ކައިވެނިކުރެވުން ލަސްވެގެން ކަންބޮޑުވާނަމަ އެނަގައިލެވެނީ ﷲ ތަޢާލާ ދެއްވަވަން އޮތް ރަނގަޅު ބައިވެރިޔާ ލިބުމުގެ ފުރުޞަތު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ
ކައިވެނިކުރެވުން ލަސްވެގެން ކަންބޮޑުވާނަމަ އެނަގައިލެވެނީ ﷲ ތަޢާލާ ދެއްވަވަން އޮތް ރަނގަޅު ބައިވެރިޔާ ލިބުމުގެ ފުރުޞަތު-

ކައިވެނިކުރަން ބޭނުންވެ ރަނގަޅު ބައިވެރިއަކަށް އިންތިޒާރުކުރަންޖެހިއްޖެނަމަ ގިނަ ބައަކަށް އެކަންވަނީ ވަރަށް ބޮޑު ކަމަކަށެވެ. ކެތްތެރިކަން ކޮޅުންލައި ފާފަތައް ކުރެވެން ފަށައެވެ. މިއީ މީހަކަށް ލިބޭނެ އެންމެ ބޮޑު ދެރައެވެ. އެއިރުން އެނަގައިލެވެނީ ﷲ ތަޢާލާ ތިމާއަށް ދެއްވަވަން އޮތް ރަނގަޅު ބައިވެރިޔާ ލިބުމުގެ ފުރުޞަތުކަމަށްވާތީއެވެ.  

ރަނގަޅު ބައިވެރިއަކު ލިބުން ލަސްވެ އިންތިޒާރުކުރަންޖެހިއްޖެނަމަ ޔަޤީންކުރަންވީ އަދި އެކަމުގެ ވަޤުތު ނުޖެހެނީކަމެވެ. ވަޤުތު ޖެހުމުން ރަނގަޅު ބައިވެރިއަކު ދެއްވަވާނެ ކަމެވެ. އެކަން ޔަޤީންކޮށް ދުޢާކުރުންމަތީގައި ހުރެއްޖެ މީހަކަށް ރަނގަޅު ބައިވެރިއަކު ދެއްވަވާނެތެވެ. އިން ޝާ ﷲ  

އެއްވެސް ކަމަކަށް އެދި ﷲ ތަޢާލާއަށް ދަންނަވަމުން ގެންދާއިރު އެކަމެއް ނުފުދި ލަސްވުމަކީ އުފާކުރަންޖެހޭނެ ކަމެކެވެ. އެއީ އުފާވެރި ދިރިއުޅުމަކަށް އަދި ބައިވެރިޔާގެ ލޯތްބަށް އެދިގެން ނަމަވެސްމެއެވެ. އަދި ޙަޔާތަށް ރަނގަޅު ބައިވެރިއަކު ދެއްވެވުން އެދިގެން ނަމަވެސްމެއެވެ.  

އެމީހަކު އެދޭ ކަންކަން ހިންމަވައި ނުދެއްވަވައި ލަސްވާނަމަ އެއީވެސް ބޮޑު ރަހްމަތެކެވެ. އެހާލަތުގައި ބަލަންވީ އެފަދަ ނިޢުމްތަކާއި އެހެންވެސް ނިޢުމަތްތައް ދެއްވަވާފައިވާ އަޅުންނަކަށް ނޫނެވެ. ތިބާއަށްވުރެ މަދުން ދެއްވަވާފައި އަޅުންނަށެވެ.  

ތިބާއަށް އުފާވެރިކަމާއި އާރާއި ބާރާއި ތަނަވަސްކަން ދެއްވަވައިފިނަ ޝުކުރުވެރިވާށެވެ! އަދި އެއިން ކަމެއް ނުދެއްވެވިނަމަވެސް ޝުކުރުވެރިވާށެވެ! އަބަދުވެސް ހަނދާނުގައި ބަހައްޓަންއޮތް  އެންމެ ބޮޑު ކަމަކީ ﷲ ތަޢާލާ ނިޢުމަތްތައް ދެއްވަވާނީ އެކިމީހުންނަށް އެކި މިންވަރަށް ކަމެވެ. އެއީވެސް ކުރިމަތިކުރައްވަވާ އިމްތިޙާނެއް ކަމެވެ.  

މިޘާލަކަށް ތިބާއަށް ބައިވެރިއަކު ނުދެއްވަވަނީއެވެ. ނުވަތަ ދެއްވަވާފައިވާ ބައިވެރިޔާގެ ކިބައިން އުފާ ނުލިބެނީއެވެ. ހިތްހަމަޖެހުން ނުލިބެނީއެވެ. އެހާލަތުގައި ބަލަންވީ އުފަލުގައި އުޅޭ މީޙުންނަކަށް ނޫނެވެ. ހިތާމައާއި ހިތްދަތިކަމުގައި އުޅެންޖެހުމުން ދިރިއުޅުމާއި ހަނގުރާމަކުރަމުންދާ މީހުންނަށެވެ.  

ހަމަ އެއާއިއެކު މިރޭވެސް ހަނދާންކޮށްލައިދެމެވެ. ކޮންމެވެސް ކަމަކަށް އެދި ތިބާ ދުޢާކުރަމުން ގެންދާތާ އެތައް ދުވަހެއްވީއެވެ. ހިންމަވައެއް ނުދެއްވަވައެވެ. އެކަމަކުވެސް ތިބާ ﷲ ތަޢާލާގެ ހަޟްރަތުން އުންމީދު ކަނޑައެއް ނުލައެވެ. ދިރިއުޅެމުން އަންނަނީ ކުރާ ދުޢާ ޢިޖާބަކުރައްވަވާނެ ކަމުގެ ޔަޤީންކަމާއިއެކުގައެވެ. އެހެންކަމަށްވާނަ، އެގޮތުގައި ތިބާ ހުއްޓައި މަރުވެއްޖެނަމަ ތިބާއަށް ވަޤުތުން ދެއްވަވާ ނިޢުމަތްތައް ލިބުމުން ތިބާގެ ހިތް ފުރި އުތުރިއަރާނެއެވެ. އެހައިވެސް ގިނަ، ބޮޑެތި ނިޢްމަތްތައް ދެއްވަވާނެއެވެ. އިން ޝާ ﷲ

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން