އިސްލާމްދީނަށް ބަލައިފިނަމަ ކޮންމެ ކަމަކަށްވެސް އިންތަކެއްވެއެވެ. އެއިގެ ތެރޭގައި ނޯކަރުން ލައްވައި މަސައްކަތްކުރުވަންވާނެ އިންތައްވެސް އެނގެން އެބައޮތެވެ. ޙަދީޘްފުޅުގައި އޮތީ ނޯކަރުންނަށްވެސް ބުރައަކަށް ނުވާނެ ވަރަށް އެމީހުން ލައްވައި މަސައްކަތްކުރުވުމަށެވެ. އަދި އޭނާއަށް ބުރަބޮޑުވާ ކަންކަމުގައި އޭނާއަށް އެހީތެރިވުމަށެވެ. މާނައަކީ މަސައްކަތުން ބައެއްގައި ތިބާ ހިފުމެވެ.
ނަމަވެސް އަހަރެމެންގެ ޢާންމު ދިރއުޅުމަށްބަލައިލާއިރު އަނބިންނާއިމެދު ކަންކަން ކުރެވެނީ ކިހިނަކުންހެއްޔެވެ؟ ގިނަ ގޭގޭގައި ފިރިހެން ދަރިފުޅު ކައިވެނިކޮށްގެން ގެއަށް ގެންނަ އަނބިމީހާ ހަދަނީ ގޭގެ ނޯކަރަކަށްވުރެވެސް ދަށު ދަރަޖައިގެ މީހަކަށެވެ. އަދި ކިތަންމެ ބުރަކޮށް މަސައްކަތްކޮށްދިން ނަމަވެސް ޝުކުރުގެ ބަހެއްވެސް ނުބުނެއެވެ. އަބަދުވެސް ދައްކާނީ ނުކުރެވި ހުންނަ ކަންކަމުގެ ވާހަކަތަކެވެ.
މިފަދަ ހާލަތުތަކުގެ ވާހަކަދައްކާތީ އަހަރެންނަކީ އަންހެނުންގެ ފަރާތަށް ބުރަވާ މީހަކުކަމުގައި ބުނުމަކުން މައްސަލައެއް ނެތެވެ. މިވާހަކަތައް ދައްކަން އެބަޖެހެއެވެ. ޖާހިލިއްޔަ ޒަމާނަށް ފައިބައިގެން ދިއުން ހުއްޓުވަން އެބަޖެހެއެވެ.
އަނބިމީހާ ވަޒީފާއަދާކުރާނަމަ ލިބޭ މުސާރައަކީ ހުސްވަންދެން ގޭގެ ޚަރަދުތައް ކުރަންޖެހޭނެ އެއްޗަކަށް ނުހަދާށެވެ! ގެއަށް ބޭނުންކުރަންޖެހޭނީ އޭނާ ހިތުން ރުހުމުން ދިން މިންވަރެކެވެ. އޭނާގެވެސް ބޭނުންތަކެއް ހުންނާނެއެވެ. އޭނާގެވެސް މައިންބަފައިން ތިބޭނެއެވެ. އެމީހުންނަށްވެސް ޚަރަދުކުރަން ބޭނުންވާނެއެވެ.
އޭނާއަށް ޖައްސަންވާނީ ފިރިމީހާގެ މަސައްކަތެވެ. ގޭގެ އެންމެންގެ މަސައްކަތް ޖައްސައިގެން ނުވާނެއެވެ. ޅިޔަނުން ކިތަންމެ ލަހުން ގެއަށް އައިނަމަވެސް ކާންދީ ތަށިތައް ދޮވުމަކީ އޭނާ ކުރަންޖެހޭ މަސައްކަތެއްކަމުގައި ހަދައިގެން ނުވާނެއެވެ!
އިސްލާމް ދީނުގައި އޮތީ އެކަކު އަނެކަކަށް އަޅާލައި އޯގާތެރިވުމެވެ. ދަރިއަކަސްވީނަމަވެސް ބޭރުން ގެނެވުނު ދަރިއަކަށްވީނަމަވެސް ހެޔޮކޮށް ހިތުމެވެ. ލޯބިދީގެން ގެންގުޅުމެވެ. ގޭގެ އަންހެންދަރިންގެ މެދުގައި ހަމަހަމަކަން ބާއްވާށެވެ! ބޭރުން ނަމަވެސް ގެއަށް ގެނެވުމުން އެއް ދަރަޖައެއް ދޭށެވެ! ޢާއލާގައި އުފާވެރިކަން ދެމިއޮންނާނީ އެއިރުންނެވެ. ހިނިތުންވެގެން ތިބެވޭނީ އެއިރުންނެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުންވެސް ލިބޭނީ އެއިރުންނެވެ!
--މުފްތީ މެންކުގެ ދަރުސަކުން