ތިއައިން އެކަކުވެސް މިކަންކަމަށް ވިސްނާލަމުހެއްޔެވެ؟ ވިސްނައިލާ މީހަކަށް ހުރި ރަހްމަތުގެ ބޮޑުކަމާއިއެވެ.
ކޮންމެ ދުވަހަކުވެސް ޝައިޠޯނަކު ތިބާ އާއިއެކުހުރެ ނުބައި އަމަލުތައް ކުރަން ވަސްވާސްދީ ހިތްވަރުދެއެވެ. އަދި މަލާއިކަތަކު ތިބާ ގާތުގައި ހުރެ ނުބައި ޢަމަލުތައް ނުކުރުމަށާއި ހެޔޮ ޢަމަލުތައް ކުރުމަށް ހިތްވަރުދެއްވަވަތެވެ.
އަދި ރޭގަނޑު ނިދާވަގުތުގައި މަލާއިކަތަކުވަޑައިގެން ތިބާ ގާތުގައި ރަނގަޅު ގޮތުގައި ދުވަސްނިންމައި ނިދުމަށް 3 ފަހަރު ނަޞޭޙަތްތެރިވެވަޑައިގަންނަވައެވެ. އެއީ ތަޞްބީޙް ކިޔުމާއި ޛިކުރުކުރުމާއި ޤުރްއާން ކިޔެވުން ފަދަ ޢަމަލެއްގެމަތީގައި ނުދުމަށެވެ.
އަދި ޝައިޠޯނަކު އައިސް ނުބައި ޢަމަލުކުރުންމަތީގައި ނިދުމަށް ވަސްވާސްދެއެވެ.
ޝައިޠޯނާ އެ ވަސްވާސްދެނީ ނުބައި މަންޒަރު ބެލުމާއި ނުބައި ވާހަކަދެއްކުމާއި ފާހިޝް އަމަލުކުރުން ފަދަ ކަންކަން ކުރަމުން ނިދުމަށެވެ.
މިކަންކަން މިހެން ވެގެން މިދަނީ އަހަރެމެންނާއިމެދު ކަންކަން ނިމުން އޮތީ އަހަރެމެންކުރާ އެންމެ ފަހުގެ ޢަމަލުގެ މައްޗަށް ކަމުގައިވާތީއެވެ. ޝައިޠޯނާ އެމަސައްކަތްކުރަނީ ތިބާ ނަރަކަވަންތަ އަޅެއްގެ ގޮތުގައި ދުވަސް ނިންމުމަށެވެ. މަލާއިކަތާ އެ މަސައްކަތްކުރައްވަވަނީ އީމާންތެރި ހެޔޮލަފާ އަޅެއްގެ ގޮތުގައި ދުވަސް ނިންމުމަށެވެ.
ވިސްނައިލަންވީ ނިދުމަކީ ކުޑަމަރުވުމެއް ކަމުގައެވެ. ނިދީން ހޭލެވޭނެ ކަމުގެ ޔަޤީންކަން ނެތުމުންނެވެ. ވީމާ އީމާންތެރި ހެޔޮލަފާ މީހެއްގެ ގޮތުގައި ނިދުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.
އެގޮތުން ކުރަން އޮތް އެންމެ މުހިންމު އެއް ކަމަކީ ނިދުމުގެކުރިން ވުޟޫކުރުމެވެ. އެއިރުން ތިބާގެ ފާފަފުއްސަވައި ދެއްވެވުން އެދި ދުޢާކުރައްވަވާނެ މަލާއިކަތަކު ﷲ ތަޢާލާ ލައްވަވާނެތެވެ! އެއިރުން ނިދީގައި ތިބާ މަރުވިނަމަވެސް މަރުވާނީ ތިބާއަށް ރަޙްމަތް ލެއްވެވުން އެދިވަޑައިގެން ﷲ ތަޢާލާއަށް މަލާއިކަތު ދުޢާކުރައްވަމުން ގެންދަވަނިކޮށެވެ. މިއީ ލިބިގަންނަން މަސައްކަތް ނުކޮށް ދޫކޮށްލަން ހެޔޮވެދާނެ ނިޢްމަތެއް ހެއްޔެވެ؟
--އިމާމް ޢުމަރު ސުލައިމާނުގެ ދަރުސަކުން