ތިބާގެ ބައިވެރިޔާގެ ކިބައިން ހިނިތުންވުން ލިބުމާ ފިރުމާލުން މަދުވާނަމަ ޢަމަލުކުރަން އެންމެ ފައިދާހުރި ގޮތް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 52ސ
ތިބާގެ ބައިވެރިޔާގެ ކިބައިން ހިނިތުންވުން ލިބުމާ ފިރުމާލުން މަދުވާނަމަ ޢަމަލުކުރަން އެންމެ ފައިދާހުރި ގޮތް-

ކޮންމެ މީހަކީވެސް ބައިވެރިޔާގެ ކިބައިން ހިނިތުންވުމާއި އަދި ފިރުމާލުންވެސް ބޭނުންވާނެ މީހެކެވެ. ނަމަވެސް އެކަންކަން ތިމާ ބޭނުންވާ މިންވަރަށް ނުލިބޭ ޙާލަތުވެސް ކުރިމަތިވާނެއެވެ. ގިނަ ފަހަރަށް އެފަދަ ކަންކަން ކުރިމަތިވަނީ މާބޮޑު މައްސަލައެއް އޮވެގެންނެއް ނޫނެވެ. ވަރަށް ކުދިކުދި ކޫސަނި ކަންކަމާއިހުރެވެސް މެދުވެރިވެއެވެ.

ބައިވެރިޔާ ތިބާގެ ގައިގައި ފިރުމާ ނުލައިގެންވެސް އަދި ވާހަކަދެއްކުން މަދުކުރިނަމަވެސް  ކަންބޮޑުނުވާށެވެ. މާނައަކީ އެކަމާ ދެރަވިނަމަވެސް އެއީ އެހައި ބޮޑަށް މާޔޫސްވާ ކަމަކަށް ނުހަދާށެވެ.  

ފުރަތަމަ ކަމަކަށްވެސް ތިބާގެ ކިބައިން ހިނިތުންވުމާއި ފިރުމާލުން އިތުރުކުރާށެވެ! ގެއްލުނުބައި އެނބުރި ލިބުން އަވަސްވާނީ އެއިރުންނެވެ. ދެވަނަ ކަމަކަށް އަމިއްލައަށް ހިތްވަރު ލިބިގަންނަން މަސައްކަތްކުރާށެވެ!  

ފުރަތަމަވެސް ގޮސް ލޯގަނޑެއްގެ ކުރިމަތީގައި ހުއްޓިހުރެ އަމިއްލަ ނަފްސަށް ރަނގަޅަށް ބަލައިލާށެވެ! އެއިރުން ތިބާގެ ގައިން އެއްވެސް ތަނެއް މަދުނުވާކަން އިޙްޞާޞްކުރެވޭނެއެވެ. ހިނިތުންވެލާށެވެ. އެހިނިތުން ލޯގަނޑުން ފެންނާނެއެވެ. އެއިރުން ތިމާއަށް އަދިވެސް ހިނިތުންވެވޭނެކަންވެސް ޔަޤީންކުރެވޭނެއެވެ. ދެން އަމިއްލަ ދެއަތުން ގައިގައި ފިރުމައިލާށެވެ. އެއިރުން ގައިގައި ފިރުމައިލެވުނުކަންވެސް އިޙްޞާޞްކުރެވޭނެއެވެ.  

ބައިވެރިޔާގެ ކިބައިން މާޔޫސްވާހިނދު އޮތީ ހިތްވަރު ލިބިގަންނަން އަމިއްލައަށް މަސައްކަތްކުރުމެވެ. އެމަސައްކަތް އަމިއްލައަށް ނުކުރާނަމަ ދުވަސްކޮޅެއްވާއިރު މީހާ ހުންނާނީ އެކަންކަމުން އަރައިގަންނަން އުނދަގޫވާވަރަށް ބަލިކަށިވެފައެވެ. އެއީ މީހަކަށް ކުރިމަތިވާނެ އެންމެ ނިކަމެތި ޙާލަތެވެ. ޚާއްޞަކޮށް އަންހެނުންނަށެވެ. 

ކިތަންމެ ލޯބިން ފަށާދަތުރުވެސް ތިމާ އުންމީދުކުރި ގޮތަށް ނިންމައިނުލެވުމަކީ ހަމަ ވަރަށް ޢާންމު ކަމެކެވެ. އެއީ އެއްވެސް ޙާލެއްގައި ޚާއްޞަކަމެއް ނޫނެވެ. ބުއްދިވެރިންނަކީ އެދަތުރުގެ ކޮންމެ ހިސާބަކުން އިންޖީނު ހުއްޓުނު ނަމަވެސް އަލުން ސްޓާޓްކޮށްގެން ކުރިއަށް ދިއުމުގެ ޢަޒުމުގައި ދިރިއުޅޭ މީހުންނެވެ.  

މުޅި ދުނިޔެއަށް ޢާންމުވެފައިވާ ކަމެއް ތިމާއަށްވެސް ކުރިމަތިނުވާނެ ކަމަށް ޔަޤީންނުކުރާށެވެ! އެހެނަސް އުންމީދުކުރެވިދާނެއެވެ. އުންމީދުކުރުމަކީ މުޅިން ތަފާތުކަމެކެވެ. މައްސަލައަކީ ތިމާގެ އަމިއްލަ އިޚްތިޔާރާއި ބާރު ނުހިންގޭނެ ކަންކަން ޔަޤީންކުރެވޭތީއެވެ. ދިރިއުޅުން ކާމިޔާބުކުރެވޭނީ އަމިއްލައަތް ނުފޯރާފަށުން އެއްވެސް ކަމެއް ޔަޤީންނުކޮށް ދިރިއުޅެން މަސައްކަތްކޮށްގެންނެވެ!

 

- އަލަފް / މިއަދުނޫހަށް

މިއަދު އޮންލައިން