މައިންބަފައިން ދަސްކުރަންޖެހޭ ފިލާވަޅެއް!: އަހުރެންގެ ކުޑަދަރިފުޅު ﷲ ތަޢާލާ އާ "ބައްދާލަން" ބޭނުންވި ދުވަހު...: ބިލާލް އައްސަދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 7ސ
މައިންބަފައިން ދަސްކުރަންޖެހޭ ފިލާވަޅެއް!: އަހުރެންގެ ކުޑަދަރިފުޅު ﷲ ތަޢާލާ އާ "ބައްދާލަން" ބޭނުންވި ދުވަހު...: ބިލާލް އައްސަދު

އެއްދުވަހަކު އަހުރެން ނަމާދުކޮށް ނިންމި ތަނާހެން އަހުރެންގެ ކުޑަ ދަރިފުޅު ބުންޏެވެ. "ބައްޕާއެވެ. ވަރަށް ދިގު ހަރުގަނޑެއް ދީބަލާށެވެ!" ހަރުގަނޑެއް ބޭނުންވަނީ ކީއްކުރަންތޯ ސުވާލުކުރުމުން ބުންޏެވެ. "މައްޗަށް އަރައިގެން ގޮސް ﷲ ތަޢާލާ އާއި "ބައްދައިލުމަށެވެ."

ﷲ ތަޢާލާ އާއި "ބައްދާލަން" ބޭނުންވަނީ ކީއްވެގެންތޯ ސުވާލުކުރުމުން ބުންޏެވެ. "އަޅުގަނޑު ބޭނުންވާހައި އެއްޗެއް ދެއްވަވާތީއެވެ."  

އަހުރެން ބުނީމެވެ. "ދަރިފުޅާއެވެ! އެއީ ތިއަހެން ހަރުގަނޑަކުން އަރައިގެން ކުރެވޭނެ ކަމެއް ނޫނެވެ. ތިއަ ކަންތައް ކުރަން ބޭނުންވާނަމަ ބައްޕަ މިކުރިހެން ނަމާދުކޮށް އަޅުކަންކުރާށެވެ!"  

މައިންބަފައިން ވިސްނާށެވެ! ކޮންމެ ކުއްޖަކުވެސް އުފަންވަނީ ފިޠުރަތުގެ ސާފުޠޯހިރުކަންމަތީގައެވެ. އެކުއްޖާގެ ހިތުގައި ﷲ ތަޢާލާ އާއިމެދު ލޯބި އުފެއްދުމަކީ މައިންބަފައިންގެ މައްޗަށް އޮތް އެންމެ ބޮޑު މަސްއޫލިއްޔަތެވެ. އެކުދިންގެ ވިސްނުން އެހެން ގޮތްގޮތަށް ބަދަލުވެގެންދަނީ އެކުއްޖާއާއިމެދު ޢަމަލުކުރެވޭ ގޮތަކުންނެވެ. ރަނގަޅު ގޮތުގައި ކަންކަން ކުރެވޭނަމަ ކުއްޖާ ބޮޑުވަމުން އަންނާނީ ﷲ ތަޢާލާގެ ޙަޟްރަތަށް ލޯބިވުންމަތީގައެވެ.  

އެކަން ކުރުމަށްޓަކައި ކުދިންނާއި ވާހަކަދައްކަންވާނީ އެކުދިންގެ ބަހުރުވައިންނެވެ. މާނައަކީ އެކުދިންނަށް ވިސްނޭނެ ގޮތަކަށެވެ. ބޭނުންވާ މަޤްޞަދު ޙާޞިލުކުރެވޭނީ އެއިރުންނެވެ.

 

- ބިލާލް އައްސަދުގެ ދަރުސަކުން

މިއަދު އޮންލައިން