ޢާއިލާގެ އެންމެންނަށްވެސް ދުނިޔޭގައި އުޅެން ޖެހޭނީ އެމީހާ ބުނާ ގޮތަށް ކަމަށް ޤަބޫލުކުރާ ބައަކު އުޅެއެވެ. ގިނަ ބައެއްގެ އަމިއްލަ ޢާއިލާއަށް ބަލައިލިނަމަވެސް މިއަދު މިފަދަ ބައަކު ފެންނާނެއެވެ. އެމީހަކު ނުރުހޭ ގޮތަށް ކިރިޔާ ކަމެއްވާއިރަށް އަތުމުލައްދަނޑީގެ ބާރުގަދަކަން ދައްކާ ބައަކު އުޅޭނެއެވެ. އަތް އިސްކޮށް އަމިއްލަ މައިންބަފައިންނަށާއި އަނބިދަރިންނަށް އަނިޔާކުރާ ބައަކުވެސް އުޅޭނެއެވެ.
އެމީހުންނަށް ހީވެފައި އޮންނަނީ އެމީހުންނަކީ އެންމެ ބާރުގަދަ މީހާ ކަމަށެވެ. އެއީ ވަރަށް ގޯސް ވިސްނުމެކެވެ. އެއްވެސް މީހަކަށް އަނިޔާވެރިވެފައިވާނަމަ އެކަމާއި ކުރިމަތިލާންޖެހޭނެއެވެ. ބަދަލުވެސް ދޭން ޖެހޭނެއެވެ. އަނބިދަރިންނަށް ނަމަވެސް އަދި މައިން ބަފައިންނަށް ނަމަވެސް މެއެވެ. މިކަންކަމަށް ފުންކޮށް އިތުރަށް ވިސްނާށެވެ! މިއީ މުސްލިމުންގެ ކިބައިގައި އެއްވެސް މިންވަރަކަށް ހުރެގެންވާނެ ސިފައެއް ނޫނެވެ!
ގުންޑާއިންނެވެ ބުނެފިނަމަ އެއްބައަކު ވަރަށް ބޮޑަށް ބިރުގަންނާނެއެވެ. ބިރުން ގޮސް ގައިން ހީބިހިވެސް ނަގާނެއެވެ. އެކަމަކު ބުނަން ހެއްޔެވެ؟ ވަރަށް މަދު ގެއެއްގައި ނޫނީ އެބާވަތުގެ ގުންޑާއިން މިހާރު އުޅެއެވެ.
ބުނަން ހެއްޔެވެ؟ އަނިޔާވެރިވުމުގައި ހައްދުފަހަނައަޅާފައިތިބޭ ގޭންގްސްޓާރުންނަކީ ހަމައެކަނި ހަތިޔާރު ހިފައިގެން މަގުމަތީގައި އުޅޭ މީހުންނެއް ނޫނެވެ. މަގުތަކަށް ނުކުމެ މީހުންގެގައިގައި ތަޅައި އަނިޔާކޮށް ތޫނު އެއްޗެތިން ހަމަލަދޭ މީހުންނެއްވެސް ނޫނެވެ. އަމިއްލަ ގޭތެރޭގައި ވެސް އަނިޔާވެރިވާނަމަ އެމީހަކީ ހަމަ ގޭންގްސްޓާރެކެވެ. އަމިއްލަ ޢާއިލީންނަށް އަނިޔާކުރުމުން ގޭންގްސްޓާރުކަން އަދި މާބޮޑުވާނެއެވެ.
