ތަނަވަސްކަމުން ޙަޤީޤީ ފައިދާކުރާނީ ﷲ ތަޢާލާގެ މަގުގަ ހޭދަކުރިވަރަކުން! ނޫނީ އެކަންވާނީ ލިބުނު ބޮޑު ދެރައަކަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 46ސ
ތަނަވަސްކަމުން ޙަޤީޤީ ފައިދާކުރާނީ ﷲ ތަޢާލާގެ މަގުގަ ހޭދަކުރިވަރަކުން! ނޫނީ އެކަންވާނީ ލިބުނު ބޮޑު ދެރައަކަށް!

މިއަދު ކުރިމަތިވެގެން މިއުޅޭ އެންމެ ބޮޑު އެއް މައްސަލައަކީ ތިމާއަކީ އެންމެ ބޮޑު ފައިސާވެރިއަކަށްވާން މަސައްކަތްކުރާ މައްސަލައެވެ. ސުވާލަކީ އެކައުންޓުގައި ކިތަންމެ ގިނަ ފައިސާއެއް ހުރިނަމަވެސް އެމީހަކަށް އިތުރަށް ލިބޭނެ އުފަލަކީ ކޮބައިހެއްޔެވެ؟  

އެންމެ ފަޤީރު މީހާ، އޭނާއަށް ލިބުނު އެއްޗެއް ކައިގެން އޭނާ ހުންނާނީ އުފަލުގައެވެ. ތަނަވަސްމީހާ އޭނާ ބޭނުންވާ އެއްޗެއް ކައިގެން އޭނާވެސް ހުންނާނީ ހަމަ އެފަލުގައެވެ. ތަފާތަކީ ކާން ލިބުނު އެތި ކަމަށްވެދާނެއެވެ.  

އަހުރެންގެ ވިސްނުމުގައި ބޭންކް އެކައުންޓުގައި ކިތަންމެ ފައިސާ ގިނަ ނަމަވެސް އެއިން އެހެން މީހުންނަށް އެހީތެރިވެ ނުދޭނަމަ ކުރާނެ އެއްވެސް ފައިދާއެއް ނެތެވެ. އެހެނީ އެމީހަކަށް މީސްތަކުންގެ ލޯތްބެއް ނުލިބޭނެއެވެ. ހެޔޮދުޢާއެއްވެސް ނުލިބޭނެއެވެ. އަދި ތަޢްރީފެއްވެސް ނުލިބޭނެއެވެ.  

ދެން އޮތީ ޤިޔާމަތް ދުވަހާއިމެދު ވިސްނައިލުމެވެ. ﷲ ތަޢާލާ ތަނަވަސްކަން ދެއްވެވުމުން ﷲ ތަޢާލާގެ މަގުގައި ހޭދަ ނުކުރި މީހުންނަކީ ހިތާމަކުރަންޖެހޭނެ ބައެކެވެ. އެކަމަކު އެމީހަކަށް ލިބުނު މިންވަރަކުން ވީހާގިނައިން ﷲ ތަޢާލާގެ މަގުގައި ހޭދަކޮށްފިނަމަ އެމީހަކު ވާނީ އުފާކުރާނެ މީހަކު ކަމުގައެވެ.  

"އެހެންވެ އަހުރެން ބުނާނީ މީހަކަށް ލިބޭ ތަނަވަސްކަމަށް ފަޚުރުވެރިވާންވީ ބޭންކް އެކައުންޓުގައި ފައިސާގިނަކުރި ވަރަކުން ނުވަތަ ގިނައިން ހުރި ވަރަކުން ނޫނޭ! ﷲ ތަޢާލާގެ މަގުގައި ހޭދަކުރިވަރަކުންނޭ!"  

ﷲ ތަޢާލާ ތަނަވަސްކަން ދެއްވެވި މީހުންނޭވެ! ތިއަބައިމީހުްނނަށް ﷲ ތާޢާލާ ދެއްވެވި ތަނަވަސްކަމުގެ ބޭނުން ހެޔޮގޮތުގައި ހިފާށެވެ! ހުސްއަތާ ދުނިޔެ ދޫކުރާބައަކަށް ނުވާށެވެ! ﷲ ތަޢާލާގެ މަގުގައި ހޭދަކުރާށެވެ! އެއިރުން ދުނިޔެޢާއި ވަކިވެގެންދެވޭނީ ހޭދަކުރި މިންވަރަށްވުރެ އެތައް ގުނައެއް އިތުރަށް ހިފައިގެންނެވެ. ޤިޔާމަތްދުވަހު ތިބާ ވާނީ އެންމެ ބޮޑެތި މަޙުޖަނުންގެ ތެރޭގައެވެ.  

ﷲ ތަޢާލާ ތަނަވަސްކަން ދެއްވެވި މީހުންނޭވެ! ﷲ ތަޢާލާ ތަނަވަސްކަން ދެއްވެވި އެންމެން ﷲ ތަޢާލާގެ މަގުގައި ނިކަން ހޭދަކޮށްބަލާށެވެ! ނިކަމެތި ފަޤީރުންނަށް އެހީތެރިވެދީބަލާށެވެ! ދުނިޔޭގައި ހަމަ އެންމެ ފަޤީރަކުވެސް ނުހުންނާނެއެވެ. ކާނެ އެއްޗެއް ނުލިބިގެން، ބޭސްފަރުވާ ނުކުރެވިގެން. ބޯހިޔާވަހިކަމެއް ނެތިގެން ސަލާންޖަހާނެ މީހުންނެއް ނުތިބޭނެއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން