ސުވަރުގެ ވަނުމަށް އެދޭ މީހުންގެ ކިބައިގައި ހުރުން ލާޒިމް ސިފަތައް ބައިވަރެވެ. އެއިގެ ތެރެއިން މިބުނެދެނީ އެމީހަކަށް ސުވަރުގެ ދެއްވަވާނެ 2 ސިފަ ބަޔާންކޮށްދެއްވަވަމުން ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްފުޅު ކުރައްވަވާފައިވަނީ 2 ކަމެކެވެ.
އެއިގެ ތެރެއިން ފުރަތަމަ ކަމަކީ ތަޤްވާވެރިކަމެވެ. ތަޤްވާވެރިކަމަކީ އެމީހަކާއި ﷲ ތަޢާލާ އާއި ދެމެދުގައި އޮންނަ ގުޅުމެވެ. އިތުރު ތަފްޞީލް ބަޔާންކުރާނަމަ ﷲ ތަޢާލާގެ އަމުރުފުޅުތަކަށް ކިޔަމަންތެރިވުމެވެ. ކިޔަމަންތެރިވުމުގައި ކުރިއަރައިދާން މަސައްކަތްކުރުމެވެ.
ދެވަނަ ކަމަކީ ރިވެތި އަޚްލާޤެވެ. އެއީ އެހެން މީހުންނާއިމެދު ކަންތައްކުރާ ގޮތެވެ. އެންމެންނަށްވެސް ހެޔޮކޮށް ހިތުމެވެ. އެއީ މުސްލިމަކު ނަމަވެސް ކާފިރަކު ނަމަވެސް އެމީހަކަށް ހެޔޮކޮށް ހިތުމެވެ. ވަކިމީހަކު އިސްތިސްނާ ނުކޮށް އެންމެންނަށް ހެޔޮކޮށް ހިތަންޖެހެނީ ކޮންމެ މީހަކީވެސް ﷲ ތަޢާލާ އުފައްދަވާފައިވާ މަޚްލޫޤަކަށްވާތީއެވެ.
އެހެންކަމަށްވާއިރު ތިމާގެ އަނބިދަރިންނަށާއި ފިރިންނަށާއި މައިންބަފައިންނަށާއި ރަޙިމުގެ ގުޅުން ބަހައްޓަންޖެހޭނެ މީހުންނަށް ހެޔޮކޮށް ހިތަންޖެހޭނެ މިންވަރު ހިތްމައްޗަށް ގެންނާށެވެ! އެމީހުންނަށް ހެޔޮކޮށް ނުހިތައި ސުވަރުގެ ވަދެވޭނީ ކިހިނަކުންހެއްޔެވެ؟
ވީމާ މީހަކާއި ޚިޔާލުތަފާތުވިނަމަވެސް އަދި އެއީ އެހެންދީނެއްގެ މީހަކު ކަމުގައިވީނަމަވެސް އެމީހަކަށް ހެޔޮކޮށް ހިތާށެވެ! ހެޔޮކޮށް ހިތުން ވާޖިބުވާ މީހުންނަށް (ތިމާގެ އަނބިދަރިންނަށާއި ފިރިންނަށާއި މައިންބަފައިންނަށާއި ރަޙިމުގެ ގުޅުން ބަހައްޓަންޖެހޭނެ މީހުންނަށް) ވަކިން ބޮޑަށް ހެޔޮކޮށް ހިތާށެވެ.
އެއްވެސް މީހަކު ތިބާއަށް ހެޔޮކޮށް ނުހިތިނަމަވެސް އެންމެންނަށްވެސް ހެޔޮކޮށް ހިތަންވީ އެމީހުންނަށްޓަކައެއް ނޫނެވެ. ތިމާ ސުވަރުގެ ވެއްދެވުން އެދިގެންނެވެ.
- މުފްތީ މެންކުގެ ދަރުސަކުން