ފަހު ޒަމާނަށް އައުމުން އުޅޭނެ އެންމެ ނުރައްކާތެރި މީހުންނަކީ ކޮބައިކަން އެނގޭހެއްޔެވެ. އެއީ ހެޔޮކަންތައްކުރަން އަމުރުކުރަމުން މީސްތަކުން ދީނާއި ދުރަށް ގެންދުވާ މީހުންނެވެ. މީސްތަކުންނަށް ފާފަކުރަން ހިތްވަރުދޭ މީހުންނެވެ. މީސްތަކުން ފާފަކުރުމުން އެކަން ކަމަކަށް ނުހަދައި ދޫކޮށްލާ މީހުންނެވެ.
އެއީ ބައަކަށް ކުރެވޭނެ އެންމެ ބޮޑު ފާފައެވެ. އެހެނީ އެފަދަ މީހުންގެ ސަބަބުން މުޖުތަމަޢުތަކުގައި ފާފަކުރުން ދާނީ އިތުރުވަމުންނެވެ. މީސްތަކުންގެ ހިތްތަކުން ފާފަކުރަން ބިރުވެތިކަން ނެތިގެންދާނެތީއެވެ. ފާފައަކީ ފާފައެއްކަމަށް ޤަބޫލުނުކުރެވޭ ހިސާބަށް ކަންކަން ދާނެތީއެވެ.
އެފަދަ މީހުން މީސްތަކުންގެ ކުރިމަތީގައި ﷲ ތަޢާލާ މަތިވެރިކުރާނެއެވެ. ޤުރްއާނާއި ސުންނަތުގެ މަތިވެރިކަމުގެ ވާހަކަތައް ދައްކާނެއެވެ. އިސްލާމް ދީނުގެ މަތިވެރިކަމާއި ދީނުގައި ހުރި ޙުކުމްތަކަކީ އެންމެ މަތިވެރި ޙުކުމްތައް ކަމުގައިވެސް ބުނާނެއެވެ.
މިމޭރުމުން މީސްތަކުންގެ ކުރިމަތީގައި ވާހަކަދައްކާއިރު އެމީހުންގެ އެދުންތައް ގުޅިފައިވާނީ އަމިއްލަ މަޞްލަޙަތާއިއެވެ. ބޭނުންވާނީ ތިމާގެ ދަރަޖަ މަތިވެރިކުރުމަށެވެ. ތިމާގެ ޖީބު ތަނަވަސްކުރުމަށެވެ. އެމީހުންގެ ގާތް އެކުވެރިންނަށް ރަނގަޅު ގޮތްތައް ހޯދައިދީގެން އެމީހުންގެ ކިބައިންވެސް ފައިދާތަކެއް ލިބިގަންނާށެވެ.
މިފަދަ ކޮންމެ މީހަކާއިމެދުގައިވެސް ވަރަށް ބޮޑަށް ސަމާލުވާންވާނެއެވެ. އެމީހުން ބޭރުފުށުން ދައްކާ ވާހަކަތަކާއި އެމީހުންގެ ޢަމަލުތަކާއި ދިމާވާ މިންވަރު ވަޒަންކުރަންވާނެއެވެ. ނޫންނަމަ އިސާހިތަކު ﷲ ތަޢާލާގެ ދީނުން ބޭރުވެވިގެން ހިނގައިދާނެއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން