ޤިޔާމަތް ދުވަހު ފައިދާކުރާނެ އެކުވެރިން-: ޝެއިޚް ފަހްދް އަލް ކަންދްރީ

ކިޔުމަށް ހޭދަވާނީ 6މ 32ސ
ޤިޔާމަތް ދުވަހު ފައިދާކުރާނެ އެކުވެރިން-: ޝެއިޚް ފަހްދް އަލް ކަންދްރީ

ޢާއިޝަތު ރަފާޙް ޢަލީ

 

އަޅުގަނޑުމެންގެ ޢިއްޒަތްތެރި ޝައިޚް! 

އަޅުގަނޑު މި ދަނޑިވަޅުގައި ރަޙްމަތްތެރިން ބަދަލުކުރުމާއި އައު ރަޙްމަތްތެރިން ހޯދުމުގެ މަ މަސައްކަތުގައި އަޅުގަނޑަށް ވަރުބަލިކަން އިޙްސާސްވާ ވާހަކަ ދަންނަވަން ބޭނުންވެއެވެ. އަޅުގަނޑުގެ އަމާޒަކީ އަޅުގަނޑުގެ ވިސްނުމާ އެއްގޮތް ފަރާތްތަކެއް ހޯދުމެވެ. ނަމަވެސް، މިޒަމާނުގެ އިޖްތިމާޢީ ގުޅުންތައް ގިނަފަހަރަށް ބިނާވެފައިވަނީ ހަމައެކަނި އަމިއްލަ މަޞްލަޙަތުގެ މައްޗަށް ކަމަށް ފާހަގަކުރެވެއެވެ. 

ވީމާ، އަޅުގަނޑުމެންގެ ޝައިޚްގެ އަރިހުން އެދި ދަންނަވަނީ، އިސްލާމީ ރިވެތި އަޚްލާޤާ އެއްގޮތްވާ ގޮތުގެ މަތިން ރަޙްމަތްތެރިން ހޮވުމުގައި ގެންގުޅެންވީ އުސޫލުތަކާއި މިންގަނޑުތަކަކީ ކޮބައިކަން އަޅުގަނޑަށް އުނގަންނައިދެއްވުމަށެވެ. 

ޖަވާބު: 

ތިބާގެ ރަޙްމަތްތެރިންނަކީ މި ދުނިޔޭގެ ޚަޒާނާތަކުގެ ތެރެއިން ޚަޒާނާއެކެވެ. އަދި ކިއެއްތަ، އެއީ މި ދުނިޔޭގެ ޚަޒާނާތަކަށްވުރެވެސް މާ މަތިވެރި އެއްޗެކެވެ.

ﷲ ތަޢާލާ އަންފާލް ސޫރަތުގެ 63 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. 

وَأَلَّفَ بَيْنَ قُلُوبِهِمْ ۚ لَوْ أَنفَقْتَ مَا فِي الْأَرْضِ جَمِيعًا مَّا أَلَّفْتَ بَيْنَ قُلُوبِهِمْ وَلَٰكِنَّ اللَّهَ أَلَّفَ بَيْنَهُمْ ۚ إِنَّهُ عَزِيزٌ حَكِيمٌ ﴿٦٣﴾‏

މާނައީ: "އަދި އެކަލާނގެ އެއުރެންގެ ހިތްތައް (އެބަހީ: مؤمن ންގެ ހިތްތައް) އެކުވެރި ކުރެއްވިއެވެ. ކަލޭގެފާނު ބިމުގައިވާ ހުރިހާ އެއްޗެއް ހޭދަކުރެއްވިޔަސް އެއުރެންގެ ހިތްތައް އެކުވެރިއެއް ނުކުރެއްވުނީހެވެ. އެހެނެއްކަމަކު، اللَّه، އެއުރެން އެކުވެރި ކުރެއްވިއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، عزيز ވަންތަ، حكيم ވަންތަ ރަސްކަލާނގެއެވެ. (63)" 

