެވެ؟"
· މުސްލިމަކަށް އޭނާ ދުނިޔޭގައި ހެއްދެވުމުގެ މަޤްޞަދު އިޙްސާސް ކުރުން: އެގޮތުން ﷲ ތަޢާލާ އިންސާނުން ހައްދަވާފައި ވަނީ އެކަލާނގެއަށް އަޅުކަން ކުރުމަށްޓަކައެވެ.
އެގޮތުން ﷲ ތަޢާލާ ޛާރިޔާތު ސޫރަތުގެ 56 ވަަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.
وَمَا خَلَقْتُ الْجِنَّ وَالْإِنسَ إِلَّا لِيَعْبُدُونِ ﴿٥٦﴾
މާނައީ: "ތިމަންރަސްކަލާނގެއަށް އަޅުކަންކުރުމަށް މެނުވީ، ތިމަންރަސްކަލާނގެ ޖިންނީންނާއި، އިންސީން ނަހައްދަވަމެވެ."