އަހުރެން މީހަކު ދެކެ ލޯބިވެގެން އަހަރެއްހައި ދުވަހު އުޅުނީމެވެ. މިކިޔައިދެނީ އެކަމުގެ ނަތީޖާއެވެ.
ކައިވެނިނުކުރާނަމަ ދެން ރަނގަޅުވާނީ ދެމީހުން ވަކިވުންކަމަށް ބުނިތާ 3 ދުވަސްފަހުން އޭނާގެ ގެއަށްދާން ދަޢުވަތުދިނެވެ. އެއީ އޭނާގެ ގެއަށްދާން ދަޢުވަތުދިން ފުރަތަމަ ފަހަރެވެ. ހީކުރީ މައިންބަފައިންނަށް ތަޢާރަފްކޮށްދޭން ކަމަށެވެ.
އޭނާގެ މައިންބަފައިންނަށް އަހުރެން ތަޢާރަފްކޮށްދިނީއެކުވެރިއެއްގެ ގޮތުގައެވެ. ހީކުރީ ފަހުން ބުނާނެ ކަމަށެވެ. އޭނާގެ މަންމައާއި ބައްޕަ އާއިއެކު ދެ މީހުން ކާން ތިއްބައި ދޮރުހުޅުވާފައި ފޮށިތަކެއް ހިފައިގެން ގެއަށްވަނީ އަންހެނަކާއި ދެކުދިންނެވެ. ހީކުރީ އޭނާގެ އުޚުތެއް ކަމަށެވެ.
އޭނާ ގެއަށް ވަނުމުން މަންމަ ތަޢާރަފްކޮށްދިނެވެ. "އެއީ އަހުރެމެންގެ ދަރިފުޅުގެ އަނބިމީހާ އާއި ދެ ދަރިންނެވެ. މެލޭސިޔާގައި ތިބެފައި އެއައީ އަންގައިވެސް ނުލައެވެ."
ބުނާނެ އެއްޗެއްވެސް ނުއެނގުނެވެ. އެކަމަކު ހިތްވަރުކުރީމެވެ. ކައި ނިމިގެން ނުކުންނަން އުޅެނިކޮށް އަންހެން މީހާ އައިސް ބައްދަލުކޮށް އެއްފަރާތަކަށް ގެންގޮސްފައި ބުންޏެވެ. "މޫނުމަތީގައި ހުރި ނުތަނަވަސްކަން ފެނެއެވެ. މިއީ ފުރަތަމަ ފަހަރެއް ނޫނެވެ. އަހުރެން ކެތްތެރިވެގެން މިހުންނަނީ އޭނާއަށް ކުރިއަށް ދެވޭ ހިސާބެއް ބަލައިލަންވެގެންނެވެ."
ވަޤުތުން ރޮވުނެވެ. އެކަމަކު އަވަސް އަވަހަށް ނުކުމެގެން އައީއެވެ. އެއްވެސް އެއްޗެއް ނުބުނަމެވެ.
ގެއަށް އައިސް އޭނާގެ ނަންބަރު ބްލޮކްކޮށްލީމެވެ. ހިތުން އޭނާ ބްލޮކްކޮށްލެވުނީ ވަރަށް ގިނަ ދުވަހުންނެވެ. އެކަމުން އަހުރެން ޙާޞިލްކުރީ ޢިބްރަތެކެވެ. އެއިގެ ފަހުން ލޯބިހުށަހެޅި އެއްވެސް މީހަކާ ބައްދަލެއް ނުކުރަމެވެ. ކައިވެނިކުރަން ހުށަހެޅުމުން ސިފައަށް ނުބަލައި އޭނާގެ ޙަޤީޤަތް ބަލާފައި ކައިވެނިކުރީއެވެ.
ކައިވެންޏަށް 3 އަހަރުވެއްޖެއެވެ. އޭނާދެކެ އިންތިހާއަށް ލޯބިވެވިއްޖެއެވެ. ރީތިކަމަކުން ނޫނެވެ. އޭނާގެ ހުރި ރަނގަޅުކަމުންނެވެ.
އަހުރެން އުންމީދުކުރަނީ އަހުރެންގެ މިކުރު ވާހަކަކޮޅުން ކޮންމެވެސް ބައަކަށް ފިލާވަޅެއް ލިބޭނެ ކަމަށެވެ.
- ޒިދްނާ / މިއަދުނޫހުގެ ކިޔުންތެރިއެއް
- ޢިބްރަތްތެރި ވާހަކަ