ޢާއިޝަތު ރަފާޙް ޢަލީ
ރިޒްޤަކީ ﷲ ތަޢާލާ ދެއްވާ އެއްޗެކެވެ. އަދި އެރިޒްޤުގައި ބަރަކާތް ލެއްވުމަށް އެދޭނަމަ ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އިތުރުކޮށް ތަވާޟުޢުވެރިވާން ޖެހެއެވެ. މިލިޔުމުގައި މިބަޔާން ކޮށްލަނީ ރިޒުޤު ތަނަވަސްވާ ސަބަބުތަކާއި ރިޒްޤު މަދުވުމަށް މެދުވެރިވާ ސަބަބުތަކާ ބެހޭ ވާހަކައެކެވެ.
ރިޒްޤު މަދުވުމަށް ދިމާވާ ސަބަބުތައް:
· ﷲ އަށް ތަޤްވާވެރިވާ މިންވަރު ކުޑަވުން
· ނަމާދުކުރުމާއި ދުޢާކުރުން މަދުވުން
· ރަޙިމުގެ ގުޅުން ކެނޑުން
· ޞަދަޤާތް ދިނުން މަދުވުން
· ކަންނެތްކަމާއި، ކަންކަމުގައި އިހުމާލުވުން
މާތްالله އަޅުންނަށް ރިޒްޤު ދެއްވާނެ އެތައް ކަމެއް ބަޔާންކޮށްދެއްވާފައިވެއެވެ. އެގޮތުން ބައެއް ކަންކަން މިލިޔުމުގައި ބަޔާން ކޮށްލާނަމެވެ.
· ދުޢާކުރުން:
ދުޢާއަކީ ރިޒުޤުގެ އެއް ތަޅުދަނޑިއެވެ. އެހެންކަމުން ﷲ ތަޢާލާއަށް ފުރިހަމައަށް އީމާންވާ މީހަކު ސަބަބުތަކުގައި ރަނގަޅަށް ހިފައި ﷲ ތަޢާލާއަށް ވަކީލުކުރަން ޖެހެއެވެ. ޚާޢްސަކޮށް ރޭގަނޑުގެ ފަހު ތިންބައިކުޅަ އެއްބަޔަކީ ދުޢާ އިޖާބަ ކުރައްވާ ވަގުތެކެވެ. އެވަގުތުގައި ރިޒްޤު ދެއްވުމަށް އެދި އަދި ރިޒްޤު އިތުރުކޮށްދެއްވުން އެދި ﷲ ތަޢާލާއަށް ދެންނެވުމަކީ ވަރަށް މުހިއްމު ކަމެކެވެ. އަދި އެއީ ﷲ ތަޢާލާއާއި އެކަލާނގެ އަޅުން ގާތްކޮށްދޭ ސަބަބެއްވެސް މެއެވެ.
ރަސޫލާ މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމް ގެ ޙަދީޘް ބަސްފުޅެއްގައިވެއެވެ.
"يَنْزِلُ رَبُّنَا تَبَارَكَ وَتَعَالَى إِلَى السَّمَاءِ الدُّنْيَا كُلَّ لَيْلَةٍ حِيْنَ يَبْقَى ثُلُثُ اللَّيْلِ الآخِرُ فَيَقُولُ: مَنْ يَدْعُونِي فَأَسْتَجِيْبَ لَهُ، مَنْ يَسْأَلُنِي فَأُعْطِيَه، مَنْ يَسْتَغْفِرُنِي فَأَغْفِرَ لَهُ" (متفق عليه.)
މާނައީ: " ކޮންމެ ރެއެއްގެ ތިންބައިކުޅަ ފަހު ބައިގައި މާތް ﷲ ދުނިޔޭގެ އުޑަށް ތަޖައްލީވެވޮޑިގެން ބަސްފުޅު ވަޙީކުރައްވާނެތެވެ. ތިމަން އިލާހަށް ދުޢާ ދަންނަވާނީ ކާކު ހެއްޔެވެ؟ ފަހެ، އެ މީހެއްގެ ދުޢާ ތިމަން އިލާހު އިޖާބަކުރައްވައި ހުށީމެވެ. ކަމަކަށް އެދި ތިމަން އިލާހަށް ދަންނަވާނީ ކާކު ހެއްޔެވެ؟ ފަހެ، އެމީހަކު އެދޭ ކަމެއް ތިމަން އިލާހު އެމީހަކަށް ދެއްވާ ހުށީމެވެ. ފާފަ ފުއްސެވުމަށް އެދި ތިމަން އިލާހަށް ދަންނަވާނީ ކާކު ހެއްޔެވެ؟ ފަހެ، އެ މީހަކަށް ތިމަން އިލާހު ފާފަ ފުއްސަވައި ދެއްވާހުށީމެވެ."
الدرر السنية - الموسوعة الحديثية - شروح الأحاديث (dorar.net)
· ރިޒްޤު ހޯދުމަށް ގަދައަޅާ މަސައްކަތް ކުރުން: ﷲ ތަޢާލާ އަޅުންނަށް އަމުރު ކުރެއްވީ، އެމީހުންނަށް ދިރިއުޅެވޭނެ އަދި ދިރިއުޅުން ފުރިހަމަ ކުރުމަށް ކުރެވޭ ކަންތައްތައް ހޯދުމަށްޓަކައި ރިޒުޤު ހޯދުމަށް މަސައްކަތް ކުރުމަށެވެ.
އެގޮތުން ﷲ ތަޢާލާ ކީރިތި ޤުރްއާނުގެ މުލްކު ސޫރަތުގެ 15 ވަަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. هُوَ الَّذِي جَعَلَ لَكُمُ الْأَرْضَ ذَلُولًا فَامْشُوا فِي مَنَاكِبِهَا وَكُلُوا مِن رِّزْقِهِ ۖ وَإِلَيْهِ النُّشُورُ ﴿١٥﴾
މާނައީ:" އެކަލާނގެއީ، ތިޔަބައިމީހުންނަށްޓަކައި، ފަސޭހަތަނެއް ކަމުގައި ބިންގަނޑު ލެއްވި ރަސްކަލާނގެއެވެ. ފަހެ، އެތާނގެ ކަންކޮޅުތަކުގައި ތިޔަބައިމީހުން ހިނގައި ދަތުރުކުރާށެވެ! އަދި އެކަލާނގެ ދެއްވި رزق ން ކާށެވެ! އަދި އަލުން ދިރުއްވައި ފޮނުއްވުންވަނީ، އެކަލާނގެ حضرة އަށެވެ. (15)"
· ﷲ ތަޢާލާ ޝަރުޢު ކުރެއްވި އިސްލާމް ދީނުގައި ޤާއިމްވެހުރުން: މާތްالله އިސްލާމީ ދީން ޝަރުޢުކުރައްވާ، މި ދީނަށް ތަބާވެ ޤާއިމްވެ ތިބޭ މީހުންނަށް ރިޒުޤު އިތުރުކޮށްދެއްވިއެވެ.
ﷲ ތަޢާލާ މާއިދާ ސޫރަތުގެ 66 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. وَلَوْ أَنَّهُمْ أَقَامُوا التَّوْرَاةَ وَالْإِنجِيلَ وَمَا أُنزِلَ إِلَيْهِم مِّن رَّبِّهِمْ لَأَكَلُوا مِن فَوْقِهِمْ وَمِن تَحْتِ أَرْجُلِهِم ۚ مِّنْهُمْ أُمَّةٌ مُّقْتَصِدَةٌ ۖ وَكَثِيرٌ مِّنْهُمْ سَاءَ مَا يَعْمَلُونَ ﴿٦٦﴾
މާނައީ: "އަދި އެއުރެން توراة އާއި، إنجيل އާއި، އެއުރެންގެ ވެރިރަސްކަލާނގެ حضرة ން އެއުރެންނަށް ބާވައިލެއްވި ފޮތުގެ (އެބަހީ: قرآن ގެ) حكم قائم ކުރިނަމަ، އެއުރެންގެ މަތިންނާއި، އެއުރެންގެ ފައިދަށުން އެއުރެންނަށް رزق ލިބުނީހެވެ. އެއުރެންގެ ތެރެއިން މެދުމިން ބަޔަކުވެސް ވެއެވެ. ނަމަވެސް އޭގެތެރެއިން ގިނަމީހުން ކުޅަ عمل ތައް ހާދަހާ ނުބައިވެގެންވެއެވެ. (66)"
· ގިނަގިނައިން އިސްތިޣްފާރުކުރުން: ރިޒުޤު ހޯދައިދިނުމުގެ ނިޔަތުގައި އަޅާ ﷲ ތަޢާލާގެ ކިބައިން އިޚްލާޞްތެރިކަމާއެކު އިސްތިޣްފާރުކޮށް ފާފަ ފުއްސެވުމަށް އެދުމަކީ ރިޒުޤު ހޯދުމުގެ އެއް ތަޅުދަނޑިއެވެ.
ﷲ ތަޢާލާ ނޫޙް ސޫރަތުގެ 10، 11 އަދި 12 ވަަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. فَقُلْتُ اسْتَغْفِرُوا رَبَّكُمْ إِنَّهُ كَانَ غَفَّارًا ﴿١٠﴾ يُرْسِلِ السَّمَاءَ عَلَيْكُم مِّدْرَارًا ﴿١١﴾ وَيُمْدِدْكُم بِأَمْوَالٍ وَبَنِينَ وَيَجْعَل لَّكُمْ جَنَّاتٍ وَيَجْعَل لَّكُمْ أَنْهَارًا ﴿١٢﴾
މާނައީ: "ފަހެ، ތިމަންކަލޭގެފާނު ވިދާޅުވީމެވެ. ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ގައި ފާފަފުއްސެވުމަށްއެދި، ތިޔަބައިމީހުން ދަންނަވާށެވެ! ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެކަމުގައިވެއެވެ. (10) (އޭރުން) އެކަލާނގެ ތިޔަބައިމީހުންގެ މައްޗަށް ބޯކޮށް (ވެހޭގޮތުގައި) ވާރޭ ފޮނުއްވާނެތެވެ. (11) އަދި މުދާތަކާއި، ދަރިންގެގޮތުން، އެކަލާނގެ ތިޔަބައިމީހުންނަށް مدد ދެއްވާނެތެވެ. އަދި އެކަލާނގެ ތިޔަބައިމީހުންނަށްޓަކައި ބަގީޗާތައް ލައްވާނެތެވެ. އަދި އެކަލާނގެ ތިޔަބައިމީހުންނަށްޓަކައި ކޯރުތައްވެސް ލައްވާނެތެވެ. (12)"
· ޞަދަޤާތްކުރުން:
ދީލަތިކަމާއި، ދަހިވެތިކަމާއި ނުލާ ގިނަގިނައިން ޞަދަޤާތް ކުރުމަކީ ރިޒުޤުގެ ތަޅުދަނޑިތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.
· ﷲ ތަޢާލާއަށް ތަޤްވާވެރިވުން:
ކޮންމެ މުސްލިމަކުވެސް މާތްالله ސުބްޙާނަހޫ ވަތަޢާލާ އެމީހެއްގެ ދީނީ އަދި ދުނިޔޭގެ ކަންކަމުގައި އޭނާއަށް ޝަރަފުވެރިކަން ދެއްވައި، ރިޒުޤު ފޯރުކޮށްދީ، ރިޒުޤުގައި ބަރަކާތް ލެއްވުން އެދޭނަމަ އެމީހަކު، ﷲ ތަޢާލާއަށް ތަޤްވާވެރިވެ ބިރުވެތިވާން ޖެހެއެވެ.
ﷲ ތަޢާލާ ޠަލާޤް ސޫރަތުގެ 2 އަދި 3 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. (وَمَن يَتَّقِ اللَّهَ يَجْعَل لَّهُ مَخْرَجًا ﴿٢﴾ وَيَرْزُقْهُ مِنْ حَيْثُ لَا يَحْتَسِبُ ۚ ) މާނައީ: "އަދި اللَّه އަށް تقوى ވެރިވާމީހާ (ދަންނާށެވެ!) އެކަލާނގެ އޭނާޔަށް ނުކުންނާނެ މަގެއް ދައްކަވާނެތެވެ. (2) އަދި ހީވެސްނުކުރާފަދަ ގޮތްގޮތުން އެކަލާނގެ އޭނާޔަށް رزق ދެއްވާނެތެވެ."