އަޅުކަންކުރާތީ ސުވަރުގެ ލިބޭނެކަމަށް ޔަޤީންކޮށްގެން ފާފަކުރަން ހެޔޮނުވާނެ! ކުރެވުނު ގިނަ ހެޔޮ ޢަމަލުތައް މާ ލުއިވެފައި ކުރެވުނު މަދުފާފަ މާ ބަރުވެސްވެދާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 33ސ
އަޅުކަންކުރާތީ ސުވަރުގެ ލިބޭނެކަމަށް ޔަޤީންކޮށްގެން ފާފަކުރަން ހެޔޮނުވާނެ! ކުރެވުނު ގިނަ ހެޔޮ ޢަމަލުތައް މާ ލުއިވެފައި ކުރެވުނު މަދުފާފަ މާ ބަރުވެސްވެދާނެ!

ބައެއް މީހުން ހެޔޮ ޢަމަލުކުރަމުން ފާފަކުރެއެވެ. ދެކޮޅު އެއްވަރުވާނެކަމަށް ނުވަތަ ހެޔޮކަމުގެ ކޮޅަށް މާބުރަވާނެކަމަށް ބަލައިގެންނެވެ. ނަމަވެސް އެއީ ހަމައެއްގޮތަކަށްވެސް އެނގޭނެ ކަމެއް ނޫނެވެ. އެކަން ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއެވެ. މީސްތަކުންނަށް އެނގޭނީ މީޒާނުގައި ކިރައިލެވޭ ވަގުތުއެވެ!  

ވީމާ ކުރެވޭ ކިތަންމެ ކުޑަނަމަވެސް ފާފައިގެ ބުރަދަނާއިމެދު ބިރުވެތިވާށެވެ! ކިތަންމެ ކުޑަ ނަމަވެސް ފާފައެއް ނުކުރާށެވެ! ކުރެވުނު ނަމަވެސް އަވަސް އަވަހަށް ތައުބާވެ ފާފަ ފުއްސަވައިދެއްވެވުމަށް އެދޭށެވެ!  

ޤިޔާމަތް ދުވަހު ޞިރާތުމަގު ހުރަސްކުރަން މަސައްކަތްކުރުމުގައި ވަރަށް މަތީ ހިސާބަކަށް ދެވުމަށްފަހު ކުރިއަށްވެސް ފަހަތަށްވެސް ނުދެވޭނެ ބައަކު ތިބޭނެއެވެ. އެމީހުންނަށް ކިޔޭނީ އަޢްރާފްއެވެ.  

އެމީހުންނަކީ ހެޔޮ ޢަމަލުވެސްކުރި މީހުންނެވެ. އަދި ނުބައި އަމަލުވެސް ކުރި މީހުންނެވެ. އެމީހުން ކުރި ހެޔޮ ޢަމަލުތަކާއި ނުބައި ޢަމަލުތަކުގެ ޢަދަދު އަދަދުގެ ގޮތުން އެއްވަރު ނުވި ނަމަވެސް މީޒާނުގައި ބުރަދަނުގެ ގޮތުން އެއްވަރުވި މީހުންނެވެ.  

އެއިރު ނަރަކައަށް ވެއްޓި ނަރަކައިގައި ތިބޭ މީހުން އެދި ގޮވާނެއެވެ. "އެމީހުންނަކީ އަހަރެމެންނާއިއެކު ފާފަކުރި މީހުންނެވެ. އެމީހުން ވެއްޓެންޖެހޭނީ ނަރަކައަށެވެ." އަނެއް ފަރާތުން މުސްލިމުން ގޮވާނެތެވެ! "ޔާ ﷲ! އެމީހުން ނަރަކައިން ސަލާމަތްކުރައްވަވާނދޭވެ!"  

ނަރަކައިގައި ތިބޭނީ ނުބައި އަމަލުތައް ގިނައިންކުރުމުގެ ސަބަބުން މީޒާނުގައި ފާފައިގެކޮޅު ބުރަވީ މީހުންނެވެ. އެމީހުންނަށް ވަރަށް އަސަރު ކުރާނެ ގޮތަށް އެމީހުން ނަރަކައިން ސަލާމަތްކުރައްވަވާނެތެވެ. އަދި ހެޔޮ އަމަލުގެ ކޮޅު ބުރަވީ މީހުން ސުވަރުގެ ވައްދަވައި ނިމުމުން އެމީހުންވެސް ސުވަރުގެ ވައްދަވާނެތެވެ.  

މީސްތަކުންނޭވެ! ނުބައި އަމަލުނުކުރަންވީ ސަބަބަކީ މީޒާނުގައި ކިރައިލެވޭއިރު ފާފައިން ލިބޭނެ ޢަޛާބުގެ ބުރަދަން ނުއެނގޭތީއެވެ. މީޒާނުގައި ބުރަވެގެންދާނެ މިންވަރު ނުއެނގޭނެތީއެވެ. ކުރެވޭ ހެޔޮކަމުގެ ކޮޅަށް ލުއިވެ ފާފައިގެ ކޮޅަށް ބުރަވެގެންހިނގައިދާނެތީއެވެ. ގިނަ ހެޔޮ އަމަލުކުރެވިފައި ކުރެވޭ ފާފަ މަދުކަމުގައިވީނަމަވެސް މީޒާނުގައި ބުރަވެގެންދާނީ ކޮންކޮޅަކަށްކަން ނުއެނގޭނެތީއެވެ!

 

- ބިލާލް އައްސަދުގެ ދަރުސަކުން

މިއަދު އޮންލައިން