އެކި ޙާލަތުކުރިމަތިވެގެން މީސްތަކުން ދަރަނިވެރިވެއެވެ. އަދި ދަރަނީގައި ދެބާވަތެއްގެ ދަރަނިވެއެވެ. ފުރަތަމަ ބާވަތަކީ ފައިސާގެ ގޮތުން ދަރާ ދަރަންޏެވެ. ދެވަނަ ބާވަތަކީ މީހަކަށް އަނިޔާވެރިވުމުން ނުވަތަ މީހެއްގެ ހިތުގައި ޖެއްސުމުން ދަރާ ދަރަންޏެވެ.
މީގެ ތެރެއިން ފައިސާގެ ދަރަންޏަށް ދުނިޔޭގައި ޢަޛާބު ނުދެއްވަވާނެތެވެ. އެކަމަކު އެކަން ޤިޔާމަތް ދުވަހު ޙައްލުކުރަންޖެހޭނެތެވެ. މިބުނަނީ އެއީ ޙަޤީޤީ ދަރަންޏެއް ކަމުގައިވާނަމައެވެ. ދަރަނި ނެގުމުގައި ޤަޞްދުގައި މީހަކަށް ދެރައެއް ނުވަތަ ގެއްލުމެއް ދީފިނަމަ އެކަން ދުނިޔޭގައިވެސް އެމީހަކާއި ބައްދަލުކޮށްފައި އެބަހުއްޓެވެ.
ދެން އޮތީ އެންމެ ނުރައްކައުތެރި ދަރަންޏެވެ. އެއީ މީހަކަށް އަނިޔާވެރިވުން ނުވަތަ މީހެއްގެ ހިތުގައި ޖެއްސުން ނުވަތަ މީހަކަށް ދެރައެއް ދިނުން ފަދަ ކަމެއް ކުރުމެވެ. މިބާވަތުގެ ދަރަނި ނެގި މީހަކާއި އެދަރަނި އަރައި ހަމަކުރާނެއެވެ. އެކަމަށް ކިތަންމެ ގިނަދުވަހެއްވެސް ނަގައިފާނެއެވެ. ގިނަ ފަހަރު އެމީހަކާއި އެދަރަނި އަރައި ހަމަކުރާނީ އެމީހަކަށް އެންމެ ބޮޑަށް އަސަރުކުރާނެ ވަޤުތުގައެވެ.
ވީމާ މީހަކަށް އަނިޔާވެރިވެވިފައި ނުވަތަ މީހެއްގެ ހިތުގައި ޖެއްސިފައިވާނަމަ ނުވަތަ ދެރައެއް ދެވިފައިވާނަމަ އެމީހަކާއި ބައްދަލުކޮށް މާފަށް އެދި މައްސަލަ ޙައްލުކުރާށެވެ. ނޫންނަމަ އެކަން އެމީހަކާއި އަރައިހަމަކުރާނީ ކޮންވަޤުތަކު ކިހައި ބޮޑުމިނަކަށްކަން ހިތަށްވެސް ނުގެނެވޭނެއެވެ.
- މަޢުލުމާތު: މުފްތީ މެންކުގެ ދަރުސަކުން