ދުނިޔެ ފެށުނީންސުރެ ޖައްބާރުކަން ދެއްކި އެންމެންނާއި މިހާރު ދުނިޔޭގައި ތިބި އެފަދަ އެންމެންނާއި ޤިޔާމަތަށް ދާންދެން އަންނަންތިބި އެފަދަ އެންމެންގެ ބަރުދަން ކިރައިލި ނަމަވެސް ﷲ ތަޢާލާގެ ކުރިފުޅުމަތީގައި މަދިރިއެއްގެ ފިޔައިގެ ބަރުދަންވެސް ނުހުންނާނެއެވެ! ވީއިރު މާ ބާރުގަދަ މީހަކަށް ހެދިގެން އެހެން މީހުންނަށް އަނިޔާވެރިވުމުގައި އޮތީ ކޮން ފައިދާއެއް ހެއްޔެވެ؟
ދުނިޔޭގެ ވެރިކަން ގިނަ ބައަކު ކޮށްފިއެވެ. އެމީހުން ވެރިކަން ކުރި ގޮތް ތާރީޚް ފޮތްތަކުން ފެންނަން އެބަހުއްޓެވެ. ދުނިޔެ ސިއްސުވަލި ކަމަށް ބުނާ އެތައް ބައެއްގެ ނަންތައް ވެސް ފޮތްތަކުން ފެންނަން އެބެހުއްޓެވެ. ތެދެކެވެ. އެމީހުން މުޅި ދުނިޔެއަށް ބާރު ހިންގިއެވެ. ނުފޫޒު ފެތުރިއެވެ.
ވިސްނަންވީ ކަމަކީ ތާރީޚު ފޮތްތަކުން ފެންނަން އެހެރަ ގަދަފަ އެއްވެސް ލީޑަރަކު މިއަދު ދުނިޔޭގައި ނެތްކަމެވެ. ހަމަ އެންމެ ނިކަމެތި މީހާ ފަދައިން މަރުވެ ގޮސްފައިވާ ކަމެވެ. އަދި މިއަދުވެސް މުޅި ދުނިޔެއަށް ބާރާ ނުފޫޒު ފޯރުވާ ލީޑަރުންތައް އުމުރު ހަމަވުމުން މަރުވެގެންދާނެކަމެވެ. ދާދި އިހަށް ދުވަހު ޢަރަބި ކަރައަށް ލަޝްކަރު ފޮނުވައި ތަޅައި ސުންނާފަތިކޮށްލި ޖޯޖް ބުޝް މިހާރު ކޮބައި ހެއްޔެވެ؟ އޭނާގެ އަމުރަށް ކުރި ހަނގުރާމަތަކުގައި މަރުވެ ދިއައީ ކިތައް ހާސް މުސްލިމުންކަންވެސް އެނގޭނެ ގޮތެއް ނެތެވެ.
މިކަންކަމަކީ ވަރަށް ބޮޑަށް ވިސްނަން ޖެހޭ ކަންކަމެވެ. ގޭންގްސްޓާރުން މިދަނީ ގިނަވަމުންނެވެ. އެމީހުންނަކީ މާމުހިންމު ބއަކަށް މިދަނީ ވަމުންނެވެ. އެމީހުންނަކީ އެހައި މުހިންމު ބައަކަށް ވަނީ ކީއްވެގެން ހެއްޔެވެ؟ ހަޤީޤަތަކީ ތިމާ ކުރާ ހުއްދަ ނޫން ކަންކަން ހިމާޔަތް ކުރަން ބައަކު އެމީހުންގެ ބޭނުންކުރާ ކަމެވެ.
މިސާލަކަށް ކޮންމެ ޤައުމެއްގައި ހިންގާ ނައިޓްކްލަބަކަށް ވަން ނަމަވެސް ވަންނަ ހިސާބުން ފެށިގެން އާދައާއި ޚިލާފަށް ވަރުގަދަ ބައަކު ފެންނާނެއެވެ. ސަފާރީސޫޓް ފަދަ ހެދުންތައް ލައިގެން އުޅޭ ބައަކު ފެންނާނެއެވެ. އެފެންނަނީ މިބުނި މީހުންނެވެ. ގޭންގްސްޓަރުންނެވެ. ގުންޑާއިން ކަމަށްވެސް ކިޔައިފާނެއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން