ފުރަތަމަކަމަކަށް ވިސްނާށެވެ! އަހުރެމެންގެ ތެރޭގައި މިއަދު ރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަމަ ވަޑައިގެން ނެތުމަކީ އަހުރެމެންގެ މައްޗަށް ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ އަންގަވާފައިވާ އެއްވެސް ކަމެއް ނުކޮށް ދޫކޮށްލެވެން އޮތް ސަބަބެއް ނޫނެވެ. ސުންނަތާއި ދުރުހެލިވެވެން އޮތް ސަބަބެއް ނޫނެވެ.
އެންމެ ބޮޑު ސަބަބަކީ ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މައްޗަށް ޤުރްއާން ބާވައިލެއްވެވި ރަސްކަލާނގެ އެއިރުވެސް ވޮޑިގެންވީ ފަދައިން މިއަދުވެސް ވޮޑިގެންވާ ކަމެވެ. އަހުރެމެން ކުރާ ހުރިހާ ކަންކަން ދެކެ ދެނެވޮޑިގެންވާ ކަމެވެ.
ވިސްނުންތެރިކަމާއިއެކު އަޑުއަހާށެވެ!
މީހަކު އައިސް ގޭގެ ދޮރުގައި ޓަކިޖެހީއެވެ. ދޮރުހުޅުވިއިރު އަހުރެމްނެގެ ލޮބުވެތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައެވެ. އެހާލަތުގައި އިންތިހާއަށް އުފާނުވާނީ ކޮން މުސްލިމެއް ހެއްޔެވެ؟ މަރުޙަބާ ދަންނަވައި ގެއަށް އަވަހަށް ވަދެވަޑައިގަންނަވަން ދަންނަވަން ބޭނުން ނުވާނީ ކޮން މުސްލިމެއް ހެއްޔެވެ؟ ހަމަ ޔަޤީނުންވެސް ކޮންމެ މުސްލިމަކުވެސް އެކަންކަމަށް ބޭނުންވާނެއެވެ!
އެހެންކަމާއިއެކުގައިވެސް ފުރަތަމަ ސުވާލަކީ ޓީވީން ފެންނަ މަންޒަރު ބަދަލުކޮށްނުލައި ނުވަތަ ޓީވީ ނިއްވާ ނުލައި ގެއަށް މަރުޙަބާކީދާނެ ހެއްޔެވެ؟ މައްސަލައެއް ނެތެވެ. މަރުޙަބާދެންނެވީއެވެ. ވަދެވަޑައިގެންނެވީއެވެ.
ތިބާގެ ދަރިންގެ ގާތުގައި އެކުދިން ތިބީ ނަމާދުކޮށްގެންތޯ؟ ތިބާ ތިއަހުރީ ނަމާދުކޮށްގެންތޯ ސުވާލުކުރައްވަވައިފިނަމަ ޖަވާބުގައި ޢާނއެކޭ ބުނެވޭނެ ހެއްޔެވެ؟ ތިބާއަށާއި ތިބާގެ ދަރިންނަށް ކީރިތި ޤުރްއާން އެނގޭ މިންވަރާއި ކިޔަވާ މިންވަރާއިމެދު ސުވާލުކުރައްވަވައިފިނަމަ އުފާފުޅުވާނެ ފަދަ ޖަވާބެއް ދެވޭނެ ހެއްޔެވެ؟
މިހެންގޮސް ލިސްޓް ދިގުކުރެވިދާނެއެވެ. ސުވާލަކީ ތިމާގެ ދިރިއުޅުން މިއަދު ހުރީ ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ހެއްޔެވެ؟ ދަރިން ތަރުބިއްޔަތުކުރަމުން ގެންދެވެނީ ﷲ ތަޢާލާ އެންގެވިގޮތަށް ހެއްޔެވެ؟ އަމިއްލަ ދިރިއުޅުމާއި ގޭތެރޭގެ ކަންކަން އިންތިޒާމުކުރެވިފައިވަނީ ﷲ ތަޢާލާ އެންގެވި ގޮތަށް ހެއްޔެވެ؟
ޖަވާބަކީ އާނއެކެވެ ކަމަށްވާނަމަ ކިތަންމެހައިވެސް ރަނގަޅެވެ. އެހެންކަމަށްނުވާނަމަ އިތުރަށް ވިސްނައިލާށެވެ! ކަންކަން އަވަހަށް އިޞްލާޙްކޮށްލާށެވެ! ފަށަމުން މިބަޔާންކުރި ފަދަ ސުވާލުތައް ކުރައްވަވަން މިދުނިޔެއަށް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ދެން ވަޑައެއް ނުގަންނަވާނެއެވެ! ނަމަވެސް ޤިޔާމަތް ދުވަހު ﷲ ތަޢާލާ މިފަދަ އެތައް ސުވާލުތަކެއް ކުރައްވަވާނެކަން އެނގެން އެބައޮތެވެ. ވީމާ ޖަވާބުދޭން ތައްޔާރަށް ހުރެވުނު މީހަކަށް ނޫނީ ސަލާމަތްކަމެއް ނުލިބޭނެއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން