ފަށަމުންވެސް ބުނަން ބޭނުންވަނީ ސިފައަށްވެސް އަދި ޢުމުރަށްވެސް ނުބަލާށެވެ! ހުވަފަތްވެ ޙާލުގައި ޖެހިފައިތިބި އަންހެނުންނާއި އަދި އެކަނިވެރި މައިންނާއި ކައިވެނިކުރާށެވެ! ﷲ ތަޢާލާއަށްޓަކައި ކައިވެނިކޮށް އެކަނބަލުންނާއި އެކަނބަލުންގެ ދަރިން ބަލަހައްޓައިދީފި މީހަކަށް އިން ޝާ ﷲ ، ﷲ ތަޢާލާ ރަޙްމަތް ލައްވަވާނެ މިންވަރު ވަޒަންވެސް ނުކުރެވޭނެއެވެ.
ބައެއް މީހުން ދެކޭ ގޮތުގައި ހުވަފަތް އަންހެނުނަކީ ކައިވެނިކުރަން ކަމުދާނެ ބައެއް ނޫނެވެ. ހުވަފަތް އަންހެނުންނާއި ކައިވެނިކުރުމަކީ ބަދުނަޞީބާއި ކުރިމަތިލާންޖެހިދާނެ ކަމެއް ކަމަށް ބަލައި ހުވަފަތް އަންހެނުންނާއި ކައިވެނިކުރަން ދެކޮޅުހަދާ ބޮޑެތި މުޖުތަމަޢުތައްވެސް އެބަހުއްޓެވެ.
މިއީ ވަރަށް ނުބައި ވިސްނުމެކެވެ. އެންމެހައި މީސްތަކުންގެ ތެރެއިން އެންމެ މާތް ކުރެއްވެވި އިންސާނަކީ ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމައެވެ. އިތުރުއެކަލޭގެފާނުގެ ކައިވެނިފުޅުތަކަށް ބަލާށެވެ. ޢާއިޝަތުގެފާނު ފިޔަވައި އެހެން ހުރިހާ އަނބިކަނބަލުންނަކީ ހުވަފަތް ބޭކަނބަލުން ނުވަތަ ކައިވެނިފުޅު ރޫޅިފައިވާ ބޭކަނބަލުންނެވެ.
ހުވަފަތް އަންހެނުންނާއިއެކު ތިބޭ ދަރިންނަކީ ޔަތީމްކުދިންނެވެ. ހެޔޮ ގޮތުގައި އެކުދިން ބަލައި ބޮޑުކުރުމަކީ އެންމެ މަތިވެރި އެއް އަޅުކަމެވެ. ސުވަރުގޭގައި ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ އާއި އެންމެ އަރިއަހުގައިވެވެން އޮތް ސަބަބެކެވެ.
ކައިވެނި ރޫޅެނީ ހަމައެކަނި އަންހެނުންގެ ކުށަކުން ނޫނެވެ. ވީމާ ކައިވެނި ރޫޅިފައިވާ ކޮންމެ އަންހެނަކީ ނުބައި އަންހެނެއްކަމަށް ނުދެކޭށެވެ. އެމީހުންނަށް އެހީތެރިވާށެވެ. ދެވަނަ ކައިވެންޏެއްކުރަން މަގުފަހިކޮށްދޭށެވެ. އެއީވެސް މީހަކަށް ދިރިއުޅުން ހޯދައިދިނުމެވެ. ދަތި ޙާލުގައި ހުރި މީހަކަށް ދިރިއުޅުމެއް ހޯދައިދިނުމަކީ ވެސް މަތިވެރި އަޅުކަމެކެވެ.
އެކަނިވެރިމައިންނަށާއި ހުވަފަތް އަންހެނުންނަށް ޚާއްޞަ ސަމާލުކަމެއް ދޭށެވެ. އެންމެ ނިކަމެތިޙާލުގައިވާ ބައަކީއެއީއެވެ. ވީމާ އެމީހުންނާއި ކައިވެނިކުރާށެވެ. ނޫންނަމަ ކައިވެނިކުރަން އެހީތެރިވެދޭށެވެ. އެމީހަކަށް ﷲ ތަޢާލާގެ ރުއްސެވުން ލިބިގެންދާނެއެވެ. އިން ޝާ ﷲ
- މުފްތީ މެންކުގެ ދަރުސަކުން