ބައިވެރިޔާ ބަދަލުކުރުމަކީ ކުރަންހިތަށްއަރާއިރަށް ކުރަން އޮތް ކަމެއް ނޫން! އެއީ ﷲ ގެ ރުހިވޮޑިގަތުން ގެއްލި ނިކަމެތިވެދާނެ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 5ސ
ބައިވެރިޔާ ބަދަލުކުރުމަކީ ކުރަންހިތަށްއަރާއިރަށް ކުރަން އޮތް ކަމެއް ނޫން! އެއީ ﷲ ގެ ރުހިވޮޑިގަތުން ގެއްލި ނިކަމެތިވެދާނެ ކަމެއް!

ކައިވެންޏަކީ ކޮންފަދަ މުހިންމު ކަމެއްކަމާއި ކައިވެނީގައި ދެމީހުންގެ ދައުރު ކައިވެނީގެ ޚުޠުބާގައި ވަރަށް ރަނގަޅަށް ކިޔައިދެއެވެ. ދެމީހުންވެސް އެއަޑުތައް އަހައެވެ. ނަމަވެސް ޚުޠުބާ ނިމުމަށްފަހު ޚުޠުބާގައި ދެއްކި ވާހަކަތައް ހަނދާންހުންނަނީ މަދުމީހެކެވެ.  

ވަރަށް ގިނައިން ކުރިމަތިވާ ސުވާލެކެވެ. "އަނބިންނަކީ ފިރިމީހާ ހަމަ ބޭނުންވާއިރަށް ބާކީކޮށްލަން ތިބޭ ބައެއް ހެއްޔެވެ؟ އަނބިންނަށް ޙައްޤު މިންވަރަކީ ހަމަ އެއީ ހެއްޔެވެ؟"  

މިސުވާލު މިގޮތަށް ކުރެވެނީ ވަރިކުރުމުގެ ބާރު ފިރިންނަށް އޮންނާތީ ފިރިމީހާ ބޭނުންވުމުން ވަގުތުން ވަރިކުރެވިފައި އަނބިން ވަރިވާން ބޭނުންނަމަ ޙާކިމެއްގެ ކުރިމައްޗަށްދާންޖެހޭތީ ކަމަށްވެދާނެއެވެ. އެއީ މިޒަމާނުގައި އަނބިން ބޭނުންވެގެން ރޫޅައިލެވޭ ކައިވެނިތައްވެސް އިތުރުވަމުން އަންނާތީއެވެ.   

މި މައްސަލައިގައި އަހުރެން ފުރަތަމަވެސް ބަލައިލާނީ ޢުމަރުގެފާނު ވިދާޅުވެފައިވާ ބަސްފުޅަކަށެވެ.  

"އަނބިންނަކީ ތިބާ ލާ ފޭރާން ބަދަލުކުރާ ފަދައިން ބޭނުންވުމުން ބަދަލުކުރަން ތިބި ބައެއް ނޫނެވެ. އެކަނބަލުންގެ މަޤާމް މާމަތިވެރިއެވެ. އަދި އެކަނބަލުންގެ ޙައްޤުތައް މާބޮޑެވެ." މުސްލިމުންގެ 4 ވަނަ ޚަލީފާ ޢުމަރުގެފާނު ވިދާޅުވެފައިވާ ބަސްފުޅަކީ ވަރަށް ވަރުގަދަ ބަސްފުޅެކެވެ.  

އެ ޒަމާނުގައި އަންހެނުންނަށް ދެވިފައި އޮތީ މިއަދު އެކަނބަލުންނަށް ދެވިފައިވާ މަޤާމެއް ނޫނެވެ. އަޅުންގެ ދަރަޖައެވެ. އެކަނބަލުން އަޅުވެތިކަމުން ސަލާމަތްކޮށްދިނީ އިސްލާމް ދީނެވެ. އެހެންކަމުން މިއަދުގެ ޙާލަތު ވަރަށް ތަފާތެވެ. ނަމަވެސް ހިތާމައަކީ މިއަދުވެސް އެމީހުންގެ ގައިގެ ފޭރާން ބަދަލުކުރާ ފަދައިން އަނބިން އައުކުރަމުންދާ ފިރިހެނުން ތިބި ކަމެވެ. 

މިއަދަށް ބަލައިފިނަމަ އަނބިންގެ ވާހަކަ އެކަނި ދައްކައިގެން ފުއްދައިލެވޭކަށްވެސް ނެތެވެ. ގައިގެ ފޭރާން ބަދަލުކުރާ ފަދައިން ފިރިން ބަދަލުކުރާ އަންހެނުންވެސް އެބަތިއްބެވެ. ވަރިކުރުމުގެ ޢިއްދަ ހަމަވާއިރަށް ކައިވެނިކޮށް ފިރިން ބަދަލުކުރުމަކީ އުފަލެއް ދެކޭ އަންހެނުން ވެސް ދަނީ އިތުރުވަމުންނެވެ. އެއް ބައަކު ކުށްވެރިކުރަނީ އަނެއް ބައެކެވެ.  

މުހިންމީ އެއްބައަކު އަނެއް ބައަކު ކުށްވެރިކުރުމެއް ނޫނެވެ. މައްސަލައަށް ޙައްލު ހޯދުމެވެ. އެކަން ކުރެވޭނީ ވެސް ހަމަ އިސްލާމް ދީނުންނެވެ. އިސްލާމް ދީނަށް އަމަލުކޮށްގެންނެވެ. އިސްލާމް ދީނުގައި ދެބައި މީހުންނަށްވެސް ދީފައި އޮތް މަތިވެރި ޤަދަރަށް އިޙްތިރާމްކޮށްގެންނެވެ. މަތިވެރީ ކޮން ބައެއްކަން ކަނޑައަޅަން އަރައިރުން ވުމުގެ ބަދަލުގައި މަތިވެރިކަން ކަނޑައަޅަން އިސްލާމް ދީނުގައި ބަޔާންވެގެންވާ މިންގަނޑުން މިން އަޅައިގެންނެވެ. އެއީ ތަޤްވާވެރިކަމުގެ މިންގަނޑެވެ.  

ޔަޤީންކަމާއިއެކު ބުނަމެވެ. އެމީހެއްގެ ހިތުގައި ތަޤްވާވެރިކަން އޮތް ހަމަ އެކަކުވެސް އަނެކާއަށް ބޭވަފާތެރިއެއް ނުވާނެއެވެ. އަނިޔާވެރިއެއްވެސް ނުވާނެއެވެ. ނިކަމެއްޗެއްވެސް ނުކުރާނެއެވެ. ބޭނުންވާނީ ކައިވެނިކުރުމުގެ ރެކޯޑް ހަދާކަށް ނޫނެވެ. ކޮންމެ މީހަކުވެސް ބޭނުންވާނީ ﷲ ތަޢާލާގެ ޙަޟްރަތުގައި ހުއްޓި ހުރެ އެމީހާގެ އީމާންތެރިކަމާއިމެދު ފަޚުރުވެރިވާށެވެ! އެކަން ކުރެވޭނީ ﷲ ތަޢާލާ ހުއްދަ ކުރެއްވެވި ކަންކަމުގެ ތެރެއިން އެންމެ ރުހިވޮޑިނުގަންނަވާ އަމަލު ކަމުގައިވާ ވަރި އާއި ދރުހެލިވެވުނު ވަރަކުންނެވެ. ކައިވެނި ކުރުމުން ރެކޯޑް ހެދުމަކީ ފަޚުރެއް ނޫނެވެ. އެއީ ލިބޭ ނިކަމެތިކަމެކެވެ! ލިބިގަންނަ ނިކަމެތި ކަމެކެވެ! 

ވަރިވުމަށާއި ވަރިކުރުމަށް އިސްލާމް ދީނުގައި ވަރަށް މަތިވެރި އުޞޫލުތަކެއް އެބައޮތެވެ. ފުރިހަމަކުރަންޖެހޭ ކަންތައްތަކެއް އެބަހުއްޓެވެ. ދެމަފިރިންނަށް އެކުގައި އުޅެވޭނެ އެއްވެސް ގޮތެއް ނެތުމުން ނޫނީ ވަރިކުރުމެއްވެސް ވަރިވުމެއްވެސް ނެތެވެ. އެކަކު އަނެކަކަށް އޯގާތެރިވެ ހެޔޮގޮތުގައި ދިރިއުޅުމަކީ އެންމެ މަތިވެރި އަޅުކަމެވެ. އެކަން އެނގި ޔަޤީންވަނީ ދެމަފިރިންގެ މެދުގައި މައްސަލައެއް ޖެހުނު ނަމަވެސް އެކަން ޙައްލުކޮށްގެން އެކުގައި ދިރިއުޅުން މާހެޔޮކަންބޮޑުކަން ކީރިތި ޤުރްއާނުން އެނގެން އޮތުމުންނެވެ. ހަމައެއާއިއެކު އެންމެ ރަނގަޅު މީހާއަކީ އެމީހެއްގެ ޢާއިލާއަށް ، އަނބިންނަށް އެންމެ ރަނގަޅު މީހާކަމުގައި ޙަދީޘްފުޅުގައި އޮތުމުންނެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން