ޢާއިޝަތު ރަފާޙް ޢަލީ
އިސްލާމް ކަމުގެ ބިންގަލަކީ އީމާންކަމެވެ. ވީމާ އީމާންކަން ބަކަށިވިޔަ ނުދިނުމަށާއި އީމާންކަން އިތުރަށް ވަރުގަދަކުރުމަށާއި އީމާންކަމުގައި ޘާބިތުވެ ހުރުމަށް ގަދައަޅައި މަސައްކަތްކުރަންޖެހެއެވެ. ތިމާގެ ދީންވެރިކަން ބިނާކުރެވެން އޮތީ އެބިންގަލުގެ މަތީގައެވެ.
އީމާންކަމަކީ ހިތުން ތެދުކޮށް ޤަބޫލުކޮށް އެއަށް ޢަމަލުކުރުމެވެ. އީމާން ކަމަކީ އިތުރުވެ އުނިވާ އެއްޗެއް ކަމަށް ސުއްނަތް ޖަމާޢަތުގެ ޢަޤީދާގައިވެއެވެ. އެގޮތުން ހެޔޮ ޢަމަލުކުރުމުން އިތުރުވެއެވެ. އަދި ހެޔޮ ޢަމަލުތަކާއި ދުރުވުމުން ނުވަތަ އުރެދުންތަކަށް އަރައިގަންނަ ކަމުގައިވާނަމަ އީމާންކަން ކުޑަވެއެވެ.
ﷲ ތަޢާލާ އަންފާލް ސޫރަތުގެ 2 ވަަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.
إِنَّمَا الْمُؤْمِنُونَ الَّذِينَ إِذَا ذُكِرَ اللَّهُ وَجِلَتْ قُلُوبُهُمْ وَإِذَا تُلِيَتْ عَلَيْهِمْ آيَاتُهُ زَادَتْهُمْ إِيمَانًا وَعَلَىٰ رَبِّهِمْ يَتَوَكَّلُونَ
މާނައީ: " مؤمن ން ވާކަން ކަށަވަރީ، اللَّه ހަނދުމަކުރާހިނދު އެއުރެންގެ ހިތްތައް ބިރުވެތިވާ މީހުން ކަމުގައެވެ. އަދި އެކަލާނގެ (ބާވައިލެއްވި) آية ތައް އެއުރެންނަށް ކިޔައިދޭހިނދު، އެއުރެންގެ إيمان ކަން އިތުރުވާ މީހުން ކަމުގައެވެ. އަދި އެއުރެންގެ ވެރިރަސްކަލާނގެއަށް وكيل ކުރާ މީހުން ކަމުގައެވެ."
އީމާންކަން އިތުރުކުރުމަށްޓަކައި އަބަދުވެސް ހެޔޮ ޢަމަލުކުރުން މަތީގައި ހުރެވޭތޯ ބެލުމަކީ ވަަރަށް މުހިއްމު ކަމެކެވެ. އެގޮތުން މިލިޔުމުގައި މިބަލާލަނީ އީމާންކަން ބަލިކަށިވާ ސަބަބުތަކުގެ މައްޗަށެވެ. އޭގެތެރޭގައި:
· ރަނގަޅު އެކުވެރީންނާއި، ރަނގަޅު ރަޙްމަތްތެރިންނާއި ދުރުހެލިވެ އުޅުން:
އެގޮތުން ﷲ ތަޢާލާ ޙަދީދު ސޫރަތުގެ 16 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.
أَلَمْ يَأْنِ لِلَّذِينَ آمَنُوا أَن تَخْشَعَ قُلُوبُهُمْ لِذِكْرِ اللَّهِ وَمَا نَزَلَ مِنَ الْحَقِّ وَلَا يَكُونُوا كَالَّذِينَ أُوتُوا الْكِتَابَ مِن قَبْلُفَطَالَ عَلَيْهِمُ الْأَمَدُ فَقَسَتْ قُلُوبُهُمْ ۖ وَكَثِيرٌ مِّنْهُمْ فَاسِقُونَ ﴿١٦﴾
މާނައީ: " اللَّه ހަނދުމަކުރުމަށާއި، حق ބަސްފުޅުގެ ތެރެއިން ބާވައިލެއްވި ފޮތަށް އެއުރެންގެ ހިތްތައް މަޑުމައިތިރިވުމަށާއި، މީގެކުރިން ފޮތް ލިބުނު މީހުން ފަދައިން ނުވުމަށް، إيمان ވި މީހުންނަށް އަދިވެސް ވަގުތު ނާންނަނީހެއްޔެވެ؟ ފަހެ، އެއުރެންނަށް ޒަމާން ދިގުވެގެންދިޔައެވެ. ދެން (އެކަމުގެ ސަބަބުން) އެއުރެންގެ ހިތްތައް ހަރުކަށިވިއެވެ. އަދި އެއުރެންކުރެ ގިނަމީހުންނީ فاسق ންނެވެ."
އެހެންކަމުން މީހެއްގެ ހިތުގައި މަޑުމައިތިރިކަމާއި ހަމަޖެހުން ލިބިގެންދާނެ ކަންކަމުން ދުރަށް ދިއުމުން އަނިޔާވެރިކަމާއި ނުބައި ޢަމަލުތަކަށް މަގުފަހިވެގެންދާނެއެވެ.
· ފާފައިން ފުރިފައިވާ މާހައުލެއްގައި އުޅުން: އެގޮތުން މިއުޒިކާއި ލަވަ އަޑުއެހުމާއި، ދުނިޔޭގެ ދަޅަތަކަށް ހެއްލި، އާޚިރަތް މަތިން ހަނދާން ނައްތާލާފަދަ މާހައުލެއްގައި ދިރިއުޅުމެވެ.
އެގޮތުން ﷲ ތަޢާލާ ރޫމް ސޫރަތުގެ 7 ވަަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.
يَعْلَمُونَ ظَاهِرًا مِّنَ الْحَيَاةِ الدُّنْيَا وَهُمْ عَنِ الْآخِرَةِ هُمْ غَافِلُونَ ﴿٧﴾
މާނައީ: "ދުނިޔޭގެ ދިރިއުޅުމުން އެއުރެންނަށް އެނގެނީ ބޭރުފުށުގެ ކަންތަކެވެ. އަދި އެއުރެންވަނީ، آخرة ދުވަހާމެދު غافل ވެގެންވާ ބަޔަކު ކަމުގައެވެ."
· ދުނިޔެއަށް މަޝްޣޫލުވެ އަބަދުވެސް ދުނިޔެވީ ފައިދާއެއް ހޯދުމަށް މަސައްކަތްކުރުން: އެގޮތުން ﷲ ތަޢާލާއަށް ކިޔަމަންތެރިވުމުގެ މަތީން ހަނދާން ނައްތާލާ، ފައިސާއާއި، އަނބިމީހާއާއި، ދަރިންގެ ކަންކަމުގައި އަބަދު އުޅުމެެވެ. ނަތީޖާއަކަށް ވަނީ މާތްالله އަށް ކިޔަމަންތެރިކަން ހަނދާން ނައްތާލާ، އެކަމުގެ ސަބަބުން އިންސާނާގެ ހިތް ފޫހިވެގެން ދިޔުމެވެ.
އެގޮތުން ﷲ ތަޢާލާ އާލް ޢިމްރާން ސޫރަތުގެ 14 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.
زُيِّنَ لِلنَّاسِ حُبُّ الشَّهَوَاتِ مِنَ النِّسَاءِ وَالْبَنِينَ وَالْقَنَاطِيرِ الْمُقَنطَرَةِ مِنَ الذَّهَبِ وَالْفِضَّةِ وَالْخَيْلِ الْمُسَوَّمَةِ وَالْأَنْعَامِ وَالْحَرْثِ ۗ ذَٰلِكَ مَتَاعُ الْحَيَاةِ الدُّنْيَا ۖ وَاللَّهُ عِندَهُ حُسْنُ الْمَآبِ ﴿١٤﴾
މާނައީ: "އަންހެނުންނާއި، ދަރިންނާއި، ރަނާއި، ރިހީގެ ތެރެއިން އެއްކުރެވިފައިވާ ގިނަބައިވަރުތަކާއި، މޮޅު އަސްތަކާއި، ގެރިބަކަރި جمل އާއި، ދަނޑުބިމާއި، މިތަކެއްޗަށް އެދުމުގެ ލޯބި، މީސްތަކުންނަށް زينة ތެރި ކުރެއްވިއެވެ. އެއީ، ދުނިޔޭގެ ދިރިއުޅުމުގައި އުފާލިބިދޭ ތަކެއްޗެވެ. ނަމަވެސް އެނބުރިދަނިވި ރިވެތިވެގެންވާ ތަންވަނީ اللَّه ގެ حضرة ގައެވެ."
· ކީރިތި ޤުރުއާން ކިޔެވުމާއި، މާތްالله އަށް ޛިކުރުކުރުމުން ދުރުހެލިވުމާއި، މާތްالله އަށް ކިޔަމަންތެރިވުމުން ދުރުހެލިވާ ނުބައި އެކުވެރިންނާއެކު އުޅުމަކީ އީމާންތެރިކަން ބަލިކަށިވުމުގެ އިތުރުން މީހާ ފާފައަށް ވެއްޓިގެންދާ ކަމެކެވެ.
ހަމަކަށަވަރުން ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
((الرَّجُلُ عَلَى دِينِ خَلِيلِهِ، فَلْيَنْظُرْ أَحَدُكُمْ مَنْ يُخَالِلُ))
މާނައީ: "ކޮންމެ މީހަކުވެސް ވާހުށީ އެމީހެއްގެ ގާތް އެކުވެރިޔާގެ ދީނުގެ މަތީގައެވެ. ފަހެ ތިޔަބައިމީހުންކުރެ މީހަކު ގާތް އެކުވެރިއެއްކަމުގައި ހަދަނީ ކާކުތޯ ބަލާށެވެ."
· ﷲ ތަޢާލާއަށް ކިޔަމަންތެރިވުމުން ދުރުހެލިވެ، އަޅުކަންތައް ކުރުމުގައި ކަންނެތްވުމާއި، ތަދައްބުރުކުރުމާއި ވިސްނުމެއް ނެތި އަޅުކަންތައް ކުރުމާއި، ސަވާބު ގިނަވާ ރަނގަޅު މޫސުމްތަކަށް ސަމާލުކަން ނުދިނުން ހިމެނެއެވެ.
· އީމާންތެރިކަން ހަރުދަނާކުރާ، އަދި ޤުރުއާނާއި ސުންނަތާއި ޝަރުޢީ ޢިލްމުތަކާ ދުރުހެލިވުމެވެ.
· މާގިނައިން ކެއުމާއި، ނިދުމާއި، ރޭގަނޑު ދަންވަރު ހޭލާ ހުރުމާއި، ގިނައިން ހުނުމާއި، ބޭކާރު ވާހަކަ ދެއްކުމުގެ ސަބަބުން ހިތް ހަރުކަށިވުމާއި ހިތް މަރުވުން އިތުރުވެގެންދެއެވެ.