އޭ ލޮބުވެތި އެކުވެރިޔާއެވެ! ތިބާ އެކަށޭނަ އެކުވެރިއެއް ހޯދުމުގައި ކުށްވެރިވެފައިވާކަން އަހަރެން ޔަޤީންކުރަމެވެ. އެކަށޭނަ އެކުވެރިއަކީ ކޮންމެހެން ތިބާގެ ޚިޔާލުތަކާއި ދިރިއުޅުމުގެ ގޮތާ އެއްގޮތްވާންޖެހޭ މީހެއް ނޫނެވެ. ނަމަވެސް، އެކަށޭނަ އެކުވެރިއަކީ އޭނާގެ ހުރުމުން ތިބާއަކީ މޮޅު އިންސާނަކަށް ހަދައިދޭ މީހެކެވެ. އެކަށޭނަ އެކުވެރިޔާ ތިބާއާ ތަފާތުވެދާނެއެވެ. އެހެނަސް އޭނާ ތިބާ ތިބާގެ ޠަބީޢަތުގައި ބަހައްޓައެވެ. އެކަށޭނަ އެކުވެރިޔާއަކީ ތިބާގެ ކިބައިގައި މި ދިރިއުޅުމުގައި ކާމިޔާބާއި ކުރިއެރުމަށް ހުރި ހަކަތަ ފަޅާލައިދޭ މީހެކެވެ. މިއީ ޙަޤީޤީ އެކުވެރިޔާއެވެ. 

ޤުރުއާނުން އަހަރެމެންނަށް އުނގަންނައިދެއްވަނީ އަހަރެމެން ކޮންމެހެންވެސް އެކުވެރިޔާގެ މައްޗަށް ކެތްތެރިވާންޖެހޭ ކަމެވެ. ޚާއްޞަކޮށް ޞާލިޙު އެކުވެރިޔާގެ މައްޗަށް ކެތްތެރިވެ، އޭނާއާ ގުޅުން ދަމަހައްޓަން ޖެހޭކަމެވެ. އަހަރެމެން ކޮންމެހެން އެނގެން ޖެހޭނެ ކަމަކީ ޞާލިޙު އެކުވެރިޔާއަކީ މާތްﷲ ސުބުޙާނަހޫ ވަތަޢާލާގެ ފަހުގައި ތިބާގެ ދިރިއުޅުމުގެ ހުރިހާ ދާއިރާއެއްގައި ކާމިޔާބު ލިބުމުގެ މުހިންމު ސަބަބެއްކަމެވެ. މާތްﷲ ޢައްޒަ ވަޖައްލަ އަމުރުކުރެއްވީ ނަބިއްޔާ އަށެވެ. އެކަލޭގެފާނަކީ އިންސާނުންގެ ތެރެއިން އެންމެ ހެޔޮ އަދި މާތްﷲ ޢައްޒަ ވަޖައްލަ ރައްކާތެރިކުރައްވާފައިވާ ފަރާތް ކަމުގައިވީ ނަމަވެސް، އެކަލޭގެފާނު ޞާލިޙު އެކުވެރިންނާ ގުޅުން ބަދަހިކުރައްވައި، އެބޭކަލުންގެ މައްޗަށް ކެތްތެރިވުމަށް އަމުރުކުރެއްވިއެވެ. 

ﷲ ތަޢާލާ ކަހަފް ސޫރަތުގެ 28 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. 

وَاصْبِرْ نَفْسَكَ مَعَ الَّذِينَ يَدْعُونَ رَبَّهُم بِالْغَدَاةِ وَالْعَشِيِّ يُرِيدُونَ وَجْهَهُ ۖ وَلَا تَعْدُ عَيْنَاكَ عَنْهُمْ تُرِيدُ زِينَةَ الْحَيَاةِ الدُّنْيَا ۖ وَلَا تُطِعْ مَنْ أَغْفَلْنَا قَلْبَهُ عَن ذِكْرِنَا وَاتَّبَعَ هَوَاهُ وَكَانَ أَمْرُهُ فُرُطًا ﴿٢٨﴾‏

