ތިބާއަށް ހިތްދަތި ޙާލަތެއް ކުރިމަތިވިޔަސް އަދި އަޅުކަމާ ދުރުހެލިވެވޭކަމަށް ހީވިޔަސް އެކަންކަމުން އަރައިގަންނަން ކުރަން އޮތް 5 ކަންތައް-: ބިލާލް އައްސަދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 46ސ
ތިބާއަށް ހިތްދަތި ޙާލަތެއް ކުރިމަތިވިޔަސް އަދި އަޅުކަމާ ދުރުހެލިވެވޭކަމަށް ހީވިޔަސް އެކަންކަމުން އަރައިގަންނަން ކުރަން އޮތް 5 ކަންތައް-: ބިލާލް އައްސަދު

ތިބާއަށް ހިތްދަތި ޙާލަތެއް ކުރިމަތިވިޔަސް އަދި އަޅުކަމާ ދުރުހެލިވެވޭކަމަށް ހީވިޔަސް އެކަންކަމުން އަރައިގަނެ ހަމަޖެހުމާއި އުފާވެރިކަން ލިބިގަންނަން ކުރަން އޮތް 5 ކަންތައް ބުބެލާނަމެވެ. މި 5 ކަމުން އެއްވެސް ކަމެއް ދޫކޮށްނުލާށެވެ! 5 ކަންތައް އެކުގައި ކުރަން މަސައްކަތްކުރާށެވެ.  

ކާއެއްޗެއްގެ މީރު ރަހަ ލާނީ އެއްޗެއް ކައްކަން އަޅަންޖެހޭ ހުރިހާ އެއްޗެއް، އަޅަންޖެހޭ މިނަށް އަޅައިގެން ކައްކާފައިވާނަމައެވެ. އެއްވެސް އެއްޗެއް މަދުން ނުވަތަ އަޅަންޖެހޭ މިނަށް ނުއަޅައި ކައްކާފައިވާނަމަ އެއިން ލާންޖެހޭ މީރު ރަހައެއް ނުލާނެއެވެ. އެނޫން ގޮތަކަށް ކައްކާފައި ހުރި އެއްޗެއް ކާން މަސައްކަތްކުރި ނަމަވެސް ރަހަ ފުރިހަމަ ނޫންކަމުގެ އިޙްޞާޞް ކުރެވޭނެއެވެ.  

އެގޮތުން ކުރަން އޮތް ފުރަތަމަ ކަމަކީ ޤުރްއާނާއި ކައިރިވުމެވެ. އެއިގެ ތެރޭގައި ކިޔެވުމާއި މާނަކިޔުމާއި ތަފްސީރުކިޔުމާއި ހިތުދަސްކުރަން މަސައްކަތްކުރުމާއި ޢަމަލުކުރުން ހިމެނެއެވެ.  

ދެވަނަ ކަމަކީ ﷲ ތަޢާލާއާއި އިސްލާމް ދީނާއި މަލާއިކަތުންނާއި ﷲ ތަޢާލާގެ ރަޙްމަތްފުޅާއި ދީލަތިވަންތަކަމާއި މިހެންގޮސް މިފަދަ ހުރިހާ ކަންކަމުގެ ވާހަކަތައް ކިޔައި ތަޤްވާވެރިކަން އިތުރުކުރަން މަސައްކަތްކުރުމެވެ.  

ތިންވަނަކަމަކީ ފަރުޟްތައް އަދާކުރަމުން ސުންނަތް އަޅުކަންކުރުން ގިނަކުރުމެވެ. އެގޮތުން ފުރަތަމަ ކަމަކަށް ފަރުޟް ނަމާދުތަކަށް ރައްކައުތެރިވާށެވެ. ދެވަނަ ކަމަކަށް ސުންނަތް ނަމާދުތަކަށް ރައްކައުތެރިވާށެވެ. ގިނަގިނައިން ވުޟޫކޮށް ވުޟޫމަތީގައި ހުންނަން ގަދައަޅައި މަސައްކަތްކުރާށެވެ.  

ހަތަރުވަނަ ކަމަކީ ޞަދަޤާތް ކުރުމެވެ. ފައިސާއިން ޞަދަޤާތް ކުރުމުގެ އިތުރުން، ނުވަތަ ފައިސާއިން ޞަދަޤާތް ކުރުމުގެ ތަނަވަސްކަން ނެތަސް އެހެން މީހުންނަށް ކޮންމެވެސް ކަމަކުން އެހީތެރިވެދޭށެވެ. މީހުންގެ ހިތްހަމަޖައްސައިދޭށެވެ. ހިނިތުންވާށެވެ. ގުޅުން ބަދަހިކުރާށެވެ. ވޭނުގައިވާ މީހުންގެ އަޑުއަހާށެވެ! މަގުގެއްލިފައިވާ މީހުންނަށް މަގުދައްކައިދޭން މަސައްކަތްކުރާށެވެ!  

ފަސްވަނަ ކަމަކަށް ރަނގަޅު ހެޔޮލަފާ މީހުންނާއިއެކުގައިވާށެވެ! ތިބާއަށް ހެޔޮ ކަންކަން ކުރަން ވަޞިއްޔަތްކުރާ އަދި ނުބައި ކަންކަން ނުކުރާ މީހުންނާއިއެކުގައިވާށެވެ!  

މި 5 ކަންތަކުގައި ޘާބިތުވެއްޖެ މީހަކަށް ހެޔޮ ގޮތްތައް މިންވަރުކުރައްވަވާނެތެވެ. ހިދާޔަތު ދައްކަވާނެތެވެ. އިން ޝާ ﷲ

 

- ބިލާލް އައްސަދުގެ ދަރުސަކުން

 

 

މިއަދު އޮންލައިން