"އަހުރެން މިހުރީ ވަކީލްކޮށްގެން! ހުރިހާ ކަމެއް ވަކީލްކުރަނީ ﷲ އަށް!" ކަމަށް ބުނެލުމަކުން ނުފުދޭނެއެވެ. ބައެއް މީހުންނަށް އެެހން ބުނެވެނީ ވަކީލުކުރުމަށް ތިމާ ފުރިހަމަކުރަންޖެހޭ ޝަރުޠުތަކެއް ހުންނަކަން ނުވިސްނޭތީކަމަށްވެސް ވެދާނެއެވެ.
މިހެން ބުނަންޖެހެނީ ބައެއް މީހުން އެމީހުން ކުރަންޖެހޭ ކަންކަން ނުކޮށް ތިބެފައި ތިމަންނާ މިހުންނަނީ ﷲ ތަޢާލާއަށް ވަކީލްކޮށްގެން ކަމަށް ބުނާތީއެވެ. މިހެން ބުނާ ބުނުމަކީ ކުރެވޭ ކިހައިވަރެއްގެ ކަމެއް ކަމާއިމެދު ވިސްނައިލަމާ ހިނގާށެވެ!
ތަވައްކުލް ކުރުމާ ތަވާކުލް ކުރުން އޮޅުވައި ނުލާށެވެ! ތަވައްކުލް ކުރުމަކީ އެމީހަކު ޙާޞިލުކުރަން ބޭނުންވާ ކަމެއް ޙާޞިލުކުރަން އެމީހަކަށް ކުރެވެން ހުރިހާ މަސައްކަތެއް ކުރުމަށްފަހު ތިމާއަށް އެކަން ﷲ ތަޢާލާ ހިންމަވައި ދެއްވަވާނެ ކަމަށް ޤަބޫލުކުރުމެވެ.
ތަވާކުލް ކުރުމަކީ އެއިގެ އިދިކޮޅެވެ. މިސާލަކަށް ކާރުގެ ސީޓުމަތީގައި ފައިސާތަކެއް ބަހައްޓާފައި ކާރުގެ ދޮރުވެސް ތަޅު ނުލައި ދަމުން ތިމަންނަ ﷲ ތަޢާލާ އަށް ވަކީލުކުރާކަމަށް ބުނުމެވެ. އަދި މިފަދައިން ބުނާ ބުނުމަކީ ﷲ ތަޢާލާއަށް ފުރައްސާރަކުރުމެވެ.
މިސާލަކަށް ﷲ ތަޢާލާ ވަނީ ތިބާއަށް ފަތިހު ހޭލައި ނަމާދުކޮށް، ޛިކުރުކުރުމާއި ހެނދުނުވުމުން ނުކުމެ ވަޒީފާއެއް ހޯދަން މަސައްކަތްކުރުމުގެ ފުރުޞަތު ދެއްވަވައިފައެވެ. ތިބާ ވަޒީފާ ބޭނުންވެއެވެ. ނަމަވެސް އެ މަސައްކަތެއް ނުކުރެއެވެ. ކަންނެތްވެ ގޭގައި އިނދެގެން މިބުނަނީ ތިމާ ﷲ ތަޢާލާއަށް ވަކީލުކުރާ ކަމަށެވެ.
އެއިގެ ބަދަލުގައި ވަޒީފާއެއްލިބޭތޯ އެމީހަކަށް ކުރެވެންހުރި ހުރިހާ މަސައްކަތްތަކެއް ކުރުމަށްފަހު ތިމާ މިހުރީ ﷲ ތަޢާލާއަށް ވަކީލުކޮށްގެން ކަމަށް ބުނާށެވެ! ވަކީލުކުރުމަކީ އެއީއެވެ. އެގޮތަށް (ވަކީލް ކުރަންވާ ގޮތަށް) ވަކީލްކުރާ އަޅުން ދެކެ ﷲ ތަޢާލާ ލޯބިވެވޮޑިގެންވެއެވެ.
--މުފްތީ މެންކުގެ ދަރުސަކުން