މާނައީ: "އަދި އެއުރެންގެ ވެރިރަސްކަލާނގެ وجه ފުޅު އެދިގެން، އެކަލާނގެއަށް ހެނދުނާއި، ހަވީރު دعاء ކޮށް އަޅުކަންކޮށްއުޅޭ މީހުންނާއެކު، ކަލޭގެފާނުގެ نفس ހިފަހައްޓަވައި، ކެތްކުރައްވާށެވެ! އަދި ދުނިޔޭގެ ދިރިއުޅުމުގެ ޒީނަތްތެރިކަން އެދިވަޑައިގެން، ކަލޭގެފާނުގެ ލޯފުޅު، އެއުރެން ފިޔަވައި ފަހަނަޅައި ދިޔަނުދެއްވާށެވެ! އަދި ތިމަންރަސްކަލާނގެ ހަނދުމަކުރުމުން، އެމީހެއްގެ ހިތް غافل ކުރައްވައި، އަދި އެމީހެއްގެ އަމިއްލަ އެދުމަށް تبع ވެ، އަދި އެމީހެއްގެ ކަންތައް (ނުބައިކަމުގައި) ހައްދުފަހަނަޅައިފައިވާ މީހަކަށް، ކަލޭގެފާނު ކިޔަމަންވެ ވަޑައިނުގަންނަވާށެވެ! (28)" 

ޤުރުއާނުން އަހަރެމެންނަށް އުނގަންނައިދެނީ، ޤިޔާމަތް ދުވަހު އަހަރެމެންނަށް ޝަފާޢަތްތެރިވެ، މަންފާ ކޮށްދޭނެ ރަޙްމަތްތެރިންނާ ގުޅުން ބަދަހިކުރުމުގެ މުހިންމުކަމެވެ.

ޤުރުއާނުގައި ބަޔާންކޮށްފައިވާ ގޮތުގައި، ޤިޔާމަތް ދުވަހު ގިނަ ރަޙްމަތްތެރިން ވެގެންދާނީ އެކަކު އަނެކަކަށް ޢަދާވާތްތެރިންނަށެވެ. ނަމަވެސް، ތަޤްވާވެރިން މިއިން އިސްތިސްނާވެގެންވެއެވެ. މި މުހިންމު ނުކުތާއަށް ސަމާލުކަން ދިނުން ވަރަށް މުހިންމެވެ. 

މި ވާހަކައަށް ފުންކޮށް ވިސްނާލުން މުހިންމެވެ. މިހާރު ތިބާގެ ރަޙްމަތްތެރިއަކު ހުރެ، އޭނާ ޤިޔާމަތް ދުވަހު ތިބާއާއެކު ނުހުންނާނެ ކަމަށް ޤަބޫލުކުރެވޭނަމަ، މިހާރުން މިހާރަށް އޭނާ ހެޔޮމަގަށް އެނބުރުމަށް މަސައްކަތްކުރުން މުހިންމެވެ. ސަބަބަކީ ޤިޔާމަތް ދުވަހު ރަޙްމަތްތެރިން ހޯދުމުގެ ފުރުޞަތު ގެއްލިގެންދާނެތީއެވެ.އެދުވަހު އިވިގެންދާނީ ނަރަކައިގެ އަހުލުވެރިންގެ ހިތާމައިގެ އަޑުތަކާއި ހަޅޭލެވުމުގެ އަޑުތަކެވެ.  

އެހެންކަމުން، ރަޙްމަތްތެރިންނާމެދު ސަމާލުވެ، އެމީހުންނާމެދު ކެތްތެރިވެ، އެމީހުންނާ ގުޅުން ބަދަހިކޮށް ދެމެހެއްޓުމަކީ ވަރަށް މުހިންމު ކަމެކެވެ. 

އަޅުގަނޑުމެން ދުޢާ ދަންނަވަމެވެ: "އޭ ﷲ! އަޅަމެން ދުނިޔޭގައި ދިރިހުރިހާ ހިނދަކު، އިބަ ﷲގެ މަޢުޞިޔަތްތަކުން ދުރުހެލިވުމުގެ ސަބަބުން އަޅަމެންނަށް ރަޙްމަތް ލައްވާނދޭވެ! އަދި އިބަ ﷲ އަޅަމެންނާމެދު ރުހިވޮޑިގަންނަވާ ކަންކަމަށް ރަނގަޅަށް ވިސްނުމުގެ ހެޔޮ ތައުފީޤު އަޅަމެންނަށް ދެއްވާނދޭވެ!"

މިއަދު އޮންލައިން