އެންމެ އުފަލުގަ ތިބޭނީ މިގޮތަށް ޢަމަލުކޮށް މިދުޢާކުރާ މީހުންނަށް! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 39ސ
އެންމެ އުފަލުގަ ތިބޭނީ މިގޮތަށް ޢަމަލުކޮށް މިދުޢާކުރާ މީހުންނަށް! އިން ޝާ ﷲ

ދުނިޔޭގެ ކާމިޔާބީގެ ވާހަކަ ދައްކައިފިނަމަ ގިނަ ބައެއްގެ ޚިޔާލަށް ފުރަތަމަވެސް އަންނާނީ މިލިއަނަރުންނާއި ބިލިއަނަރުން ދިރިއުޅޭ ފެންވަރުގައި ދިރިއުޅެވުމެވެ. އެއީވެސް ދުނިޔޭގެ ކާމިޔާބީއެކެވެ. ނަމަވެސް އެންމެ ބޮޑު ކާމިޔާބީއަކީ އަދި އެއީއެއް ނޫނެވެ!  

ސަބަބަކީ ދުނިޔޭގައި އެންމެ ބޮޑު ކަންބޮޑުވުމުގައި އުޅޭނީ ތަނަވަސް މީހުންނެވެ. ނަތީޖާއެއްގެ ގޮތުން ޅަ، ޒުވާން ޢުމުރުގައިވެސް ތަނަވަސް ގިނަ ބައަކަށް އުޅެންޖެހެނީ ކޮންމެވެސް ބަލިތަކެއްގައެވެ. ވިސްނަން ހަދައިގެން ލޭމައްޗަށްދާތީއެވެ. މާމީރުކޮށް އަދި ބޭނުންހައިވަރަކަށް ކާންލިބޭތީ އެހެން ކޮންމެވެސް އެއްޗެއް މާމައްޗަށް ގޮސްގެންނެވެ.  

އެހެންވެ ގިނަ ވާނީ ބޭހަކާއި ނުލައި ނުވަތަ ކޮންމެވެސް ކަމަކުން ސިކުނޑި ގޮއްވާނުލައި ނުވެސް ނިދޭމީހުންނެވެ. އެހެންކަމަށްވާއިރު ތަނަވަސްކަން އިތުރުވުމުން ލިބުނު ކާމިޔާބީއަކީ ކޮބައިހެއްޔެވެ؟  

ދެނަ ބަލައިލަމާ ހިނގާށެވެ!  

ވަޤުތު ޖެހުމުގެ ކުރިން މިސްކިތަށް އަރައި ތައްޔާރުވެލައިގެން ނަމާދުކުރާ މީހުންނާއި ވަޤުތުޖެހުމުން މުސައްލަ މައްޗަށް އަރާ އަންހެނުން އެމީހުންގެ ހަށިފޮޅައިލާނެއެވެ! އެމީހުންގެ ހިތްތައްވަނީ ފުދިގެންކަމާއި ﷲ ތަޢާލާގެ މަގުގައި ޘާބިތުވެ ތިބިކަން ހާމަކުރާނެއެވެ. ބޭނުމީ އާޚިރަތްކަން ހާމަކުރާނެއެވެ. 

ﷲ ތަޢާލާއަށް ދަންނަވާނެތެވެ! "ޔާ ﷲ! މިއަޅާ މިހުރީ މިނަމާދަށްވެސް އައިހެވެ. މިއަޅާގެ އެދުމަކީ މިއަޅާކުރާ ނަމާދު ޤަބޫލުފުޅު ކުރެއްވެވުމެވެ. ދުނިޔެއިން މިއަޅާއަށް ދެއްވެވި މިންވަރަށް މިހުރީ ފުދިގެންނެވެ. ޔާ ﷲ! މިއަޅާގެ ދުނިޔެއަށްވުރެ މިއަޅާގެ އާޚިރަތް ބާއްޖަވެރިކުރައްވަވައި ދެއްވަވާނދޭވެ!" އާމީން 

މިފަދައިން ދަންނަވާ މީހުން ތިބޭނީ އުފަލުންނެވެ! ހިތްހަމަޖެހިގެންނެވެ. ބަލިތައް ޖެހުންވެސް މަދުވާނެއެވެ. ބޭހެއް ނުވަތަ އެހެންވެސް އެއްޗެއްގެ ބޭނުން ނުކޮށް ނިދައިވެސްލެވޭނެއެވެ.  

ދެން ނިކަން ބުނެބަލާށެވެ! ދުނިޔޭގެ ކާމިޔާބީ އަކީ ކޮބައިހެއްޔެވެ؟ އުފާވެރިކަމުގައި ތިބެވެނީ ކޮންބައަކަށް ހެއްޔެވެ؟ ހަމަ ކޮންމެ މީހަކަށްވެސް އެންމެ އުފަލުގައި ދުނިޔޭގައި ނުއުޅެވެންވީ ކީއްވެގެން ހެއްޔެވެ؟

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން